އަލީ ޝިފާއު އާއި އާއިޝަތު ފުއާދުގެ ސްކްރީން ޕްލޭއަކަށް ޑާކް ރެއިން އެންޓަޓެއިންމެންޓްގެ ފަރާތުން އުފައްދާ ފިލްމު "މާމުއި" ގެ އާ ލަވައެއް ބެލުންތެރިންނާއި ހަމައަށް ދޫކޮށްލައިފިއެވެ.

"ރޭ ރޭ" ނަމަކަށް ކިޔާ އެ ފިލްމުގެ މި ހިތްގައިމު ލަވަ މިހާރު ސައުންޑް ކްލައުޑް މެދުވެރިކޮށްވެސް އެހުންތެރިންނަށް އަހާލެވޭނެއެވެ.

https://www.facebook.com/MaamuiTheMovie/posts/241339329843511

"ރޭ ރޭ" އަކީ ތަންކޮޅެއް ކުރިން މަޝްހޫރްވި ލަވައެއްގެ ނިއު ވާޝަންއެކެވެ. މި ލަވައިގެ ކުރީގެ ވާޝަންއަކީ އަބްދުރައޫފްގެ މެލޮޑީއަކަށް ކުރީގެ މަޝްހޫރް ލަވަކިޔުންތެރިޔާ މަހުމޫދާ ޝަކީބު ކިޔާފައިވާ ލަވައެކެވެ. ނަމަވެސް މިފަހަރުގެ މި ލަވައިގެ މިއުޒިކަށާއި މިކްސިން އަށް ކުދިކުދި ބަދަލު ގެނެސް، ލަފަ ކިޔާފައިވަނީ ހުނަރުވެރި ލަވަކިޔުންތެރިޔާ ހައްވާ އަޝްރާއެވެ.

މީގެކުރިންވެސް "މާމުއި" އިން ވަނީ އެ ފިލްމުގެ އެހެން ލަވައެއް ކަމުގައިވާ "އަރައިގެން އައި އިރޭ" ނަމަކަށް ކިޔާ ހިތްގައިމު ލަވައެއް ބެލުންތެރިންނަށް އިއްވާލާފައެވެ. އެ ލަވައަށްވެސް އާންމުންގެ ބޮޑު ތަރުހީބެއް ލިބުނުއިރު، މިފަހަރުގެ "ރޭ ރޭ" އަށްވެސް ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް ބެލެވެއެވެ.

"މާމުއި" އަކީ ވެސް ޑާކް ރެއިން އެންޓަޓައިންމެންޓްގެ އެހެން ފިލްމުތަކާއި އެއްގޮތަށް ބޮޑު ކާސްޓެއް އެކުލެވޭ ފިލްމެކެވެ. އެ ގޮތުން ކާސްޓުންގެ ތެރޭގައި ހިމެނެނީ އަބްދުﷲ ޝާފިއު އިބްރާހިމް (ފުބޫ)، މަރްޔަމް މަޖުދާ (މަޖޫ)، އިސްމާއިލް ޖުމައިހް (ޖުމާ)، މުހައްމަދު ފައިސަލް، އައިމިނަތު ނޫރާ، ނުޒުހަތު ޝުއައިބު (ނުޒޫ)، ހަމްދޫން ފާރުޤް، އަހްމަދު އަމާން، އަހްމަދު ސުނީ އާއި އަހްމަދު ޝާކިރު އާދަމް ރިޒްވީ، މަރިޔަމް އައްޒަ، މުޅި އަލަށް ފިލްމު އިންޑަސްޓްރީއަށް ތައާރަފުވާ އާއިޝަތު ޔާދާއާއި ކުޅަދާނަ އެކްޓްރެސް ޝީލާ ނަޖީބާއި އިބްރާހިމް އަމާނާއި މާރިއާ ތްރޭސާ އަދި އަލީ ޝަޒްލީމެވެ.

"މާމުއި" ބެލުންތެރިންނާއި ހަމައަށް އައުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ އެއްވަނަ ދުވަހުގައެވެ.