ފަތިހުގެ ހިތްގައިމުކަން ކެނޑި، ދުނިޔެމަށްޗަށް އަލިވިލެމުން ދިޔަ ވަރަކަށް، ކޮޅުކޮޅަށް އުދުހެމުން ދިޔަ ދޫނި ސޫފާސޫފިތައް ވެސް ދިޔައީ އިތުރުވަމުންނެވެ. މަދުން ނަމަވެސް މަހަށް ނުކުމެ އުޅޭ މީހުން، އަތިރިމަތީ ކޮޅުކޮޅަށް މުންޑު އަރުވައި ޖަހައިގެން ދުވެލަ ދުވެލަ އުޅެއެވެ. ޖެހެމުން ދިޔަ ފިނިފިނި ވައިރޯޅި އައިސް ގައިގައި ބީހިލާ ގޮތުން ހީވަނީ ޖެއްސުމެއް ކޮށްލާހެނެވެ. ހީ ގަނެފައި އިންނައިރު، އެފަދަ ފިނި ކަމެއް ހަށިގަނޑުގައި ޖެހުމުން، މަޑު ތުރުތުރެއް ގައިގައި ދަތުރު ކޮށްލައެވެ. ހީވަނީ އަހަރެންގެ މަޤްސަދަށް ހުރަސް އަޅަން މަސައްކަތްކުރަނީ ހެންނެވެ.

ފަތިސް ނަމާދަށްފަހު އަހަރެންގެ ކޮންމެ ދުވަހެއްގެވެސް މަންޒިލަކީ އަތިރިމަތީ ހޭޅިފަށެވެ. އަލި ވިލުމުގެ ކުރިން ރާޅު ފެން ކުރީގައި ހިނގާލާ ހަދަމެވެ. ދޮންވެލިގަނޑުގައި ހިނގާލުމުން، ފައިގެ އިނގިލިތައް ރީތިވާތީވެސް މެއެވެ.

ދުނިޔެ މަށްޗަށް އިރުގެ ރަން ދޯދިތައް އެޅެން ފަށާ ހިސާބުން، އަހަރެން އެއްގަމަށް އަރަމެވެ. މޫދު ކަސްރަތު ކުރަން އަންނަ ޒުވާން ފުރައިގެ އަންހެން ކުދިންތައް އައިސް، މުޅި ހިސާބުގެ ހަމަ ހިމޭންކަން ނަގާލުމުގެ ކުރީންނެވެ. އެއީ މަގޫ ގަސްތަކާއި ދިމާލުގައި ހުންނަ ހޮޅުއަށީގެ ނިވަލުގައި އިނދެ، އަހަރެންގެ އަސްލު މަޤްސަދު ހާސިލްކުރުމަށެވެ. އާނއެކެވެ. އަހަރެންގެ މި ހިތުގައި ރަނިކަން ކުރަމުންދާ އެ އަންހެން ކުއްޖާ ދެކިލުމަށެވެ.

އެހެން ދުވަސްތަކެކޭ ވެސް އެއްފަދައިން، މިއަދުވެސް ދޮންވެލިގަނޑުގެ އަރާމުކަން ލިބިގަތުމަށްފަހު، އިރުއަރަން ގާތްވުމުން އަހަރެން ހޮޅުއަށީގައި އިށީނދެލީމެވެ. އާދަ ވެގެން ކޮންމެ ދުވަހަކުވެސް އިރުއަރާ ވަގުތު ފަތަން އަންނަ ޒުވާން ފުރައިގެ އަންހެން ޓީމު އަންނާނެ އިރަކަށް އިންތިޒާރު ކުރަމުންނެވެ. ވަކިން ހާއްސަކޮށް އަހަރެންގެ ހިތް ކަތިލައިގެން އެ އުޅޭ ބުރުސޫރަ ރީތި އަންހެން ކުއްޖާ ދެކިލުމަށެވެ.

************

ވަޒީފާގެ ފުރުސަތު ލިބުމުން، އަމިއްލަ އުފަން ރަށާއި އާއިލާ ދޫކޮށް، އަހަރެން މި ރަށަށް ބަދަލުވީ ލިބޭ މުސާރަކޮޅު ރަނގަޅުވީމައެވެ. އާއިލާގެ އެންމެ ދޮށީ ދަރީގެ ހައިސިއްޔަތުން ކޮނޑުގައި އެޅިފައިވާ ޒިންމާތައް ގިނަ ކަމުންނެވެ.

