ބޮލީވުޑްގެ މަޝްހޫރް ޑައިރެކްޓަރު މެގްނާ ގުލްޒާރާއިއެކު އިތުރު ފިލްމެއްގެ މަސައްކަތް ކުރުމަށް އެކްޓްރެސް ދިޕިކާ ޕަދުކޯން ތައްޔާރުވަމުން އަންނަ ކަމަށް ޚަބަރުތައް ބުނެފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުން މެގްނާ އުފެއްދުމަށް އުޅޭ ފިލްމަކީ ޕްރޮޕޯސަލްއަކާއި ދެކޮޅު ހެދުމުން އެސިޑް ހަމަލާއެއްގެ ޝިކާރައަކަށްވީ އަންހެނަކު، މިހާރު އަމިއްލަ އޯގަނައިޒޭޝަނެއް އުފައްދައިގެ އާންމު ހޭލުންތެރިކަން އިތުރު ކުރަމުންދާތީ އެކަމަށް ބިނާކޮށް އުފައްދާ ފިލްމެކެވެ. އެއީ ލަކްޝްމީ އަގާވަލް ނަމަކަށް ކިޔާ އަންހެނެކެވެ.

އަންނަ އަހަރުގެ ފެބުރުއަރީ ހާ ތާނގައި މެގްނާގެ މި ފިލްމު ބެލުންތެރިންނާއި ހަމައަށް އަންނާނެ ކަމަށް މެގްނާ ބުނި ނަމަވެސް، ފިލްމުގެ މަސައްކަތްތައް ފެށުމަށް ހަމަޖެހިފައިވާ ދުވަހެއް އަދި ފިލްމުގައި ދިޕިކާއާއިއެކު ފެނިގެންދާނީ ކޮންކޮން ތަރިންނެއް ކަމެއްވެސް އަދި އާންމުކޮށްފައެއް ނުވެއެވެ.

މެގްނާއާއި ދިޕިކާ އެކިއެކި ތަންތަނުން ދިމާވެ، އެކި ކަންކަމާއި މަޝްވަރާ ކުރަނިކޮށް މީގެ ކުރިންވެސް މީޑިއާތަކުގެ ސަމާލުކަން އައިސްފައިވާއިރު، އިތުރު ފިލްމެއްގެ މަސައްކަތް ކުރަން އުޅޭ ކަމަށް މީގެ ކުރިންވެސް ވަނީ އަޑުފެތުރިފައެވެ.

ފިލްމު "ޕަދުމާވާތު" އިން މޮޅު އެކްޓިން އެއް ދައްކައިދިން ދިޕިކާ އޭގެ ފަހުންވެސް އިތުރު ފިލްމެއް ކުޅުމަށް އެއްބަސްވިއެވެ. ނަމަވެސް އެ ފިލްމުގައި ދިޕިކާ އާއިއެކު ހަރަކާތްތެރިވާ އެކްޓަރު އިރްފާން ޚާންގެ ބަލި ހާލަތު ހުރި ގޮތުން އެ ފިލްމުގެ މަސައްކަތްތަށް ވަނީ ޑިލޭވެފައެވެ.

އެކްޓްރެސް ޕްރިޔަންކާ ޗޯޕްރާއާއި އަނުޝްކާ ޝަރުމާ ފަދައިން ދިޕިކާވެސް ވަރަށް އަވަހަށް އޭނާގެ އަމިއްލަ ޕްރޮޑަކްޝަން ހައުސްއެއް އުފައްދައި ފިލްމު ޕްރޮޑިއުސްކުރުމުގެ މަސައްކަތް ކުރަން ހަމަޖެހިފައިވާ ކަމަށްވެސް މީގެ ކުރިން ރިޕޯޓްތައް ވަނީ ބުނެފައެވެ.