ބޮލީވުޑް އެކްޓަރު ރަންބީރް ކަޕޫރަށް މިއަދު 36 އަހަރު ފުރިފައިވާއިރު، އޭނާގެ އާއިލާއާއި ގާތް ފަރާތްތަކުން ދަނީ މިދުވަސް ކުލަގަދަކޮށް ފާހަގަކޮށް ދިނުމަށް ކުރެވެހެން ހުރިހައި މަސައްކަތެއް ކުރަމުންނެވެ.

އެގޮތުން ރަންބީރްގެ މަންމަގެ ފަރާތުން ރޭގައި ހާއްސަ އާއިލީ ޑިނާއެއް ބާއްވާފައިވާއިރު، ރޭގެ 12 ޖެހުމާއެކު ކޭކު ފެޅުންފަދަ ކަންކަން ވެސްވަނީ ކުރިއަށް ގެންގޮސްފައެވެ. ނަމަވެސް މި އުފަންދުވަހުގެ ހާއްސަކަން ރަންބީރަށް އެނގުނީ މިއަދުގެ އަރައިގެން އައި އިރާއެކު އޭނާއަށް ލިބުނު "ސަޕްރައިޒް ކޭކް" އެއްގެ ސަބަބުންނެވެ. އެއީވެސް އޭނާގެ ލޯބިވެރިޔާ އެކްޓްރެސް އާލިއާ ބަޓް އަމިއްލައަށް ތައްޔާރުކޮށް ޑިޒައިންކޮށްފައިވާ ކޭކަކަށް ވާތީއެވެ.

"ހެޕީ ބާތު ޑޭ ސަންޝައިން" މިހެން ލިޔެ އާލިއާ ވަނީ ކޭކު އެޅުމުގެ ތެރޭގައި ނަގާފައިވާ ފޮޓޯއެއްވެސް އާންމުކޮށްފައެވެ. އޭގެ އިތުރުންވެސް ކޭކު ޑިޒައިން ކުރުމުގައި އޭނާ އުޅެމުންދިޔަ ވަގުތު ތަކުގެ ބައެއް ފޮޓޯތައްވެސް މިހާރު މީސްމީޑިއާގައި ދައުރުވަމުން އެބަ ދެއެވެ.

 

އާލިއާ އާއި ރަންބީރުގެ ގުޅުމަށް އަހަރަކާއި ގާތް ވާއިރު، އެދެމީހުން ރައްޓެހި ވެގެން އުޅޭކަން މީގެ ކުރިން އާލިއާ ވަނީ ހާމަކޮށްފައެވެ. އަދި މި ދެމީހުން ކައިވެނިކުރަން އުޅޭ ކަމުގެ އަޑުތަށް ފެތުރިފައިވާ މި ދަނޑިވަޅުގައި އެ ދެތަރިންގެ ކައިވެންޏާއި މެދުގައި ދެކެނީ ކޮން ގޮތަކަށް ތޯ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެމުން ރަންބީރުގެ ބައްޕަ އަދި ކުޅަދާނަ ފިލްމީތަރި ރިޝީ ކަޕޫރު އިންޑިއާގެ ނޫހެއް ކަމުގައިވާ މުމްބާއީ މިރަރ އަށް ބުނީ ރަންބީރާއި އާއިލާގެ ގުޅުމަށް އޭނާ ވަރަށް ރުހޭ ކަމަށެވެ. އަދި އެކަމަކަށް ހުރަސް އަޅާނެ އެއްވެސް ކަމެއް އޭނާ ނުކުރާނެ ކަމަށް ރިޝީ ކަޕޫރު ބުނެފައިވެއެވެ.

ރަންބީރުގެ އުފަންދުވަހާއި ގުޅިގެން ގިނަ އަދަދެއްގެ ބޮލީވުޑް ތަރިންވެސް ދަނީ މީސްމީޑިއާ މެދުވެރިކޮށް އޭނާއަށް ދުވަހުގެ ތަހުނިޔާ ކިޔަމުންނެވެ.