އެޕަލް ޑިވައިސްތަކުގެ އޮޕަރޭޓިން ސިސްޓަމްގެ އެންމެ ފަހު ވާޝަން ކަމަށްވާ އައިއޯއެސް 12 ބޭނުން ކުރާ ފަރާތްތަކުން ފޮނުވޭ "އައިމެސެޖް" މެސެޖް ފޮނުވާ ފަރާތް ނޫން އެހެން ފަރާތަަކަށް ލިބެމުންދާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

"ފޯބްސް" އިން ރިޕޯޓް ކުރާ ގޮތުގައި މެސެޖް ފޮނުވަން ބޭނުންވާ ކޮންޓެކްޓް ނޫން އެހެން ކޮންޓެކްޓްތަކަށް މެސެޖްތައް ދަނީ ފޮނުވެމުންނެވެ.

މިމައްސަލަ މިހާރު ވަނީ އެޕަލްގެ ސަޕޯޓް ކޮމިއުނިޓީސް ފޯރަމްގައި ވެސް ބައެއް މީހުން ހިއްސާ ކޮށްފައެވެ.

ނުބައި ނަމްބަރުތަކަށް މެސެޖް ފޮނުވުމުގެ މައްސަލަ އައިއޯއެސް 12 ބޭނުން ކުރާ ހުރިހާ ފަރާތްތަކަކަށް ދިމާވެފައިވާކަމެއް އަދި ކަށަވަރެއް ނުވެއެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި މިމައްސަލަ ދިމާވެގެން އުޅެނީ އެޕަލް އައިޑީ ހިއްސާ ކުރާ މީހުންގެ މެދުގައެވެ.

"އެއް މޯބައިލް ނަމްބަރެއް ބޭނުން ކޮށްގެން ހަދާފައިވާ އެޕަލް އައިޑީތަކެއް އާއިލާ މެންބަރުންގެ މެދުގައި ގެންގުޅޭ ނަމަ މިމައްސަލަ ދިމާވާ ކަމަށް ފާހަގަ ކުރެވިފައިވޭ." ރިޕޯޓެއްގައި ބުނެފައި ވެއެވެ.

ކޮންމެ މީހަކު ވެސް ވަކި އެޕަލް އައިޑީއެއް ބޭނުން ކުރުމަކީ އެޕަލް އިން ކަންކުރަން އަންގާފައި އޮންނަ ގޮތެވެ. ނަމަވެސް ބައެއް މީހުން ދަރިން އުޅޭ ގޮތް ބަލަން ދަރިފުޅުގެ ފޯނުގައި މައިންބަފައިންގެ އެޕަލް އައިޑީ ބޭނުން ކުރެއެވެ. އަދި ބައެއް އެހެން ބޭނުންތަކުގައި ވެސް އާއިލާ މެންބަރުން އެޕަލް އައިޑީ އެހެން މެންބަރުންގެ ފޯނުތަކުގައި ބޭނުން ކުރެއެވެ. މީގެ ކުރިން މިއީ މާބޮޑު މައްސަލައަކަށް ނުވި ނަމަވެސް މިހާރު މިއޮތީ ކޮންމެ މީހަކު ވެސް އެމީހެއްގެ އަމިއްލަ އެޕަލް އައިޑީއެއް ގެންގުޅެން ޖެހިފައެވެ.

އައިއޯއެސް 12 އިން ނުބައި ނަމްބަރުތަކަށް މެސެޖް ފޮނުވެމުންދާ މައްސަލައިގައި އެޕަލް އިން އަދި އެއްވެސް އެއްޗެއް ނުބުނެއެވެ.