އެޕަލް އިން މިދިޔަ މަހު ނެރުނު އެޕަލްގެ އާފޯނުތައް ކަމަށްވާ އައިފޯން-10 އެސް އަދި އައިފޯން-10 އެސް މެކްސް އާއި އައިއޯއެސް 12 ގައި މައްސަލައެއް އުޅޭ ކަމަށް މީޑިއާތަކުން ރިޕޯޓް ކުރަމުން އަންނަތާ ހަފްތާއެއް ވީއިރު ވެސް އެކަމާއި ގުޅިގެން އެއްވެސް އެއްޗެއް ނުބުނެ އޮތުމަށް ފަހު އެޕަލް އިން އެކުންފުނީގެ ފޯނުތަކާއި އައިއޯއެސްގައި މައްސަލައެއް އުޅޭ ކަމަށް ނުސީދާކޮށް "އެއްބަސްވެއްޖެއެވެ."

އެޕަލް އިން މިކަމަށް "އެއްބަސްވީ" ބަޔާނެއް ނެރެގެންނެއް ނޫނެވެ. އެޕަލް އިން ނެރެފައި ވަނީ އައިއޯއެސްގެ އަޕްޑޭޓެކެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އެޕަލް އިން މިއަދު ވަނީ އައިއޯއެސް 12.1 އާއި 12.2 ގެ ބީޓާ ވާޝަން ނެރެފައެވެ.

"އައިފޭން" އަދި "އައިމޯ" އިން ބުނާ ގޮތުގައި އައިއޯއެސް އަޕްޑޭޓަކީ ފޯނުތަކަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމަށް ނެރުނު އަޕްޑޭޓެކެވެ.

އެންމެ ގިނަ މީހުން ޝަކުވާ ކުރަމުން އައިސްފައި ވަނީ އަލަށް ނެރުނު އައިފޯންތައް ޗާޖް ކުރުމުގައި ދަތިތައް ދިމާވާ ކަމަށް ބުނެއެވެ. އަދި ބައެއް މީހުން ވަނީ އައިއޯއެސް 12 ބޭނުން ކުރާއިރު ނުބައި ނަމްބަރުތަކަށް މެސެޖް ފޮނުވޭ ކަމަށް ވެސް ބުނެފައެވެ.

އަލަށް ނެރުނު އަޕްޑޭޓްގެ ސަބަބުން މިމައްސަލަތަކަށް ހައްލެއް ލިބުނު ކަމެއް ނުވަތަ ނޫންކަމެއް ވެސް އަދި ކަށަވަރެއް ނުވެއެވެ.

ފޯނުތަކަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމަށް އެޕަލް އިން އެކަށީގެންވާ އިސްކަމެއް ނުދޭކަމަށް ބުނެ ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.

އަލަށް ނެރުނު ފޯނުތަކަށް މައްސަލަތައް ދިމާވުމުން އެޕަލްގެ ހިއްސާގެ އަގު ވެއްޓެން ފަށާފައި ވީނަމަވެސް މިއަދު އައިއޯއެސްގެ އަޕްޑޭޓެއް ނެރުމާއި އެކު އަނެއްކާ ވެސް ވަނީ ހިއްސާގެ އަގު އުފުލެން ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު