ބޮލީވުޑްގެ ތަރިންނަށް އެންމެ ހާއްސަ ޓޯކް ޝޯ ކަމުގައިވާ، ފިލްމު އުފެއްދުންތެރިޔާ ކަރަން ޖޯހަރް ޕްރޮޑޮޔުސް ކުރާ "ކޮފީ ވިތު ކަރަން" ގެ ހަ ވަނަ ސީޒަން މި މަހު 21 ގައި ފަށާނެ އެވެ.

އާ ސީޒަންގެ ޝޫޓިންތައް ފަށަމުން ކަރަން ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ސެޓުގެ މަންޒަރުތައް ދައްކައ އާ ސިޒަންގެ ފުރަތަމަ ދެ މެހުމާނުންގެ ނަން ވެސް ކަރަން ވަނީ ހާމަކޮށްފައެވެ.

އެގޮތުން " ކޮފީ ވިތު ކަރަން"ގެ ހަވަނަ ސީޒަން ފަށާނީ ކުޅަދާނަ އެކްޓަރ ސައިފް އަލީ ހާން އާއި އޭނާގެ ދޮށީ ދަރި ސާރާ އަލީ ޚާން އެވެ.

ސާރާ ބޮލީވުޑަށް ތައާރަފުވާ ފިލްމު "ކެދަރްނާތު" އަންނަ މަހު ނުކުންނައިރު އޭނާ އަންނަނީ ކަރަންގެ ފިލްމު "ސިމްބާ" ގައި ވެސް މަސައްކަތްކުރަމުންނެވެ. ސައިފް އާއި ސާރާ އެ ދެ މީހުންގެ މެދުގައި އޮންނަ ގުޅުމާ ބެހޭ ގޮތުން "ކޮފީ ވިތު ކަރަން"ގައި ވާހަކަ ދައްކާނެއެވެ.

އަދި ސާރާގެ ދޮންމަންމަ، ކަރީނާ ކަޕޫރް ޚާން އާއި އެ ދެމީހުންގެ ދަރިފުޅު ތައިމޫރް އަލީ ޚާންއާ އޮންނަ ގުޅުމުގެ ތަފާތު ވާހަކަތައް ވެސް ދައްކާނެ ކަމަށް މީޑިއާތަކުން ބުނެފައިވެއެވެ.

ސާރާ އަކީ އަމްރިތާ ސިންގް އާއި ކައިވެނިކޮށްގެން ސައިފް އަށް ލިބުނު ދަރިއެކެވެ. އަމްރިތާއާއި ސައިފް ވަރިވެފައިވަނީ 2004 ވަނަ އަހަރުގެ ތެރޭގައެވެ.

މި ސީޒަންގައި ފެނިގެންދާނެ ކަމަށް ބެލެވޭ އިތުރު މެހުމާނުންގެ ތެރޭގައި ޖާންވީ ކަޕޫރް އާއި އިޝާން ކައްޓަރު ހިމެނެ އެވެ. އަދި ބޮލީވުޑް ޖޯޑުންގެ ތެރެއިން އަނުޝްކާ ޝަރްމާ އާއި ވިރާޓް ކޯލީ، ސޯނަމް ކަޕޫރް އަހޫޖާ އާއި އާނަންދު އަހޫޖާ، ޕްރިޔަންކާ ޗޯޕްރާ އާއި އިނގިރޭސި ލަވަކިޔުންތެރިޔާ ނިކް ޖޯނަސް ހިމެނެއެވެ.