އިންޑިޔާގެ ވިޔަފާރީގެ މައި މަރުކަޒު، މުމްބާއީގެ ކާނުގަނޑެއްގެ ތެރެއިން ބޮޑު ކިނބުލެއް ހިފައިފިއެވެ. މި ކިނބޫ ހިފާފައިވީނަމަވެސް، ފެން ހިންދާ ނިޒާމުގެ ތެރެއަށް ކިނބޫ ވަދެފައިވަނީ ކިހިނެއްކަމެއް ހޯދިފައެއް ނުވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ދިގުމިނުގައި 4.4 ފޫޓު ހުރި، މާޝް ބާވަތުގެ މި ކިނބޫ ފެނިފައިވަނީ ހަދަމުންދާ ކޮންސްޓްރަކްޝަން ސައިޓެއްގެ ކައިރީގައި ހުރި ކާނުގަނޑެއްގެ ތެރެއިންނެވެ. އަދި، ކިނބޫ ފެނިފައިވަނީ، އެސައިޓުގެ ކައިރީގައި ހުންނަ ހައުސިންގ ޔުނިޓުތަކެއްގައި އުޅޭ ބަޔަކަށްކަމަށްވެސް މައުލޫމާތު ލިބެއެވެ.

އެފަރާތްތަކުން މިކަން، ކަމާ ބެހޭ ފަރާތްތަކަށް ރިޕޯޓުކޮށްފައިވާއިރު، ކާނު ވަޅުގަނޑުގެ ތެރެއިން ކިނބޫ ނެގުމަށް ހަތް ގަޑިއިރު ހޭދަވެފައިވާކަމަށް ނޫސްތަކުން ބުނެފައިވެއެވެ.

Posted by RAWW on Monday, March 5, 2018

މިކަމާ ގުޅިގެން ކިނބޫ ހިފުމުގެ މަސައްކަތް ކުރި ފޮރެސްޓް އޮފިޝަލުން ބުނެފައިވަނީ އިންސާނުން ދިރިއުޅޭ ސަރަޙައްދެއްގެ ކައިރިން ކިނބުލެއް ފެނުމުން އެކަމާ ހައިރާންވާ ކަމަށެވެ.

އެފަރާތްތަކުން އިތުރަށް ބުނެފައިވަނީ ފެން ހިންދާ ކާނުގަނޑުގެ ތެރެއަށް ކިނބޫ ވަދެފައިވަނީ ކިހިނެއްކަމެއް އަދި ނޭނގެއެވެ. ފެން ހޮޅިތައް ދޫކޮށްފައިވާ ޖަންގަލީގެ ތެރެއިންވެސް ކިނބޫ ވަޅުގަނޑުގެ ތެރެއަށް ވަދެފައިވެދާނެކަމަށާއި އެހެން ނޫނީ، އެކިނބޫ ވަޅުގަނޑުގައި އުޅޭތާ އެތައް އަހަރެއްވެފައިވުން އެކަށީގެންވާ ކަމަށް އެފަރާތްތަކުން ބުނެއެވެ.

މި ކިނބޫ ބެލި ވެޓެރިނޭރިއަނުންނާ (ޖަނަވާރު ޑޮކްޓަރުންނާ) ހަވާލާދީ ނޫސްތަކުން ބުނެފައިވަނީ މި ކިނބުލަށް މިހާރު ފަހެއް ނޫނީ ހަ އަހަރު ވެފައިވާނޭކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު