އިންޑޮނޭޝިޔާގެ ޕާލޫއަށް އެރި ސުނާމީއާއި ބިންހެލުންތަކުގެ ސަބަބުން އެސަރަހައްދުގެ ގިނަ ބަޔަކުވަނީ މަގުމަތިވެފައެވެ. ކާނެ އެއްޗެއް ނުލިބި، ވަންނާނެ ގެދޮރެއް ނުލިބި ތިބޭތާ އެތައް ދުވަހެއް ވެއްޖެއެވެ. މިދިޔަ ހުކުރު ދުވަހު އެރި ސުނާމީއަށްފަހު އެޤައުމަށް އެތައް ބިންހެލުންތަކެއް އައިސްފައިވާއިރު، މިކާރިސާގައި މަރުވި މީހުންގެ އަދަދު 1،400 އަށް އަރާފައިވާ ކަމަށް އެޤައުމުގެ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓްއިން ހާމަ ކުރެއެވެ.

ސުނާމީގެ ސަބަބުން ގެދޮރި ނެތި ގިނަ ބަޔަކު މަގުމަތިވެފައިވާއިރު، އަސާސީ ގިނަ ޚިދުމަތްތަކުންވެސް އެޤައުމުގެ ޕާލޫގައި ދިރިއުޅޭ ގިނަ ބަޔަކުވަނީ މަޙްރޫމް ވެފައެވެ. މިގޮތުން .ކާނެ އެއްޗެއް ނުލިބި އެތަކައް ދުވަހެއް ވެފައި ތިބި މީހުން މަދެއް ނޫނެވެ.

"ވަރަށް އުފާ ވެއްޖެ ކާނެ އެއްޗެއް ލިބުނީމަ. ތިން ދުވަސްވަނީ ހުސްބަނޑާ ހުންނަތަން." މިއަދު އެޤައުމަށް ކާނާގެ އެހީ ހިފައިގެން ދިޔަ ޓްރަކްގެ ވެރިޔާއަށް ޝުކުރުވެރިވުން އެޤައުމުގެ 64 އަހަރުގެ މުސްކުޅި ދައްތައަކު ބުންޏެވެ.

އިންޑޮނޭޝިޔާއަށް ކުރިމަތިވި ކާރިސާގައި ހާލުގައި ޖެހިފައިވާ މީހުންނަށް އިންސްޓެންޓް ނޫޑުލްސް ފަދަ ތަކެތި ފޯރުކޮށްދިނުމުގައި އެޤައުމުގެ އޮފިޝަލުން ހަރަކާތްތެރިވާއިރު، އެސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކުން އެހީ ނުލިބޭ ކަމަށްބުނެ ޝަކުވާތަށްދަނީ ކުރަމުންނެވެ.

"ބުނޭ އެހީ ދީފައޭވަނީ. ފޯރު އެބަކޮށްދެމޭ. އެކަމަކު އެތަނެއް ނުފެނޭ." އޭޕީއަށް ދިން އިންޓަރވިއުއެއްގައި ޕާލޫގެ ރައްޔިތެއް ކަމަށްވާ އޭންޑީ ބުނެފައިވެއެވެ.

އިންޑޮނޭޝިޔާގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެޤައުމުގެ ރައީސް ގޮވާލުމާއިއެކު 25 ޤައުމަކުން މިހާތަނަށްވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. ނަމަވެސް މީގެ ތެރެއިން އިންޑޮނޭޝިޔާ ރައްޔިތުންނާ ހަމައަށް ގޮސްފައިވަނީ މަދު ތަކެއްޗެވެ. އެޤައުމުގެ އޮފިޝަލުން ހާމަކުރާ ގޮތުގައި ކާބޯތަކެތި މީހުންނަށް ފޯރުކޮށްދިނުމުގައި ދަތި ތަކެއް ދިމާވެގެން އުޅެނީ އެއަރޕޯޓްތައް އޮޕަރޭޓް ނުކުރެވޭ ވަރަށް ހަލާކުވުމުގެ ސަބަބުންނެވެ.