އެޕަލް ކުންފުނީގެ އެންމެ ފަހުގެ އުފެއްދުން ކަމުގައިވާ އައިފޯން އެކްސް އެސް އަދި އެކްސް އެސް މެކްސް ނުވަތަ ރަސްމީ ނަމުން ނަމަ 10-އެސް އަދި 10-އެސް މެކްސް ފޯން ޗާޖް ނުވުމުގެ މައްސަލައިގައި އެޕަލް ކުންފުނިން އެއްޗެއް ނުބުނެ ހަނު ހުރެއްޖެއެވެ.

އައިފޯން އެކްސް އެސް އަދި އެކްސް އެސް މެކްސް އަށް ދިމާވަމުން އަންނަ މައްސަލައަކީ ޗާޖްއަށް ޖެހުމުން ޗާޖް ނުވާ މައްސަލައެވެ. ފޯންގެ ސްކްރީން ސްޓޭންޑް ބައިގައި (އޮފްކޮށްލާފައި) ހުންނަ ވަގުތު ޗާޖްއަށް ޖެހުމުން އެފޯންތައް ޗާޖެއް ނުވެއެވެ. އަދި ޗާޖްވާން ފަށަނީ ފޯން އަންލޮކް ކުރުމުންނެވެ. އަދި ބައެއް ފޯންތައް އަންލޮކް ކުރުމުންވެސް ޗާޖް ނުވާކަމަށް ބައެއް މީހުން ރިޕޯޓްކޮށްފައިވެއެވެ.

މިމައްސަލަތައް މިހާރު ފެންމަތި ވެފައިވާއިރު، އެޕަލް ކުންފުނިން މިކަމާ ގުޅޭ ގޮތުން މިހާތަނަށް އެއްވެސް އެއްޗެއް ހާމަކޮށްފައިއެއް ނުވެއެވެ. ބޭރުގެ މަޝްހޫރު މީޑިޔާއެއް ކަމަށްވާ ބީބީސީ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މިމައްސަލައިގައި ބީބީސީއިންވަނީ އެޕަލް އާ ސުވާލުކޮށްފައެވެ. ނަމަވެސް އެޕަލްއިން މިސުވާލުތަކަށް ޖަވާބެއް ދީފައިނުވާ ކަމަށާއި ހަނު ހުރި ކަމަށް ބީބީސީއިން ހާމަކޮށްފައިވެއެވެ.

މިމައްސަލަ މީހުންގެ މެދުގައި އާއްމުކޮށްފައިވަނީ " އަންބޮކް ތެރަޕީ" ކިޔާ ޓެކްނޮލޮޖީގެ ތަފާތު މަޢުލޫމާތު ތަކެއް ގެނެސްދޭ ޔޫޓިއުބް ޗެނަލްއަކުންނެވެ. އަދި މިއާއެކު މިމައްސަލަތަކުގެ ވާހަކަ މީސްމީޑިޔާގައި ގިނަ ބަޔަކު ދަނީ ހިއްސާކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު