ބޮލީވުޑްގެ ޝެހެންޝާ، ޝާހް ރުކް ޚާން ފެނިގެންދާ "ޑޮން" ސީކުއެލްގެ ތިންވަނަ ފިލްމުގެ މަސައްކަތްތައް ވަރަށް އަވަހަށް ފަށާނެކަމަށާއި، އެހެން އަހަރުތަކާ ޚިލާފަށް، މި ފިލްމު ޝޫޓްކުރާ މެލޭޝިޔާގައި ނޫންކަން ހާމަކޮށްފިއެވެ. ފިލްމު އުފައްދާ ފަރާތްތަކުން ބުނެފައިވާ ގޮތުގައި "ޑޮން 3" ޝޫޓްކުރަން ހަމަޖެހިފައިވަނީ ދުބާއީ އާއި އަބޫ ދާބީގައެވެ.

މި ފިލްމުގެވެސް ފިރިހެން ލީޑް ރޯލުން ޝާހު ފެނިގެންދާއިރު، އަންހެން ލީޑުގެ ރޯލުން މިފަހަރު ފެނިގެންދާނީ އައު ތަރިއެކެވެ. ހަމައެހެންމެ، ސީކުއެލްގެ ތިންވަނަ ފިލްމުވެސް ޕްރޮޑިއުސް ކުރަނީ ކުރިން ދެ ފިލްމުވެސް ޕޮރޮޑިއުސް ކުރި ފަރުހާން އަޚްތަރެވެ. އަދި ޑައިރެކްޓަރަކީވެސް ކުރީގެ ދެ ފިލްމު ޑައިރެކްޓްކުރި ރިޓޭޝް ސިދްވާނީ އެވެ.

ފިލްމާ ގުޅޭގޮތުން، ޑައިރެކްޓަރު ރިޓޭޝް މިދިޔަ ޑިސެމްބަރު ބުނެފައިވަނީ ހީކުރާ ވަރަށް ވުރެ އަވަހަށް ބެލުންތެރިންނާ ހަމައަށް ފިލްމު އަންނާނެކަމަށެވެ. އަދި، އޭރުވެސް ސްކްރިޕްޓާއި ސްކްރީންޕްލޭގެ މަސައްކަތް ކުރަމުންދާކަމަށް ބުނެފައިވެއެވެ.

ޑޮން ސީކުއެލްގެ ފުރަތަމަ ފިލްމު ނެރެފައިވަނީ 2006 ގައެވެ. އަދި ދެވަނަ ފިލްމު ނެރެފައިވަނީ 2011 ވަނަ އަހަރުއެވެ. އޭގެކުރިން 1978 ވަނަ އަހަރުވެސް ޑޮންގެ ނަމުގައި ފިލްމެއް ނެރެފައިވެއެވެ.