ފިންލޭންޑްގައި އަންހެނުން އެކަނި އެރުވުމަށް ހުއްދަދެވިފައިވާ ރަށެއް ހުޅުވައިފިއެވެ. މިގޮތުން މި ރަށަށް ދެވިފައި އޮންނަ ނަމަކީ ސުޕާރޝީ އައިލެންޑްއެވެ. އަދި އެ ރަށަށް އެއްވެއް ފިރިހެނަކު އެރުމަކީ މަނާ ކަމެކެވެ. އެ ރަށަކީ ހަމައެކަނި އަންހެނުންނަށް ހާއްސަކުރެވިގެން ހުޅުވޭ ރިސޯޓެއްކަމުގައިވާއިރު އެރަށުގައި އެއްފަހަރާ 10 މީހުންނަށް ހިދުމަތްކުރެވޭނެއެވެ.

ސުޕާރޝީ އައިލެންޑްގެ ފަހަތުގައިވާ މައި ސިކުނޑިކަމުގައިވާ ކްރިސްޓީނާ ރޮތް ބުނާގޮތުގައި ސުޕާރޝީ އައިލެންޑްގެ މައި ބޭނުމަކީ ހުރިހާ އަންހެނުންނަށްވެސް މުޖުތަމައުގެ ޕްރެޝާރތަކާއި ދުރުވެ އެހެން އަންހެނުންނާއިއެކު އުޅެލުމަށް ފުރުސަތެއް ދިނުމެވެ. ރޮތް ބުނާގޮތުގައި އޭނާ ބޭނުންވަނީ ތަފާތު އާދަޔާޙިލާފް އަންހެނުން އެއްތަނަކަށް ޖަމާވެ އަރާމުކުރުމުގެ ފުރުސަތު ހުޅުވާލާށެވެ. މީގެ އިތުރުންވެސް ރޮތް ބުނާގޮތުގައި އޭނާ މި ރަށް އުފެއްދުމުގެ ކުރިން އޭނާ ދިރިއުޅެ، މަސައްކަތްކޮށް އަދި ނޭވާ ލައިވެސް ހެދީ ފިރިހެނުން ކޮންޓްރޯލްކުރާ ދުނިޔެއެއްގައެވެ. އަދި ދަތުރުކުރަން ފެށުމާއިއެކު އާދަޔާޙިލާފް އެތައް އަންހެނުންނަކާއި ދިމާވެ އެފަދަ މީހުން އެއްތަނަކަށް އެއްވެއްޖެނަމަ ލިބިގެންދާނޭ އުފަލާއި ހިތްހަމަޖެހުމާއި ދޭތެރޭ ވިސްނެން ފެށިކަމަށް ރޮތް ކިޔައިދިނެވެ.

ސުޕާރޝީ އައިލެންޑްއަކީ ކޮންމެ ކޮންމެ އަންހެނަކަށް ދެވޭނޭ ރަށެއް ނޫނެވެ. އެ ރަށަށް އެރުމަށްޓަކައި ފާސްވާންޖެހޭ ވަކި މިންގަނޑުތަކެއް އޮންނައިރު އެރަށަށް އެރުމުގެ ފުރުސަތު ލިބެނީވެސް އެރަށުގެ ވެރިޔާ ކްރިސްޓީނާ ރޮތް އިޙްތިޔާރުކުރާ މީހުންނަށް އެކަންޏެވެ.

އެހެންނަމަވެސް ބައެއް އަންހެނުން ވަނީ ރޮތްގެ މި ރޭވުންތަކަކީ ސީދާ އަންހެނުންނަށް އަމާޒުކޮށް ކުރެވޭ ކަމެއް ނޫންކަމަށާއި އަދި އެއީ ދޮން ނަސްލުގެ މުއްސަނދި އަންހެނުން އެފަދަ އެހެން އަންހެނުންނާއިއެކު އުޅެލުމަށް ދެވޭ ފުރުސަތެއްކަމުގައި ސިފަކޮށްފައެވެ. އަދި އަނެއްބައި އަންހެނުން ވަނީ ރޮތް އިޙްތިޔާރުކުރާ މީހުންނަށް އެކަނި ސުޕާރޝީ އައިލެންޑްގައި ހުރުމަށް ފުރުސަތު ދެވޭތީވެ އެކަމާއިވެސް ފާޑުކިޔައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އިބުރޭ1122

    އަނެއްއަތު ކޮޔެއް ދެއްތޯ.

  2. ކިޔު5

    ތިއީ ނަސްލީ އިމްތިޔާޒާއި ޖިންސީ ތަފާތުކުރުމުގެ ހާއްޔެއް! އެކަމަކު ޔޫރަޕްމީހުން ފޮޑިއެއް ޖެހިއަސް އެވާނީ އެފަދަ ދެވަނައެއް ނެތް ޒަމާނީ މޮޅުފޮޑިއަކަށް!!