ބޮލީވުޑް އަދި ހޮލީވުޑްގެ ގިނަ ފިލްމުތަކަކުންވެސް ފެނިގެންގޮސްފައިވާ އެކްޓްރެސް ޕްރިޔަންކާ ޗޯޕްރާގެ ކުރިއަށް އޮތް ފިލްމު "ދަ ސްކައި އިޒް ޕިންކް" އިން އޭނާ ހަތަރު ފެނިލުމަކުން ފެނިގެންދާނެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ރިޕޯޓްތަކުގައިވާ ގޮތުން، ޕްރިޔަންކާގެ 30 އަހަރުވީ ދިރިއުޅުން ދައްކައިދިނުމަށް މި ފިލްމުގައި އޭނާ ތަފާތު ހަތަރު ރޯލަކުން ފެނިގެންދާނެއެވެ.

"ޕްރިޔަންކާ މި ފިލްމުގައި ތަފާތު ހަތަރު ފެނިލުމަކުން ފެނިގެންދާނެ. އެއީ އޭނާގެ 30 އަހަރުވީ ދިރިއުޅުމުގެ ތެރެއިން އަންނަ އެކިއެކި ދުވަސްވަރު. މިހާރު ފިލްމުގެ ޝޫޓިންގެ މަސައްކަތް މުމްބާއީގައި ކުރަމުން މިދަނީ" ފިލްމުގެ ޕްރޮޑަކްޝަން ޓީމުގެ މެންބަރަކު ބުނެފައިވެއެވެ.

އެންގޭޖްވުމުން ކަމަށްބުނެ، ޕްރިޔަންކާ ވަނީ އެކްޓަރު ސަލްމާން ޚާން އާއިއެކު އޭނާ ކުޅުމަށް ހަމަޖެހިފައިވާ ފިލްމު "ބާރަތު" ދޫކޮށްލާފައެވެ. ނަމަވެސް އޭގެ ކުޑަ ދުވަސްކޮޅެއް ފަހުން އޭނާ ވަނީ "ދަ ސްކައި އިޒް ޕިންކް" އަށް ސޮއި ކޮށްފައެވެ.

ޕްރިޔަންކާ އާއިއެކު މި ފިލްމުގައި ފިރިހެން ލީޑް ތަރިއެއްގެ ގޮތުގައި އެކްޓަރު ފަރުހާން އަޙްތަރު ހަރަކާތްތެރިވާއިރު، މިއީ ދުވަސްކޮޅެއްގެ މެދުކެނޑުމަކަށްފަހު އަނެއްކާވެސް މި ދެތަރިން އެކުގައި ފެނިގެންދާނެ ފަހަރެކެވެ. އަދި މިއީ ތިން އަހަރުގެ މެދުކެނޑުމަކަށްފަހު ޕްރިޔަންކާ ހިންދީ ފިލްމަކުން އަނެއްކާވެސް ފެނިގެންދާނެ ފަހަރެކެވެ.

"ދަ ސްކައި އިޒް ޕިންކް" ގެ މަސައްކަތްތަށް ކުރުމުގައި ޕްރިޔަންކާ އުޅެމުންދާއިރު، އޭނާގެ ޝެޑިއުލްގައި ހޮލީވުޑް ފިލްމު "ކައުބޯއީ ވިކިންގް ނިންޖާ" ފިލްމުވެސް އެބަ އިނެވެ. އެކަމަކު މި ފިލްމުގެ ޝޫޓިން ވަނީ ކުޑަ ދުވަސްކޮޅަކަށް ލަސްވެފައި ކަމަށް މީގެ ކުރިން ޚަބަރުތައް ވަނީ ބުނެފައެވެ.