އެންމެ ފުރަތަމަ މި ރަށަށް އައި ދުވަހު ވެސް އަހަރެންގެ ހިތް އެ އަންހެން ކުއްޖާއަށް ދެވިއްޖެއެވެ. ދޯނިން ފޭބި ވަގުތު، ބަނދަރު މަތިން ހިނގައިފައި ދިޔަ މި އަންހެންކުއްޖާއަށް ބަލަހައްޓައިގެން އަހަރެންނަށް ހުރެވުނީ ކިހާ އިރަކު ކަމެއް ވެސް ނޭނގެއެވެ. ކަޅި ވަކިނުކޮށް ބަލަން ހުއްޓާ، އަހަރެންގެ ލޮލު ކުރި މަތިން ގެއްލިގެން ދިޔައީ ދާދި އަވަހަށެވެ. އެ ފުރައިގެ އެހެން ދެތިން އަންހެން ކުއްޖަކާއި އެކު އޭނާ ހަޅަ ޖަހަމުން ދިޔައިރު، ހިނިތުން ވާ ވަތުތުތަކުގައި މޫނު މަތީ އެ ހުރި އުފާވެރިކަން ފެނި އަހަރެން ވެސް ހުރީ އުފަލުންނެވެ. ހިތް އެދޭ ކުއްޖަކު އުފަލުގައި، އަމުދުން އެހެރަ އަންނާރު އޮށްތަކެއް ފަދަ ދަތްތައް ފެންނަ ވަރަށް ހެވިފައި ހުއްޓާ ފެނުމުން އުފާ ނުވާނީ ކާކު ހެއްޔެވެ؟

އެ އަންހެން ކުއްޖާ އަހަރެންގެ ލޮލު ކުރިމަތިން ގެއްލުމުން ވެސް އަހަރެންނަށް ހުރެވުނީ އެ ދިމާއަށް ބަލަހައްޓައިގެނެވެ. ހަމަ ހޭ ވެރިކަންވީ، އަހަރެން ހުންނަ ގޭ ދައްތަ އައިސް ކައިރީގައި ހުއްޓި ގޮވާލުމުންނެވެ.

އަހަރެން ދައްތަ އާއި އެއްކޮށް ގެޔަށް ދިޔަ މަގުމަތީގައިވެސް، އަދި އެއްފަހަރު ނަމަވެސް އެ އަންހެން ކުއްޖާއާ ބައްދަލުވެލުމަށް ހިތް އެދި ގޮވަމުންދިޔައެވެ. ދައްތަ ކުރެ އެ އަންހެން ކުއްޖާއާއި ބެހޭ މައުލޫމާތު އޮޅުން ފިލުވުމަށް ހިތް ބުނަން ފެށިއެވެ. އެކަމަކު ފަސްޖެހެވެނީ ކީއްވެ ކަމެއް ޚުދު އަހަރެންނަކަށްވެސް ނޭނގެއެވެ.

އެއް ފަސްގަނޑެއްގައި އުޅެންޏާ، އަހަރެންނަށް އެ ކުއްޖާ ހޯދުމަކީ މާ އުނދަގޫ ކަމަކަށް ނުވާނެ ކަމަށް ނިންމައި، ރަށުތެރެ އަށް ހޭނުނީމައި އެ ކުއްޖާ ހޯދުމަށް ހިތުގައި އަޒުމުގެ ކަމަރު ބަނދެލީމެވެ. މި ހިތުގެ ހާލު އިއްވައި ދިނުމަށް ކެތްމަދުވެފައިވާ ހާލުގައެވެ.

ހަފްތާއެއް ތެރޭގައި އަހަރެން ރަށު ތެރެއަށް ހޭނި، އަމިއްލަ އަށް ތަންތަނަށް ގޮސްލާ ހެދޭ ވަރު ވިއެވެ. ވަޒީފާގެ ކަންތައްތައް އޭރު އަދި މުޅިން ހަމަ ނުޖެހޭތީ، "އަތް އުރާލައިގެން" ހުރުން ނޫން އިތުރު ކަމެއް އަހަރެންނަކަށް ނޯވެއެވެ. އަހަރެން ހުންނަ ގޭ ދައްތައަށް ފަސޭހައަކަށް ކާށި އެހެލަދީ، ވަޅި ތޫނުކޮށްލުން ފަދަ ކުދިކުދި ކަންތައްތައް ނުކުރަމެކޭ އެއް ނޫނެވެ.

ފޫހި ފިލުވާލުމުގެ ނިޔަތުގައި، އަހަރެން އަތިރި މަތީ ހުންނަ ހޮޅުއަށްޓަށް ދާން ފެށީ އެ އަންހެން ކުއްޖާ ފެންނާނެ ކަމަށް އުންމީދު ކޮށްފައެއް ނޫނެވެ. ނަމަވެސް ދެ ވަނަ ފަހަރަށް އަހަރެންނަށް އެ ކުއްޖާ ފެނުނީ އެ ދުވަހު އަތިރި މަތިންނެވެ. ކޮއްކޮ ގޮވައިގެން ހިނގާލަން ނުކުމެ އުޅެނިކޮށެވެ.

އަހަރެންނަށް އެ ވަގުތު ލިބުނު އުފާވެރިކަން ބުނެދޭން ވެސް ދައްޗެވެ. އިސްނަގައި ވާހަކަ ދައްކަން ދާން ހިތަށް އެރި އަދަދެއްވެސް ނޭނގެއެވެ. އެކަމަކު އަތިރިމަތީ ފުދޭ ވަރަކަށް މީހުން ތިބީމައި ފަސް ޖެހެވުނީއެވެ. އަމުދުން އަހަރެންނަކީ ބީރައްޓެއްސަކަށްވުމުން އެ ކުއްޖާ ވާހަކަ ނުދައްކަފާނެ ކަމުގެ ބިރަށެވެ.

