އިންޑިޔާގެ މިނިވަންކަމުގެ ބައްޕަ، މަހާތުމާ ގާންދީ ސޮއިކޮށްފައިވާ ފޮޓޯއެއް، ބޮޑު އަގެއްގައި އެމެރިކާގެ ނީލަމެއްގައި ވިއްކާލައިފިއެވެ.

ފައުންޓެން ޕެން އަކުން ގާންދީ ސޮއިކޮށްފައިވާ މި ފޮޓޯ ވިއްކާލާފައިވަނީ 41،806 އެމެރިކާ ޑޮލަރަށް ނުވަތަ 27 ލައްކަ އިންޑިއަން ރުޕީސް އަށެވެ.

"އިންޑިޔާ ޓައިމްސް" ނޫހުން ބުނެފައިވާ ގޮތުގައި މަހާތުމާ ގާންދީ ސޮއިކޮށްފައިވާ ފޮޓޯ އިން ފެނިގެންދަނީ ގާންދީ އާއި މާދަން މޯހަން މަލާވިޔާ އެކުގައި ހިނގާފައިވާ ދާ މަންޒަރެވެ. މާދަން އަކީވެސް މިނިވަންކަން ހޯދުމުގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާ، ކޮންގްރެސްގެ ރައީސެކެވެ.

މީގެއިތުރުންވެސް، ނޫސްތަކުން ބުނެފައިވާ ގޮތުގައި މި ފޮޓޯ ނަގާފައިވާކަމަށް ބެލެވެނީ 1931 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު، އިނގިރޭސިވިލާތުގެ ލަންޑަނުގައި ބޭއްވި އިސްލާހީ ކޮންފަރެންސެއްގެ ތެރެއިންނެވެ.

ގާންދީ އާއި މަލާވިޔާ އަކީ، އިނގިރޭސީންނާއެކު ބޭއްވި އިސްލާޙީ މަޝްވަރާތަކުގައި އިންޑިޔާ ތަމްސީލުކުރި ޑެލިގޭޝަނުގެ ދެ މަންދޫބުންނެވެ.

މަޝްހޫރު ފަރާތްތަކުގެ މިފަދަ ތަކެތި، ބޮޑު އަގުގައި ނީލަމުގައި ގަނެ ވިއްކުމަކީ އާއްމު ކަމަކަށް ވާއިރު، އިނގިރޭސިވިލާތުގެ ޕްރިންސަސް ޑަޔާނާގެ ކޭކުކޮޅެއްވެސްވަނީ ދާދިފަހުން ބޮޑު އަގުގައި ނީލަން ކިޔާފައެވެ.

ކިޔުންތެރިންގެ ހިޔާލު