ޑައިރެކްޓަރު ކްރިޝްގެ ކުރިއަށް އޮތް އެޕިކް ބަޔޮގްރަފީ ފިލްމު "މަނިކަރްނިކާ" ގެ ޓީޒާ އާންމުކޮށްފިއެވެ.

ލީޑް ރޯލުން އެކްޓްރެސް ކަންގާނާ ރައުނަޓް ފެނިގެންދާ މި ފިލްމުގެ ޓީޒާ އާންމުކޮށްފައިވަނީ އިންޑިއާގައި ފާހަގަ ކުރަމުންދާ "ގާންދީ ޖަޔަންތީ" އާއި ދިމާކޮށެވެ.

ފިލްމުގެ ޓީޒާ ބެލުމަށްފަހު ގިނަ ބަޔަކު ޓީޒާއަށް ތައުރީފުކޮށް ފިލްމު ފުރިހަމަ ވާނެ ކަމުގެ އުންމީދުގައި ތިބިކަމަށް ބުނަމުންދާއިރު، ފިލްމުގައި ކަންގާނާ ދައްކައިދޭ މޮޅު އެކްޓިންއަށްވެސް ގިނަ ބަޔަކު ދަނީ ތައުރީފު ކުރަމުންނެވެ.

ހަނގުރާމަ އާއި ގުޅުން ހުރި ކަންތައްތައް ފެނިގެންދާ ފިލްމަކުން ކަންގާނާ ފެނިގެންދާ މިއީ ފުރަތަމަ ފަހަރު ނަމަވެސް ޓީޒާއިންވެސް ފެނިގެންދަނީ ކުޅަދާނަ ކަމާއެކު އޭނާގެ ހުނަރު ދައްކާލާ މަންޒަރެވެ. އެގޮތުން މި ފިލްމުގައި އޭނާ އަދާ ކުރަނީ މީގެ އެތައް އަހަރެއް ކުރިން އިންޑިއާ އަޅުވެތިކަމުން ސަލާމަތް ކުރުމަށް ހަނގުރާމަ ކުރި ހިތްވަރު ގަދަ އަންހެން ރާނީ އެއް ކަމުގައިވާ ކުއީން ލަކްސްމީބާއީގެ ރޯލުންނެވެ.

ކަންގާނާ އާއިއެކު ދެން މި ފިލްމުގައި ހަރަކާތްތެރިވަނީ ސުރޭޝް އޮބްރޯއީ، އަތުލް ކުރްކަރްނީ، ވައިބަވް، ތަހޭރާއި ޖިއްޝޫ އަދި އަންކިތާ ލޯކަންޑޭއެވެ.

މި ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހުގައެވެ. ނަމަވެސް އެ ދުވަހު ބޮލީވުޑް ފިލްމު "ސްޕާ 30" ވެސް ރިލީޒް ކުރަން ހަމަޖެހިފައިވުމާއެކު ފަހަރުގައި މި ތާރީޚަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު