އިންޑޮނޭޝިއާއަށް އުފަން އެއާ ޓްރެފިކް ކޮންޓްރޯލަރަކަށް ތައުރީފް އޮއްސަމުން އެބަދެއެވެ. އޭނާގެ ފުރާނައަށް ބެލުމެއް ނެތި، އެހެން ބައެއްގެ ފުރާނަ ސަލާމަތް ކުރުމަށް، ބިންހެލުމުގެ އަސަރުތައް އެ ހިސާބަށް ކުރަމުންދިޔައިރުވެސް، އެ ޓަވަރުގައި އޭނާ މަޑުކުރީ މަތިންދާ ބޯޓު ފުރުވާލާށެވެ. އޭނާ އެތަނުން ތެދުވީ އެ މަތިންދާ ބޯޓު ފުރުވާލުމަށްފަހުއެވެ.

މިދިޔަ ހުކުރު ދުވަހު ސުލަވަސީ އައިލޭންސް އަށް އެތައް ބައިވަރު ބިންހެލުންތައް އައިއިރު، އުމުރުން 21 އަހަރުގެ އެންތޯނިއަސް ގުނަވަން އަގުންގ ނަމަކަށް ކިޔާ އެ އެއާ ޓްރެފިކް ކޮންޓްރޯލާ އުޅުނީ ޕަލުސް މަލްޓިއާރާ އެސްއައިއެސް އަލް-ޖުފްރީ އެއާޕޯޓްގެ ޓަވަރުގައި، އޭނާގެ މަސައްކަތްތައް އަދާ ކުރުމުގައެވެ.

އޮފިޝަލުން ބުނީ، އޭނާ އެވަގުތު ހުރީ ބަޓިކާ އެއާގެ މަތިންދާ ބޯޓެއް ފުރުވާލުމުގެ މަސައްކަތުގައި ކަމަށާއި، އެއިރު އެހެން ކޮންޓްރޯލަރުން އެތަނުން ނުކުމެއްޖެ ކަމަށެވެ. އަދި އޭނާ އުޅުނީ އެ ފްލައިޓް ފުރުވާލުމަށްފަހު އެތަނުން ނުކުންނަން ކަމަށްވެސް އޮފިޝަލުން ބުންޏެވެ.

7.5 މެގްނެޓިއުޑް ބާރުމިނުގައި އެ ބިންހެލުން އައިސްފައި ވަނީ، އެ ފްލައިޓް ފުރުވާލި ތަނުންނެވެ. އެ ވަގުތު ސުނާމީގެ އިންޒާރުވެސް ދީފައިވާއިރު، 800 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެކަމުން ސަލާމަތްވުމަށް އޭނާ ޓަވަރުން ފުންމާލީއެވެ. ހަތަރު ވަނަ ބުރީގައި ހުރި އަގުންގ އެތަނުން ފުންމާލުމުން އޭނާގެ ފައި ބިންދައިގެން ދިޔައިރު، އޭނާގެ އެތެރެހައްޓަށްވެސް ގެއްލުންތަކެއް ވި ކަމަށް ވެއެވެ.

އޭނާ އެ ވަގުތު ކައިރި ހޮސްޕިޓަލަކަށް ގެންދެވުނެވެ. ނަމަވެސް އޭނާ އެހެން ހޮސްޕިޓަލަކަށް ގެންދިއުމުގެ ކުރިން ވަނީ މަރުވެފައެވެ.

އަގުންގގެ މަސައްކަތްތައް ފެނިފައި އެތައް ބަޔަކަށް ހައިރާންކަން ލިބުނެވެ. އަދި އެ ކުންފުނިން މިހާރު ދަނީ އޭނާގެ މަސައްކަތްތަކަށް ފަށްފަށުން ޝުކުރު އަދާ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނާއި

    ސުވާލަކީ ޓަވަރު ވެއްޓުނުތޯ.