ސެލްފީ ނެގުމުގެ ތެރޭގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަރަށް ނުރައްކާތެރި ޙާދިސާތައް ހިނގާފައިވެއެވެ. ޚާއްޞަކޮށް، އަވަށްޓެރި އިންޑިޔާއިން މިފަދަ ވަރަށް ގިނަ ޙާދިސާތަކުގެ ވާހަކަ އަޑުއިވިފައިވެއެވެ.

ދާދިފަހުން، އެޤައުމުގެ ވެރިކަން ކުރާ ދިއްލީގެ އިރުދެކުނު ސަރަޙައްދެއްގައި، ފިސްތޯލައަކާއެކު ސެލްފީ ނަގަނިކޮށްވަނީ، ގަޔަށް ވަޒަން އަރާ މީހަކު މަރުވެފައެވެ. ނޫސްތަކުން ބުނާ ގޮތުގައި މި ޙާދިސާގައި މަރުވެފައިވަނީ އުމުރުން 23 އަހަރުގެ ޓީޗަރެކެވެ.

އިންޑިޔާގެ ނޫސްތަކުން އިތުރަށް ބުނެފައިވާ ގޮތުގައި ޓީޗަރުގެ ގަޔަށް ވަޒަން އަރާފައިވަނީ އޭނާގެ ދެބެންގެ ދެދަރި ކޮއްކޮއަކާއެކު ސެލްފީ ނަގަނިކޮށެވެ. އަދި، ފިސްތޯލަ ޖެހި ކުއްޖާއަކީ އުމުރުނ 18 އަހަރު ނުފުރޭ ފަރާތެއްކަމަށްވެސް ބުނެފައިވެއެވެ.

އެޤައުމުގެ ފުލުހުން މި މައްސަލަ ތަޙުޤީޤު ކުރަމުންދާއިރު، މި ކުއްޖާ އާއި މި ކުއްޖާގެ ބައްޕައާ ދެކޮޅަށް ފިޔަވަޅު އެޅުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް ނޫސްތަކުން ބުނެއެވެ.

ސެލްފީ ނެގުމަށް ބޭނުންކުރި ފިސްތޯލައަކީ، ބަޑި ޖެހި ކުއްޖާގެ ބައްޕަ ބޭނުންކުރުމަށް ހުއްދަ ދެވިފައިވާ ބަޑިއެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހަހާ

    ބަޔަކު ހޭބަލިވީމަ ވާނީ މިހެންނެވެ. ސެލްފީއަކީ މަށަށް އެހާކަމުދާ އެއްޗެއްނޫނެވެ. މީހަކު ލައްވާ އެފަދަ މަންޒަރު ނެގުމުން ރީތިވާނެއެވެ. އެކަމަކު ހަމަބުއްދި ފިލައިދިއުމުން އެކަކަށްވެސް ހެޔޮ ގޮތް ނުވިސްނެނީއެވެ.