ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު ޝާހްރުކް ހާނާއި މަޝްހޫރު ޑައިރެކްޓަރު އާނަންދް އެލް ރާއީ އެކުގައި ފިލްމުތަކެއް އުފެއްދުމަށް އެއްބަސްވެއްޖެއެވެ.

އިންޑިއާގެ ރިޕޯޓްތައް ބުނާ ގޮތުގައި ޝާހްރުކް ހާނާއި ރާއީ އެކުގައި ފިލްމްތަކެއް އުފައްދަން އެއްބަސްވުމަކަށް އައީ ކުރިއަށް އޮތް ފަސް އަހަރަށެވެ. އެ މުއްދަތުގެ ތެރޭގައި ތަފާތު އެކި މެސެޖުތަށް ފޯރުކޮށްދޭ ފިލްމުތަށް އުފައްދާނެއެވެ.

ޝާހްރުކް ހާނާއި ރާއި އެކުގައި ފިލްމުތަކެއް އުފައްދަން ނިންމާފައިވާއިރު ޑިސެމްބަރު މަހުގެ 21 ގައި ރިލީޒް ކުރާ "ޒީރޯ" އަކީ ޝާހްރުކް އެކްޓް ކުރުމުގެ އިތުރަށް އޭނާގެ ފިލްމު ކުންފުނި ރެޑް ޗިލީޒް އެންޓަޓައިންމަންޓާއި ރާއީގެ ކަލާ ޔެލޯ ޕްރޮޑަކްޝަންސް ގުޅިގެން ހަދާ ފިލްމެކެވެ. އަދި އެއީ ރާއީ އާއި ޝާހްރުކް ހާން އެކުގައި މަސައްކަތް ކުރި ފުރަތަމަ ފިލްމުވެސް މެއެވެ.

އަދި މީގެ އިތުރުން ރާއީ ޕްރޮޑިއުސްކޮށް ގެނެސް ދީފައިވާ "ޝުބް މަންގަލް ސާވްދާން" އާއި "ނިއުޓަން" ފަދަ ފިލްމުތަކަކީ ޝާހްރުކްހާނަށް ވަރަށް ކަމު ގޮސްފައިވާ ފިލްމުތަކެއް ކަމަށް ރިޕޯޓުތަށް ބުނެއެވެ،

ރާއީ ޕްރޮޑިއުސްކޮށް ދެން އެންމެ އަވަހަށް ސިނަމާތަކަށް ގެންނާނެ ފިލްމަކީ އަންނަ މަހުގެ 12 ގައި ރިލީޒް ކުރާ ބިރުވެރި ފިލްމެއް ކަމަށްވާ "ތުމްބަޅް" އެވެ.

ރާއީ ޝާހްރުކްހާން އާއި ގުޅިގެން މަސައްކަތް ކުރަން ނިންމާފައިވާއިރު އޭނާ ވަނީ މަޝްހޫރު ސްޓްރީމް ސާވިސް، ނެޓްފްލިކްސްއާ ގުޅިގެން ވެސް އުފެއްދުންތަކެއް ގެނެސް ދޭން ނިންމައިފަ އެވެ. އެގޮތުން އެ ދެފަރާތް ގުޅިގެން ނެރޭ ފުރަތަމަ ވެބް ސީރީޒަކީ އިމްރާން ހާޝިމީ ބަތަލުގެ ރޯލް ކުޅޭ "ދަ ބާޑް އޮފް ބްލަޑް" އެވެ.

ޝާހްރުކްހާން އަކީ ބޮލީވުޑްގެ އެންމެ ބޮޑު އާމްދަނީއެއް ލިބެމުން އަންނަ އެކްޓަރެވެ. އަދި އެއީ މަޝްހޫރު އެތަކެއް ފިލްމެއް ކުޅެދީ ބޮލީވުޑްގެ "ރަސްގެފާނުގެ" ލަގަބު ލިބިފައިވާ ފަންނާނެކެވެ.