އެތަށް ބައެއްގެ ތެރޭގައިވެސް މަޤްބޫލުކަން ހޯދާފައިވާ މަޝްހޫރު މީސް މީޑިޔާއެއް ކަމުގައިވާ އިންސްޓަގްރާމް ޑައުންވެއްޖެއެވެ.

ބޭރުގެ މީޑިޔާތަކުން ރިޕޯޓް ކުރާ ގޮތުގައި ގިނަ ބަޔަކަށް އިންސްޓަގްރާމް ބޭނުން ކުރުމުގައި ދަތިތަކެއް ދަނީ ކުރިމަތިވަމުންނެވެ. އިންސްޓަގްރާމް އެޕްލިކޭޝަން އަދި ޑެސްކްޓޮޕް ވިއުއިންވެސް ބައެއް ފަރާތްތަކަށް އިންސްޓަގްރާމްއަށް ނުވަދެވެއެވެ. އަދި ބައެއް މީހުންގެ ޕްރޮފައިލް ލޯޑް ނުވުމާއި ރިފްރެޝް ނުވުން ކަހަލަ މައްސަލަތަށް ވަނީ ދިމާވެފައެވެ.

މިހާތަނަށް އިންސްޓަގްރާމް ބޭނުން ނުކުރެވޭތީ ގިނަ ބަޔަކު އެކަންވަނީ އިންސްޓަގްރާމްއަށް ރިޕޯޓްކޮށްފައެވެ. ރިޕޯޓް ކުރި ގިނަ މީހުން ރިޕޯޓްކޮށްފައިވަނީ އިންސްޓަގްރާމް ނިއުސްފީޑް ރީފްރެޝް ނުވާ މައްސަލައެވެ.

އިންސްޓަގްރާމްއަށް ނުވަދެވެނީ ސައުތް އެމެރިކާ އާއި ޔޫރަޕްގެ ބައެއް ޤައުމުތައް އަދި އޭޝިޔާގެ ބައެއް ޤައުމުތަކަށެވެ.

އިންސްޓަގްރާމްއަކީ ފޭސްބުކްގެ ދަށުން ހިންގާ ކުންފުންޏެކެވެ. މިއަދު ހެނދުނުގެ ވަގުތެއްގައި ފޭސްބުކް މެސެންޖާ ވެސް ވަނީ ދުނިޔޭގެ ބައެއް ޤައުމުތަކަށް ޑައުންވެފައެވެ.

އިންސްޓަގްރާމްއަށް މީގެ މަހެއްހާ ދުވަސް ކުރިން ވަނީ އެކައުންޓް ހެކްވާ މައްސަލަތަކެއް ވެސް ދިމާވެފައެވެ. ގިނަ ބައެއްގެ އިންސްޓަގްރާމް އެކައުންޓްތައް ހެކްވާ މައްސަލަ އިތުރުވެފައިވާއިރު، ހެކް ކުރުމަށްފަހު އެކައުންޓްގެ މައުލޫމާތު ޑީލީޓްކޮށްލައެވެ. އަދި ކާޓޫންއެއްގެ ފޮޓޯ ޕުރަފައިލްއަށް ލާ، ޕާސްވޯޑް ފަދަ ތަކެތި ބަދަލު ކުރާ ކަމަށް އެކައުންޓް ހެކްވެފައިވާ ފަރާތްތަކުން ބުނެއެވެ.

އިންޓަގްރާމް އަށް މައްސަލަ ޖެހިފައިވާއިރު މިދިޔަ ހަފްތާގައި ދުނިޔޭގެ އެންމެ މަޝްހޫރު މީސް މީޑިއާ ވެބްސައިޓް ކަމަށްވާ ފޭސްބުކްގެ 50 މިލިއަނަށް ވުރެ ގިނަ އެކައުންޓަށް ސައިބާ ހަމަލާއެއް ވަނީ ދީފައެވެ.