"އޭބީސީޑީ" ގެ ކާމިޔާބު ދެ ފިލްމަށްފަހު ފިލްމް އުފައްދާ އަދި ކޮރެއޮގްރާފަރު ރޭމޫ ޑިސޫޒާ އެ ސިރީޒްގެ 3 ވަނަ ފިލްމް ކުރީ ފިލްމް ތަކަށްވުރެ ވަރުގަދަކޮށް ނެރުމަށް ތައްޔާރުވެއްޖެއެވެ.

ރިޕޯޓްތަށް ބުނާގޮތުން މި ފިލްމްގައި ފުރަތަމަ ފަހަރަށް ކެތްރީނާ ކައިފް އާއި ވަރުން ދަވަން އެކުގައި އެއް ފިލްމަކުން ފެނިގެން ދާނެއެވެ. އަދި އެދެތަރިންގެ އިތުރުން ލީޑް ރޯލުން ސަލްމާން ޚާން އާއި ޖެކުއަލިން ފަރްނާންޑޭޒް ވެސް ފެނިގެން ދާނެއެވެ.

މި ފިލްމާއި ގުޅޭގޮތުން ޓްރޭޑް އެނަލިސްޓް ތަރަން އަދާރުސް ބުނެފައިވަނީ މިއީ މިހާތަނަށް ބޮލީވުޑްގައި އުފައްދާ އެންމެ ބޮޑު ނަށާ ފިލްމަށް ވާނެކަމަށެވެ. މިއީ ރޭމޫ ޑިސޫޒާ އާއި ބުޝަން ކުމާރު ގުޅިގެން ޕްރަޑިއުސްކުރާ ފިލްމެކެއެވެ. އަދި މި ފިލްމް ރިލީޒްކުރަން ހަމަޖެހިފައިވަނީ 08 ނޮވެމްބަރ 2019 ގައެވެ. ތަރަން އަދާރުސް އިތުރަށް ބުނީ މި ފިލްމްގައި އެކުލެވޭ ކާސްޓުން 19 މާޗްގައި ރަސްމީކޮށް އިއުލާން ކުރާނެ ކަމަށެވެ.

ރޭމޫ ޑިސޫޒާ މިވަގުތު އުޅެނީ "ރޭސް 3" ގެ މަސައްކަތުގައި އަވަދި ނެތިއެވެ. ރޭސް 3 ގެ މަސައްކަތް މި ޖޫން މަހު ނިމުމާއެކު "އޭބީސީޑީ 3" ގައި ހަރަކާތްތެރިވާ ފަންނާނުންނަށް ހާއްސަ ތަމްރީންތަކެއް ދޭން ފަށާނެކަމަށް ރިޕޯޓްތަށް ބުނެއެވެ. އަދި އަންނަ އަހަރު ފެށުމާއެކު މި ފިލްމްގެ ޝޫޓިން ތަށް ފެށުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ރިޕޯޓްތަށް ބުނާގޮތުންނަމަ މި ފިލްމްގައި ކެތްރީނާ ފެނިގެންދާނީ ޕާކިސްތާން ކުއްޖެއްގެ ރޯލުންނެވެ. އަދި ޖަކުއަލިން ފެންނާނީ ބްރިޓިސް ކުއްޖެއްގެ ރޯލުންނެވެ. މިހާރު އަޑު ފެތުރިފައިވާ ގޮތަށް މިހުރިހާ ކާސްޓުން މި ފިލްމްގައި ހިމެނޭނަމަ މިއީ ކާމިޔާބު ވަރުގަދަ ފިލްމަކަށް ވާނެކަމަށް ގިނަ ބަޔަކު ގަބޫލް ކުރެއެވެ.