ކުޑަމިނުން ނަން ވެސް ނޭނގޭ، މި އަންހެން ކުއްޖާ އޭގެ ފަހުން މަދުމަދުން ނަމަވެސް ފެނެއެވެ. ނަމަވެސް ނަސީބު ދެރަ ކަމުން ވާހަކަ ދެއްކޭ ގޮތެއް އަދި ނުވެއެވެ. އެކަމަކު މިހާރު ފެނުމުން ރަކި ހިނިތުންވުމަށް ރައްދުކޮށްލައެވެ. އެ ވަރު ވެސް އަހަރެންނަށް ފުދެއެވެ. އަހަރެންނަށް ސިފަވަނީ މި ހިތުގައި އެ އަންހެން ކުއްޖާއަށް ޖަހަމުންދާ ވިންދަށް "ޕެޓްރޯލް" އެޅެނީ ކަމުގައެވެ. އެއީ އޭނަ ރައްދުކޮށްލާ ކޮންމެ ހިނިތުންވުމަކަށްފަހު އަހަރެންނަށް އާރޯ ކަމެއް ލިބިގެންދާތީއެވެ.

ފަތިހަށް ހޭލުމަށްފަހު ނަމާދުކޮށްގެން ނިދުމަކީ އެއްއިރެއްގެ ވެސް އާދައަކަށް ނުވާތީ، ނަމާދުކޮށްގެން އިރު އެރުމާ ދޭތެރެއިން އަހަރެން ދަނީ އެއްކަހަލަ ހޮޅުއަށްޓަށެވެ. އިރުއެރުމުން، ފަތަން އަންނަ ޓީމު މޫދުގެ ލޮނުގަނޑުގައި ބަކަތަޅަތަޅާފައި އުޅޭތަން ފެނެއެވެ. އެކަމަކު ކުރިން ދުވަހަކުވެސް އަހަރެންގެ ހިތުގެ ރާނީ، އެ އަންހެން ބައިގަނޑަކުން ނުދެކެމެވެ. ނޫނެކެވެ. މުޅި އަކުން އެހެނެއް ނޫނެވެ. އަހަރެން އެހާ ވަރަށް ސަމާލުކަން ނުދޭތީ އެ ކުއްޖާ ނުފެނުނީއެވެ. އެހެން ކުދިންނާއި އެކުގައި އޭނާވެސް ހަމަ އުޅެއެވެ. އެހެން ކުދިން ފަދައިން ހަމަ ފަތާވެސް ހަދައެވެ.

އޭގެ ފަހުން އަހަރެން ކޮންމެ ދުވަހަކުވެސް އޭނާގެ ހަރަކާތްތައް ބަލަން ހުންނަމެވެ. އޭނާއަށް ނުފެންނަ ގޮތަށް މަގޫގަސްތަކުގެ ނިވަލުގައެވެ. ފަތާއިރު ހަށިގަނޑަށް އެ ލައްވާލާ ބަނޑިތައް ފެނި، އަހަރެންގެ ހަށިގަނޑުގެ އެންމެ ހިމަ ނާރުތަކަށް ދަންދެންވެސް އަސަރު ކުރުވައެވެ. ހޫރުޕަރީއެއް ފަދަ އެ އަންހެން ކުއްޖާ، ލޮނުގަނޑުގައި އޮންނައިރު ފެނު ޕަރީއެއް ފަދައެވެ.

************

ކުއްލިއަކަށް މުޅި ފަޒާގައި އަންހެން ކުދިބައެއްގެ ހުނުމުގެ އަޑު ގުގުމައިގެން ދިޔައެވެ. ސިހިފައި އަހަރެންވެސް ބަލާލީ އެ ސޫރަ ދެކުމަށް މި ހިތް ކެތް މަދުވެފައި ވާލެއް ބޮޑު ކަމުންނެވެ. އޭރު މޫދުގައި އެ އަންހެން ޓީމު ތިއްބެވެ. އަހަރެންގެ ހިތުގެ ރަނިކަމަނާ ވެސް މެއެވެ.

އަހަރެން ގެޔަށް ދާން ހިނގައިގަތީ ހިތްފުރޭވަރަށް، މޫދުގައި އޮތް އަހަރެންގެ "ފެނު ޕަރީ" އަށް ބެލުމަށްފަހުގައެވެ. އަދި ކޮންމެވެސް ދުވަހަކުން ވާހަކަ ދެއްކުމުގެ ނަސީބުވެސް ލިބޭނެ ކަމުގެ ފޮނި އުންމީދުގައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޯ
  2. Anonymous

    ލޯލު

  3. އ

    ކަޑަ