އެމެރިކަން މޮޑެލްއެއްގެ ގޮތުގައި މަޝްހޫރް ހައިލޭ ބަލްޑްވިން އާއި އޭނާގެ ލޯބިވެރިޔާ ކެނެޑާގެ މަޝްހޫރް ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާ މި އަހަރުގެ ޖޫން މަހުގެ ތެރޭގައި އެންގޭޖް ވެފައިވާއިރު، އޭގެ ދުވަސްކޮޅެއް ފަހުން އެދެމީހުން ކައިވެނި ކޮށްފި ކަމަށް ބުނެ އަޑުތައް ވަނީ ފެތުރިފައެވެ.

ހައިލޭގެ އަތުގައި އަނގޮއްޓިއެއް އޮތުމުގެ ސަބަބުންނާއި އެދެމީހުން އެކުގައި އާންމު ތަންތަނުންނާއި އަދި ކައިވެނި ކޮށްދޭ ކޯޓެއްގެ ބޭރުންވެސް ދެމީހުން ފެނިފައި ވުމާއެކު، މިހާރު ހައިލޭ އާއި ޖަސްޓިން ކައިވެނި ކޮށްފި ކަމަށް ވަރަށް ގިނަ ބަޔަކު ބުނެއެވެ. ނަމަވެސް މިކަމާއި ގުޅިގެން މިހާތަނަށް އެދެމީހުން ކުރެ މީހަކު ވަކި އެއްޗެކޭ ބުނެފައިނުވާއިރު، ކައިވެނީގެ ޚަބަރުތަކަކީ ދޮގެއް ކަމަށް ބުނެ ހައިލޭ ކުރި ޓުވީޓުވެސް ވަނީ މަދު ވަގުތުކޮޅެއްގެ ތެރޭގައި ޑިލީޓް ކޮށްލާފައެވެ.

އެހެންކަމުން މި ކަންތައް މީސްމީޑިއާގައި މިވަނީ ބޮޑު ބަހުސަކަށް ވެފައެވެ. އެކަމަކު އަނެއްކާވެސް މިވަނީ ބަހުސް އިތުރަށް ފޯރި ގަދަވެ ހޫނުވާ ވަރުގެ ކަމެއް ފެން މަތި ވެފައެވެ. އެއީ ހައިލޭ އަށް ނިސްބަތްކޮށް ޖަސްޓިން "ވައިފް" އޭ ބުނުމުންނެވެ.

ހައިލޭއަށް ނިސްބަތްކޮށް ޖަސްޓިން އެހެން ބުނެފައިވަނީ އެދެމީހުން އެކުގައި ކުރި ދަތުރެއްގައި މިއުޒިޔަމެއްގެ ސްޓާފެއްގެ ކައިރީގައެވެ. "ވައިފް" އަކީ އެ ސްޓާފަށް ހައިލޭ ތައާރަފުކޮށްދިނުމަށް ޖަސްޓިން ބޭނުންކުރި ކީ ވޯޑެވެ.

އެ މިއުޒިޔަމްގެ އިންސްޓަގްރާމް ޕޭޖްގައި އެ ވާހަކަ އާންމުކޮށް ޕޯސްޓްކުރި ހިސާބުން ގިނަ ބަޔަކު ދަނީ މިކަމާއި ބެހޭ ގޮތުން ބަހުސްކުރަމުންނެވެ.

 

ހައިލޭ އާއި ކައިވެނި ކުރުމަށްފަހު ދިރިއުޅުމަށް ޖަސްޓިން މީގެ ކުރިން ވަނީ 55 މިލިއަން ޑޮލަރުގެ ގެއެއްވެސް ގަނެފައެވެ.