ބާޒާރު ކުރުމަށް ގޮސް އުޅޭއިރު، ތަފާތު ވައްތަރުތަކުގެ ކާއެއްޗެހި ފެންނާނެއެވެ. އުރައިގައި ލިޔެފައި ހުންނަ ލިޔުންކޮޅު ކިޔާފައި، ކާ ހިތްވެސް ވެދާނެއެވެ. މީރު އެއްޗެއް ކަމަށް އާންމުންގެ މެދުގައި މަޤްބޫލުވެ، އަޑު ފެތުރިފައިވެސް އޮވެދާނެއެވެ. އެކަމަކު އެ އެއްޗެހި ތައްޔާރު ކުރުމަށް ބޭނުން ކުރެވޭ ސާމާނު ތަކުގެ ސަބަބުން، ހަށިގަނޑަށް ކުރާ ނޭދެވޭ އަސަރުތަކުގެ މަތިން ހަނދާން ނައްތާނުލާށެވެ. މި ފަދަ ބައެއް ތަކެތި ތިރީގައި މި ވަނީއެވެ.

ޕާރމް އޮއިލް

މިއީ އަގުހެޔޮ ތެލަކަށް ވުމުން، ވަރަށް ގިނަ ކާ އެއްޗެހީގައި މި ތެޔޮ ހިމެނެއެވެ. އެހެންނަމަވެސް، ޔުނިވާރސިޓީ އޮފް މޮންޓްރިއަލްގެ ފަރާތުން ކުރި ދިރާސާއެއްގެ ނަތީޖާއިން ދައްކާ ގޮތުގައި، މިއީ ހަށިގަނޑުގައި ސަރުބީ ޖެހުމުގައި ވަރަށް ބޮޑު ދައުރެއް އަދާ ކުރާ އެއްޗެކެވެ. އަދި މި މާ ގިނައިން ބޭނުން ކުރެވިއްޖެނަމަ، "އޮބޭސިޓީ" ފަދަ ނުރައްކާތެރި ބަލަތައް ޖެހުމުގެ ފުރުސަތު ބޮޑުވާނެއެވެ.

އާރޓިފިޝަލް ކަލާސް

މިއީ މީހުންގެ ހިތްދަމައިގަތުމަށް، ކާ އެއްޗެހި އުފައްދާ ފަރާތްތަކުން ބޭނުން ކުރާއެއް އުކުޅެވެ. އަސްލު ހަޤީޤީ ކުލައިގެ މައްޗަށް 'އާޓިފިޝަލް' ކުލަ އަޅައިގެން ކާ އެއްޗެހީގެ ކުލަ ރީތިކޮށް މީހުން ގަންނަ ހިތް ކުރުވައެވެ. ކުޑަކުދިންގެ ބައެއް ބޭސްތަކުގައި ވެސް މި ފަދަ 'އާޓިފިޝަލް' ކުލަ އަޅާފައި ހުރެއެވެ. ކޮންމެއަކަސް، ދިރާސާ ކުރާ ފަރާތްތަކުން ބުނާގޮތުގައި، މި ފަދަ 'އާޓިފިޝަލް ކަލާސް' އެންމެ ގިނައިން އެކުލެވިގެން ވަނީ 'ސޮފްޓް ޑްރިންކްސް' ތަކުގައެވެ.

މޮނޯސޯޑިއަމް ގުލްޓަމޭޓް

މިއީ ލޮނުގައި ހިމެނޭ އެސިޑްގެ ބާވަތެކެވެ. އާންމުގޮތެއްގައި ޓޭކްއަވޭ ތަކުގައި ހިމެނޭ މި ބާވަތުގެ ސަބަބުން ބޮލުގައި ރިއްސުމަށް މެދުވެރިވެއެވެ. ވަކިން ހާއްސަކޮށް މައިގްރޭން ހުންނަ މީހުންނަށް މިކަމުގެ ވޭން ބޮޑުކަމަށް ވެއެވެ.

ސޯޑިއަމް ނިޓްރޭޓްސް

މިއީ އާންމުގޮތެއްގައި ޗިކެން ނަގެޓްސް ފަދަ މަހުގެ ބާވަތްތަކުގައި ހިމެނޭ އެސިޑްގެ ބާވަތެކެވެ. މިކަމަށް އޮތް އެންމެ ރަނގަޅު ހައްލަކީ، ތާޒާ މަސްކޮޅެއްގައި އަމިއްލައަށް މި ފަދަ އެއްޗެއް ގޭގައި ތައްޔާރު ކުރުމެވެ.

ހައި ފްރޮކްޓޮސް ކޯން ސިރަޕް

މިއީ އާންމު ގޮތެއްގައި ފޮނި އެއްޗެހީގައި ބޭނުންކުރެވޭ ސިރަޕެކެވެ. ދިރާސާކުރައްވާ ފަރާތްތަކުން ބުނާ ގޮތުން މި ފަދަ ސިރަޕް އެކުލެވޭ ކާ އެއްޗެހި ކާ ނަމަ، އާދަޔާ ޚިލާފަށް ބަރުދަން އިތުރުވެ، 'ލޮކި' މަސް ޖެހުން ގާތެވެ.

ވީމާ ކެއުމުގެ ކުރިން، ތިމާއަށް ތި ކެވެނީ ހަށިގަނޑަށް ކިހާ ގެއްލުން ހުރި އެއްޗެއްތޯ ބަލާލުން މުހިންމެވެ.