ކެންޔާގެ އަންހެނަކު މޭކަޕް ކުރާތީ އޭނާގެ ފިރިމީހާ އެކަމާއި ދެކޮޅު ހަދާ އަނބިމީހާ އަށް ޖިންސީ ގޯނާކޮށް އަނބިމީހާގެ ބޯ ބާލައިފިއެވެ.

އިއްޔެ ހިނގި މިހާދިސާ އާއި ބެހޭ މައުލޫމާތު މީޑިއާ އަށް ދެމުން އަންހެން މީހާ ބުނީ އޭނާ މޭކަޕް ކުރާތީ އެކަން ނުކުރަން ފިރިމީހާ އެންގި ކަމަށެވެ. އަދި އޭނާގެ އިސްތަށިގަނޑު ދިގުކޮށް އޮންނާތީ އިސްތަށިގަނޑު ކޮށާލަން ވެސް އެންގިއެވެ. ނަމަވެސް އިސްތަށިގަނޑު ކޮށާލަން ދެކޮޅު ހެދުމުން ފިރިމީހާ ވަނީ ގަދަކަމުން އަނބިމީހާގެ ބޯ ބާލާފައެވެ.

އެއަށް ފަހު އަނބިމީހާ އަށް ހަމަލާދީ ފިރިމީހާ ވަނީ އަނބިމީހާ އަށް ޖިންސީ ގޯނާ ވެސް ކޮށްފައެވެ.

އަނބިމީހާ އަށް މިހާރު ދަނީ ކެންޔާގެ މޮމްބަސާގެ ކޯސްޓް ޖެނެރަލް ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ.

މިދެމަފިރިން ކައިވެނިކޮށްގެން އުޅޭތާ ދިހަ އަހަރު ވެއްޖެއެވެ. ދެމަފިރިންނަށް ވަނީ ދެދަރިން ވެސް ލިބިފައެވެ.

އަނބިމީހާ ބުނީ މޭކަޕް ކުރާތީ މީގެ ކުރިން ފިރިމީހާ އެއްވެސް މައްސަލައެއް ނުޖައްސާ ކަމަށާއި މޭކަޕް ކުރުމާއި ފިރިމީހާ ކުއްލިއަކަށް ދެކޮޅުވީ ކީއްވެކަން ނޭނގޭ ކަމަށެވެ.