އެޕަލް ކުންފުނީގެ އެންމެ ފަހުގެ އުފެއްދުން ކަމުގައިވާ އައިފޯން އެކްސް އެސް އަދި އެކްސް އެސް މެކްސް ނުވަތަ ރަސްމީ ނަމުން ނަމަ 10-އެސް އަދި 10-އެސް މެކްސް ފޯނުގައި މައްސަލަ އުޅޭ ކަމަށް އެއްބަސްވެ، އެމައްސަލަ ޙައްލު ކުރުމުގެ މަސައްކަތް އެޕަލް ކުންފުނިން ފަށައިފިއެވެ.

އައިފޯން އެކްސް އެސް އަދި އެކްސް އެސް މެކްސް އަށް ދިމާވަމުން އަންނަ މައްސަލައަކީ ޗާޖްއަށް ޖެހުމުން ޗާޖް ނުވާ މައްސަލައެވެ. ފޯންގެ ސްކްރީން ސްޓޭންޑް ބައިގައި (އޮފްކޮށްލާފައި) ހުންނަ ވަގުތު ޗާޖްއަށް ޖެހުމުން އެފޯންތައް ޗާޖް ނުވުމުގެ މަައްސަލައެވެ.

އެޕަލްގެ ފޯންތަކަށް ނެރެފައިވާ އަޕްޑޭޓެއްގައި އެޕަލްއިން ބުނެފައިވަނީ މިހާރު މިމައްސަލަ ހައްލު ކުރެވިފައިވާ ކަމަށެވެ. އެޕަލްގެ އައިއޯއެސް 12.1 ބީޓާ 2 އަޕްޓޭޓްގައި މިމައްސަލަ އެޕަލްއިން ހައްލުކޮށްފައިވާއިރު، ރަސްމީކޮށް މި އަޕްޓޭޑްގެ ރިލީސް ނޯޓްއެއް އެޕަލްއިން ނެރެފައިއެއް ނުވެއެވެ. 12.1 ގެ ޓެސްޓް ވާޝަންއެއް ނެރެފައިވާއިރު، މިއީ ފައިނަލް ވާޝަން ނޫން ކަމަށާއި ފައިނަލް ވާޝަން ނެރެވޭނީ މިމަހުގެ ފަހު ކޮޅުގައި ކަމަށް މަޝްހޫރު އެޕަލްގެ ޚަބަރުތައް ގެނެސްދޭ ޓެކް ސައިޓްތަކުން ހާމަކޮށްފައިވެއެވެ. އައިއޯއެސް 12 ނެރެފައިވަނީ މިދިޔަ ސެޕްޓެންބަރ މަހު 17 ވަނަ ދުވަހުއެވެ.

އެޕަލްއިން މިމައްސަލަ ސޮޕްޓްވެއަރ އަޕްޑޭޓަކުން ހައްލުކޮށްފައިވާއިރު، އެޕަލްގެ ބައެއް ފިހާރަތަކުން މީގެ ކުރިންވަނީ މިގޮތަށް މައްސަލަ އުޅޭ ފޯންތައް ބަދަލުކޮށްދީފައެވެ.

މިގޮތަށް ޗާޖް ކުރުމުގައި މައްސަލަ އުޅޭކަން މީހުންގެ މެދުގައި އާއްމުކޮށްފައިވަނީ " އަންބޮކް ތެރަޕީ" ކިޔާ ޓެކްނޮލޮޖީގެ ތަފާތު މަޢުލޫމާތު ތަކެއް ގެނެސްދޭ ޔޫޓިއުބް ޗެނަލްއަކުންނެވެ. އަދި މިއާއެކު މިމައްސަލަތަކުގެ ވާހަކަ މީސްމީޑިޔާގައި ގިނަ ބަޔަކު ދަނީ ހިއްސާކުރަމުންނެވެ.