ކުޑަކުދިންނަކީ އެކުދިންގެ ޅައުމުރުގައި ވަރަށް ގިނަ ކަންކަން ދަސްކޮށް ތަޖުރިބާ ކުރާނެ ކުދިންނެވެ. އަދި އެކުދިން ކުޑައިރު ދަސްވާ ކަންކަމަކީ ގިނަފަހަރަށް ކަށީގައިހަރުލާ ކަންކަމެވެ. އެހެނަސް ބައެއް ކަހަލަ ސަބަބުތަކުގެ ސަބަބުން ކުއްޖާގެ ވިސްނުންކޮށިވާ ގޮތް އެބަ މެދުވެރިވެއެވެ. އެގޮތުން ކުއްޖާގެ ވިސްނުންކޮށިވުމަށް މެދުވެރިވާ ބައެއް ސަބަބުތަށް ތިރީގައި އެވަނީއެވެ.

ދީނީ ކަންކަމާއި ދުރުވުން

ކުއްޖާ ދީނީ ކަންކަމާއި ދުރުވަނީނަމަ އެއީ އެކުއްޖާގެ ވިސްނުން ކޮށިވުމުގެ ސަބަބެއްކަމުގައި ވެދާނެއެވެ. އެހެނީ އިންސާނާއަށް ކަންކަން މިންވަރުކުރައްވަނީ މާތް ﷲ ކަމަށްވުމުންނެވެ. އަދި އެކަނލާންގެ ދެއްވާ ނިއުމަތްތަކަށް ޝުކުރުވެރި ނުވަނީނަމަ އެނިއުމަތްތައް އެބައެއްގެ އަތުން ބީވެދިޔުމަކީ ފަހަރުގައި ވެދާނެ ކަމެވެ. އެހެންކަމުން ކުއްޖާގެ ވިސްނުން ތޫނުކުރުމަށް ކުއްޖާ ލައްވާ ނަމާދު ކުރުވާ ޤުރުއާން ކިޔުއްވާ އެނޫން ވެސް ދީނީ ކަންކަން ކުރަން ޖެހެއެވެ.

ފޮތްތަކާއި ދުރުވުން

ފޮތްތަކަކީ ހަޒާނާގެ މުއްސަދިކަމުގެ އަސްލެވެ. އަދި އެއީ އިލްމު ހޯދުމުގެ މަގެވެ. އެހެންކަމުން ކުއްޖާއަކީ ފޮތްތަކާއި ދުރު ކުއްޖެއް ކަމުގައި ވާނަ އެކުއްޖާގެ ވިސްނުމާއި ސުލޫކު ބަދަލުވެގެން ދެއެވެ. އަދި އެކަމުގެ ސަބަބުން އެކުދިންގެ ވިސްނުމުގެ ބާރު ކުޑަވެގެންދެއެވެ.

އުމުރާއި ނުގުޅޭ މަންޒަރުތަށް ބެލުން

ކުޑަކުދިން އެކުދިންގެ އުމުރާއި ނުގުޅޭ މަންޒަރުތަށް ބަލަނީނަމަ އެކުއްޖާގެ ރީތި އަހުލާގު ނެތިގޮސް ކުއްޖާ އެކަނިވެރިވުމަށް މަގުފަހިވެއެވެ. އަދި މިކަމުގެ ސަބަބުން ކުއްޖާއަށް ނަފްސާނީ ގޮތުން ގެއްލުން ލިބި ކަންކަން ދަސްކުރުމުގައި އުނދަގުލާއި ކުރިމަތިލާން ޖެހެއެވެ.