މަތީގައިވާ ދެ ފޮޓޯއިން ފެންނަނީ، މި މަހުގެ ތިންވަނަ ދުވަހުގެ ވަގުތެއްގައި ނިއު ކާސަލްގެ ގްރޭޓް އައިލޭންޑް ކޮމަންސްގައި ދެ ފޮޓޯގްރާފަރަކު ދެތަނަކުން ނަގާފައިވާ ފޮޓޯއެކެވެ. ނަމަވެސް ފޮޓޯގެ ކްއެލިޓީ ފިޔަވައި އިތުރު އެއްވެސް ތަފާތެއް، ދެ ފޮޓޯއިން ފެންނާން ނެތުމުން ގިނަ ބަޔަކަށް ބޮޑު ހައިރާންކަމެއް ވަނީ ލިބިގެން ގޮސްފައެވެ.

ގްރޭޓް އައިލޭންޑް ކޮމަންސްއަކީ ޢާންމުން ޕިކްނިކް ގޮސް އުޅޭ ސަރަޙައްދެކެވެ. ފަތުރުވެރިންގެ މެދުގައިވެސް މަޤުބޫލު މި ސަރަޙައްދަށް ކޮންމެ އަހަރެއްގެ ވެސް ފިނި މޫސުމުގެ ތޫފާންތަކާއި ކުރިމަތިވާ ހިނދު، އެ މަންޒަރު ފޮޓޯނަގާލަން ގިނަ ބަޔަކު ދަތުރު ކުރެއެވެ. އެގޮތުން މިއަހަރު އިންތިފާގުން ރޯން ރިސްމަން އާއި އެރިކް ގެންޑްރޯންވެސް މި މަންޒަރު ފޮޓޯ ނަގާލަން ދިޔައީ އެއް މަންޒިކަލަށެވެ. ނަމަވެސް އޭރު މި ދެފޮޓޯގްރާފަރުންނަކީ އެކަކު އަނެކަކަށް އެނގޭ ދަންނަ ބައެއް ނޫނެވެ.

 

ރޯން ރިސްމަން ބުނެފައިވާގޮތުގައި، އޭނާ އެތަނަށް ގޮސް ފޮޓޯ ނެގުމަށް ބޭނުންކުރީ، ކެނޯން ބްރޭންޑުގެ 5ޑީ މާކް 4 ކެމެރާއަކާއި 150-600 އެމްއެމްގެ ލެންސެއް ކަމަށެވެ. އަދި ޓްރައިޕޮޓުގައި ކެމެރާ ސެޓްކޮށް ފޮޓޯ ނެގުމަށް ތައްޔާރުވީ އެސަރަޙައްދުގައި ހުރި ގަހެއްގެ ކައިރީގައި ކަމަށާއި، އޭރު އެއްވެސް މީހަކު އެތަނުގައި އޭނާ އާއި އެކުގައި ނެތްކަމަށެވެ.

"އަހަރެން ކެމެރާ ސެޓްކުރީ އެތަނުގައި ހުރި ގަހެއްގެ ދަށުގައި. ފޮޓޯ ނަގާ ބޭފުޅުންނަށް އެނގޭނެ ވައިގަދަ ތަންތަނުގައި 600 އެމްއެމްގެ ލެންސަކުން، ޓްރައިޕޮޑުގައި ވެސް ފޮޓޯ ނެގުމަކީ އުންދަގޫ ކަމެއްކަން. އެހެންވެ ގަހުގެ ނިވަލުގައި އަޅުގަނޑު ބޭނުންވީ ހުންނަން. އެވަގުތު އެތަނުގައި އިތުރު މީހަކު ނެތް،" ރޯން ބުންޏެވެ.

ރޯން ބުނިގޮތުގައި އޭނާ ބޭނުންވީ، އެތަނުގައި ހުންނަ ލައިޓްހައުސްއަށް ރާޅު ބިންދާލާ ވަގުތު ފޮޓޯ ނެގުމަށް ކަމަށާއި، ރާޅެއް އަންނަތަން ފެނުމާއި އެކު ފޮޓޯއަށް ތައްޔާރުވެ އެ މަންޒަރު ނެގިކަމަށެވެ. އަދި އެއަށްފަހު ގެއަށްގޮސް ފޮޓޯތައް ކެމެރާއިން ނަގައި އޭގެތެރެއިން އެންމެ ހިތްހަމަޖެހޭ ގޮތަށް ނެގިފައި އިން ފޮޓޯ އެޑިޓްކޮށް މީސްމީޑިއާގައި ޢާންމު ކުރިކަމަށް އޭނާ ބުންޏެވެ.

ރޯން ނަގާފައިވާ ފޮޓޯ

މީސްމީޑިއާގައި އެ ފޮޓޯ ޢާންމު ކުރުމާއި އެކު، އެތައް ބައެއްގެ ކޮމެންޓް ފޮޓޯއަށް ލިބެމުން ދިޔަ ކަމަށާއި، ނަމަވެސް އޭގެތެރެއިން އެއް ކޮމެންޓުގައި، ހަމަ އެމަންޒަރު ފެންނަ ސްކްރީންޝޮޓަކާއި އެކު އެއީ އިނގިރޭސި ފޮޓޯގްރާފަރު އެރިކް ގެންޑަންގެ ފޮޓޯއެއް ކަމަށް މީހަކު ބުނެފައިއޮތް އޮތުމުން އެތައް ސުވާލެއް އުފެދުނު ކަމަށް ރޯން ބުންޏެވެ.

އެރިކް ނަގާފައިވާ ފޮޓޯ

އެހެންކަމުން އެ ކޮމެންޓު ކޮށްފައިވާ ފަރާތަށް ފޮޓޯގެ ރޯ-ފައިލް ފޮނުވައިގެން އެއީ އޭނާ ނަގާފައިވާ ފޮޓޯއެއްކަން ސާބިތުކޮށްދިން ކަމަށް ރޯން ބުނެފައިވެއެވެ. އެއަށްފަހު އެރިކް އާއިވެސް އޮންލައިނުން ދިމާވެ އޭނާ ނަގާފައިވާ ފޮޓޯގެ ހަޤީޤަތް ބެލުމުން އެއީ އެއްވަގުތެއްގައި ނެގިފައިވާ އެއް މަންޒަރެއް ފެންނަ ދެފޮޓޯއެއްކަން ޔަޤީން ކުރެވުނު ކަމަށް ރޯން ވަނީ ބުނެފައެވެ.

"އަހަރެން ހުރީ ހައިރާން ވެފައި. އަހަރެން ފޮޓޯ ނެގި ތަނުގައި އިތުރު މީހަކު ނެތުމާއެކު އެރިކް ނެގި ފޮޓޯ އާއި އަހަރެން ނެގި ފޮޓޯއިން ފެންނަ މަންޒަރުގައި އެއްވެސް ތަފާތެއް ނެތް. މިއީ ވަރަށް ބޮޑު އިއްތިފާޤެއް،" ރޯން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މޫދު ލޮނުގަނޑުގަ ތަފާތެއް އުޅެނީ..