އިންޑިއާގެ ކެރެލާގައި މީގެ ހަފްތާއެއްހާ ދުވަސް ކުރިން ހިނގި އެކްސިޑެންޓަށްފަހު ފަރުވާދެމުން ދަނިކޮށް އިންޑިއާގެ މަޝްހޫރު މިއުޒީޝަނެއް ކަމަށްވާ ބަލަބްހަސްކަރު މަރުވެއްޖެެެއެވެ. އޭނާ މަރުވީ ރޭގެ ދަންވަރުގެ ވަގުތެއްގައެވެ.

ރިޕޯޓްތައް ބުނާގޮތުގައި، މީގެ ހަފްތާއެއްހާ ދުވަސް ކުރިން ހިނގި އެ އެކްސިޑެންޓްގައި ބަލަބްހަސްކަރުގެ ދެ އަހަރުގެ ދަރިފުޅު ވަނީ މަރުވެފައެވެ.

އެ އެކްސިޑެންޓް ހިނގަން މެދުވެރިވީ ތްރީސޫރްގައި ހުރި ފައްޅިއަކުން އެނބުރި ގެއަށް ދަނިކޮށް، ކާރު ކޮންޓްރޯލް ނުވެގެން ގޮސް ގަހެއްގައި ޖެހިގެންނެވެ. އެ ހާދިސާ ހިނގިއިރު، ކާރުގައި، އޭނާގެ އަނބިމީހާ އާއި ދަރިފުޅުވެސް ތިއްބެވެ.

އެ ހާދިސާގައި އަނިޔާވި ބަލަބްހަސްކަރު ގެ އަނބިމީހާއި ޑްރައިވަރުގެ ހާލު މަޑުމަޑުން ރަނގަޅުވަމުން އަންނަ ކަމަށް ވެއެވެ. އެ އެކްސިޑެންޓްގައި ބަލަބްހަސްކަރު އަށްވެސް ވަރަށް ބޮޑަށް އަނިޔާވިއެވެ. އަދި އޭނާގެ އޮޕަރޭޝަނެއްވެސް ކުރިއެވެ. އެހެން ނަމަވެސް ކުއްލިއަކަށް ރޭ 1:30 ހާއިރު އޭނާ މަރުވީ، ހިތް ހުއްޓިގެންނެވެ.

އުމުރުން 17 އަހަރުގައި މިއުޒިކީ ދާއިރާއަށް ވަން ބަލަބްހަސްކަރު އެންމެ ފުރަތަމަ ލަވައެއް ހަދާފައި ވަނީ މަލިޔަލަމް ފިލްމަކަށެވެ. ގިނަ ބަޔަކަށް އޭނާ އިނގޭނީ، ސްޓޭޖް ޕާފޯމެންސް ތަކުންނާއި، ކޮންސެޓް ތަކުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖަލީލު

    މިފަދަ ހާދިސާތަކުން ދިވެހިން އިބުރަތް ލިބިގަތުން ވަރަށް މުހިއްމު.