ދަރިންނަށްޓަކައި ކޮންމެ ފަދަ ގުރުބާނީއެއްވުމަށްވެސް ކޮންމެ މަޔަކާއި ބަފަޔަކުވެސް ތިބޭނީ ތައްޔާރަށެވެ. މިއީވެސް އެފަދަ ބައްޕައެކެވެ. އުމުރުން 13 އަހަރުގެ ދަރިފުޅަށް ކިޔަވާދިނުމަށްޓަކައި ރެއާ ދުވާލު ދިޔައީ މަސައްކަތް ކުރަމުންނެވެ. އަދި އޭނާއަށް ލިބޭ ބަންދު ދުވަސްތަކުގައި ވެސް ދިޔައީ މަސައްކަތް ކުރަމުންނެވެ.

އެހެން ނަމަވެސް މިހާރު އޭނާކުރި އެ މަސައްކަތް ބޭކާރުވީއެވެ.

ޗައިނާއަށް ނިސްބަތްވާ މި ބައްޕަ މަސައްކަތް ކުރަނީ އޭނާގެ ދަރިފުޅާއި ދުރުގައެވެ. ދަރިފުޅު ކިޔަވައިގެން މޮޅު ކުއްޖަކަށްވުމަށްޓަކައި އޭނާއަށް ކިޔަވާދިނުމަށް މި ބައްޕަ އެއްވެސް ޗުއްޓީއަކަށް ނުދެއެވެ. ޗައިނާ ނިއު އިޔާ ޗުއްޓީއަށް ވެސް ނުދެއެވެ. ޗުއްޓީއަށް ނުގޮސް ވެސް ފައިސާ ހޯދަނީއެެވެ. ދަރިފުޅަށް އުޖާލާ މުސްތަގުބަލެއް ހޯދައިދިނުމަށެވެ.

އެ ބައްޕަ އޭނާގެ ދަރިފުޅު ބަހައްޓާފައި ވަނީ ގާތްތިމާގެ މީހެއް ކައިރީގައެވެ.

އެއް ރެއެވެ. އެ ކުއްޖާ ދިޔައީ ބޭރަށް ކުޅޭށެވެ. ކުޅެގެން އެރޭ އޭނާ ގެއަށް ނައުމުން އެ އާއިލާއިން އޭނާ ހޯދަން ބޭރަށް ދިޔައެވެ. އެ އާއިލާއަށް އެ ކުއްޖާ ފެނުނީ ލެއިން ތަތްތެޅިފައި މަގުމަތީގައި އޮއްވައެވެ. އެ ކުއްޖާ ހޮސްޕިޓަަލަށް ގެންގޮސް ފަރުވާދެމުން ދިޔަތާ މާގިނަ އިރުނުވަނީސް ވަނީ މަރުވެފައެވެ.

ސެކިޔުރިޓީގާޑެއްގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ އެ ކުއްޖާގެ ބައްޕަ ހިތްހަލާކުވެއްޖެއެވެ. ދަރިފުޅުގެ ކުއްލި މަރާއެކު އޭނާ ކުރަމުން އައި އުއްމީދުތައް ފުނޑުފުނޑުވީއެވެ. އެ ބައްޕަ ބުނީ، މިފަދަ ކަމެއްވާން އުޅޭކަން އެނގުނު ނަމަ އާ އަހަރުގައި ވަގުތު ހޭދަ ކުރާނީ ދަރިފުޅާއެކުގައި ކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު