އަށާއަހަރުން ދަށުގެ ކުއްޖަކު ރޭޕްކޮށް، ޖިންސީ ގުޅުން ހިންގިކަމުގެ ތުހުމަތުގައި ބޮލީވުޑް އެކްޓްރެސް ކަންގާނާ ރައުނަޓްގެ ހެއާ ސްޓައިލިސްޓް ހައްޔަރު ކޮށްފިއެވެ.

މުމްބާއީ ފުލުހުން ކަންގާނާގެ ހެއާ ސްޓައިލިސްޓް ބްރެންޑަން ހައްޔަރުކޮށްފައިވަނީ އުމުރުން 16 އަހަރުގެ ފިރިހެން ކުއްޖަކު ރޭޕް ކޮށްފައިވާތީއެވެ.

ބްރެންޑަން އަކީ ސައުތު އެފްރިކާއަށް ނިސްބަތްވާ މީހެކެވެ. އޭނާ ހައްޔަރު ކޮށްފައިވަނީ ކަންގާނާ މީގެކުރިން ފިލްމެއްގެ ޝޫޓިން ކުރިއަށް ގެންގޮސްފައިވާ ހިސާބަކުންނެވެ.

ރިޕޯޓްތައް ބުނާ ގޮތުން، ބްރެންޑަން އާއި އޭނާ ރޭޕްކުރި ފިރިހެން ކުއްޖާ ދިމާވެފައިވަނީ ޑޭޓިން އެޕްލިކޭޝަންއެއް މެދުވެރިކޮށެވެ.

ބްރެންޑަންއާއިއެކު މި މައްސަލައާއި ގުޅިގެން ޖުމްލަ 8 ފިރިހެނުން ހައްޔަރުކޮށްފައިވާއިރު، ރޭޕްކުރި ފިރިހެން ކުއްޖާ ވަނީ ދޮގު މައުލޫމާތު ހިމެނޭ ގޮތަށް ޑޭޓިން އެޕްލިކޭޝަންގައި ޕްރޮފައިލްއެއް ހަދައި ގަޔާވަނީ ފިރިހެނުންނާއި ކަމަށް ބުނެފައެވެ. އަދި ބްރެންޑަންގެ އިތުރުންވެސް، މި އެޕްލިކޭޝަން މެދުވެރިކޮށް ދިމާވި އެހެން ފިރިހެނުންތަކެއްވެސް ރޭޕްވި ފިރިހެން ކުއްޖާ އާއި ޖިންސީގުޅުން ހިންގާފައިވާ ކަމަށް ރިޕޯޓްތަކުގައިވެއެވެ.

މި މައްސަލައިގައި ބްރެންޑަން ހިއްސާވާކަން އެނގުނީ ރޭޕްވި ފިރިހެން ކުއްޖާގެ މަންމައަށް އެކަން އެނގިގެން އޭނާ ކުރެ އެހުމުން ޖިންސީ ގުޅުން ހިންގި ފިރިހެނުންގެ ލިސްޓް ކިޔައިދިނުމުންނެވެ.

ބްރެންޑަންއާއިއެކު މި މައްސަލައާއި ގުޅިގެން ހައްޔަރު ކުރި މީހުންގެ ތެރޭގައި ޓީޗަރަކާއި ބިޒްނަސް މޭންއެއްވެސް ހިމެނެއެވެ.

މިކަމާއި ގުޅިގެން މިހާތަނަށް ކަންގާނާ ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. އޭނާ ދަނީ މިވަގުތު ފިލްމެއްގެ ޝޫޓިންގެ މަސައްކަތް ކުރަމުންނެވެ.