ބޮލީވުޑަކީ އަބަދުވެސް އައު ޓްރެންޑްތައް ތައާރަފުވަމުން އަންނަ ފިލްމު އިންޑަސްޓްރީއެކެވެ. އެގޮތުން މިހާރު މިވަނީ ކޮންމެ ތަރިއަކުވެސް އަމިއްލަ ޓޯކް ޝޯ އާއި ޕްރޮގްރާމްތައް ހުށަހެޅުން އާންމު ކަމަކަށްވެފައެވެ.

ޑައިރެކްޓަރު ކަރަން ޖޯހަރުގެ މަޝްހޫރް ޓޯކް ޝޯ "ކޮފީ ވިތު ކަރަން" އަށްފަހު މިހާރު ބޮލީވުޑް އެކްޓްރެސް ކަރީނާ ކަޕޫރްވެސް މިވަނީ އޭނާގެ އަމިއްލަ ރޭޑިއޯ ޕްރޮގްރާމެއް އުފައްދާފައެވެ.

"އިޝްޤް 104.8 އެފްއެމް" އިން ކަރީނާ ގެ މި ރޭޑިއޯ ޝޯ ގެނެސްދޭއިރު، އެންމެ ފުރަތަމަ ޝޯގެ ގެސްޓަކަށް ހަމަޖެހިފައިވަނީ ވެސް އާންމުންގެ މެދުގައި މަގުބޫލް ފަންނާނެއް ކަމުގައިވާ ސަނީ ލިއޯންއެވެ.

ކަރީނާ އާއި ސަނީ ލިއޯން އެކުގައި ނަގާފައިވާ ބައެއް ފޮޓޯތައް މިހާރު މީސްމީޑިއާގައި ދައުރުވަމުން ދާއިރު، މި ފޮޓޯއިން ފެންނަނީ ދެމީހުންގެ ދެމެދަށް ވާ ކަހަލަ ގޮތަކަށް މޭޒުމަތީ ބޮޑު މައިކެއް ހަރުކޮށްފައި ހުރި ތަނެވެ.

އަދި ކަރީނާ އާއި ސަނީގެ ފަހަތުގައި ހުރި ފޮޓޯ ފްރޭމްތަކުގެ ތެރެއިން "ގާލް ޕަވާ" ކުރުގޮތަކަށް ލިޔެފައި އިންތަން ފެނި، ގިނަ ބަޔަކު ދަނީ އެވާހަކަ ދައްކަމުންނެވެ.

ކަރީނާގެ މި ރޭޑިއޯ ޝޯގެ ފުރަތަމަ މެހުމާނަކަށް ސަނީ ހަމަޖެއްސީ އޭނާގެ ހަޔާތުގައި ގިނަ މީހުން އެނގެން ބޭނުން އަދި އިބުރަތް ހާސިލް ކުރެވޭނެ ފަދަ ވާހަކަތަކެއްގެ ވާހަކަ ދައްކާލުމަށް ކަމަށް ރިޕޯޓްތަކުގައިވެއެވެ.

ހެޑްފޯނަކާއި މައިކެއް ހިފަހައްޓައިގެން ކަރީނާ ހުއްޓި ހުރި ފޮޓޯތަކެއް މި މަހުގެ ކުރީ ކޮޅު ވަނީ އާންމުވެފައެވެ. މިއީ ކަރީނާގެ މި ޝޯއަށް ދިން ސިގްނަލެއްކަން ޔަގީނެވެ.