ވީޑިޔޯ ސްޓްރީމިންގެ ޚިދުމަތްދޭ މަޝްހޫރު ނެޓްފްލިކްސް އިން ބަރަކް އޮބާމާގެ ޚާއްސަ ޝޯ އެއް ގެނެސްދިނުމަށް މަސައްކަތް ކުރާކަމަށް އެކުންފުނިން ބުނެފިއެވެ.

ނިޔު ޔޯކް ޓައިމްސްގައި ރިޕޯޓްކޮއްފައިވާ ގޮތުން ނެޓްފްލިކްސްއިން ވަނީ އެމީހުނަށް ޝޯއެއް ކުޅުމަށްޓަކައި އޮބާމާއަށް ހުށައަޅާފައެވެ. އަދި އޮބާމާ ވަނީ އެކަމަށް އެއްބަސް ވެފައިކަމަށްވެސް އެ ވެބްސައިޓްގައި ބުނެފައި ވެއެވެ. ނަމަވެސް އަދި އޮބާމާ ހުށައަޅާއިދޭނީ ކޮންކަހަލަ ޝޯ އެއް ކަމާއި އެ ޝޯގައި ހިމެނޭނީ ކިތަށް އެޕިސޯޑްކަމެއް ނުނިންމައެވެ.

އޮބާމާގެ ތަރުޖަމާނާއި ހަވާލާދީ ނިޔު ޔޯކް ޓައިމްސްގައި ބުނެފައިވަނީ އޮބާމާ އަކީ އަބަދުވެސް އެހެން މީހުން އިންސްޕަޔާ ވާ ފަދަ ވާހަކަތައް ދައްކަން ބޭނުންވާ މީހެއްކަމަށާއި ގިނަ މީހުނަށް ހިއްވަރުދީ ކާމިޔާބު މީހަކަށް އެދުން އެއީ އަބަދުވެސް އޭނާ ކުރަން ބޭނުން ކަމެއް ކަމަށެވެ. އެހެން ކަމުން އޮބާމާގެ ޝޯ އަކީ ވާހަކަ ދައްކައިގެން މީހުން އިންސްޕަޔާ ކުރުވާ ފަދަ ޝޯއެއް ކަމަށް ވުން އެކަށީގެންވާ ކަމެއް ކަމަށް އެ ނޫހުގައި ބުނެފައިވެއެވެ.

އޮބާމާގެ ފޭސްބުކް ފޮލޯކުރާ މީހުންގެ އަދަދު 55 މިލިޔަންގައި އުޅޭއިރު 101 މިލިޔަން މީހުން އަންނަނީ ޓްވިޓާ އިން އޮބާމާ ފޮލޯކުރަމުންނެވެ. ނެޓްފިލްކްސް ބޭނުން ކުރާ މީހުންގެ އަދަދު 117 މިލިޔަނަށްވުރެ ގިނައިރު މިއީ އޮބާމާއަށް އޭނާގެ ބަސް މިހާރަށްވުރެވެސް ގިނަ މީހުނަށް އިއްވުމަށް ލިބިދޭ ފުރުސަތެކެވެ. މި ޝޯގައި އޮބާމާގެ އިތުރުން އޭނާގެ އަންހެނުން މިޝޭލް އޮބާމާވެސް ހަރަކާތްތެރިވާނެ ކަމަށް ވެއެވެ.

ނެޓްފްލިކްސްގެ އިތުރުން އަމިއްލަ ވީޑިޔޯ ސްޓްރީމް ހިދުމަތްދޭ ދެ ކުންފުނި ކަމުގައިވާ އެޕަލް އާއި އެމޭޒަން އިން ވެސް، ވީޑިޔޯ ސްޓްރީމް ސާވިސް ތެރެއަށް އޮބާމާގެ ޝޯއެއް ހުށައަޅައިދިނުމަށް އޮބާމާއާއި ވާހަކަ ދައްކަމުންދާ ކަމަށް ރިޕޯޓްތަށް ބުނެއެވެ.