މިދިޔަ އޮގަސްޓް މަސް ތެރޭގައި އިންޑިއާގެ ކެރެލާއަށް ކުރި ވިއްސާރާގައި އެތައް ބަޔަކު ހާލުގައި ޖެހުނެވެ. އެ މީހުންނަށް އެހީވުމުގައި އެތައް ބަޔަކު ހަރަކާތްތެރިވިއިރު، އެ މަސައްކަތުގައި އުޅުނު މީހެއްގެ ވާހަަކަ އެއިރު ވަރަށް ބާރަށް ދެކެވުނެވެ. އެ ކުއްޖާ މީހުން ސަލާމަތްކޮށްގެން ހިކިފަސް ތަަނަކަށް ގެންނަމުންދާ މަންޒަރު ވީޑިއޯތަކަށް އެރިއެވެ. އެ މަންޒަރު އެތައް ހާސް ބަޔަކު ބެލިއެވެ.

ނަމަވެސް މިއަދު އޭނާ ދުނިޔޭގައި ނެތެވެ. މިދިޔަ އާދީއްތަ ދުވަހު އިންޑިއާގެ ހައިވޭއެއްގެ މަތީގައި ހިނގި އެކްސިޑެންޓެއްގައި ޖިނޭޝް ނަމަކަށް ކިޔާ އެ ކުއްޖާ ވަނީ މަރުވެފައެވެ. އޭނާ މަރުވީ އިތުރު ރައްޓެއްސަކާއެކު ބައިސްކަލް ދުއްވަން ދަނިކޮށް ދެ މީހުންވެސް އެ ބައިސްކަލުން ވެއްޓި، އޭނާގެ ގައި މަތިން ޓްރަކެއް ދުއްވުމުންނެވެ.

އޭނާގެ ރަހުމަތްތެރިއާ ޖަގޭޝް ބުނިގޮތުގައި، އޭނާ އެ މަގުމަތީ އޮތްއިރު އެތައް ބައެއްގެ އެހީތެރިކަމަށް އެދުނެވެ. ނަމަވެސް އެއްވެސް މީހެއްގެ އެހީތެރިކަމެއް ވަނީ ލިބޭގޮތް ނުވެފައެވެ. ރިޕޯޓްތައް ބުނާގޮތުގައި، އެމްބިއުލާންސްއަށްވެސް އެ ހިސާބަށް އާދެވުނީ، އެހާދިސާ ހިނގިތާ 30 މިނިޓް ފަހުންނެވެ. އެ ހާދިސާގައި އަނިޔާވި ދެވަނަ މީހާވެސް ހޮސްޕިޓަލަށް ގެންދެވުނުއިރު، ހޮސްޕިޓަލަށް ގެންދެވުނުއިރުވެސް ޖިނޭޝް މަރުވެފައިވާކަމަށް ވެއެވެ.

ޖަގޭޝް ބުނީ، އެހެން މީހުންނަށް އެހީތެރިވުމުގައި އުޅޭ ކުއްޖަކަށް އެފަދަ ކަމެއްވެ، އެހެން މީހުންގެ އެހީތެރިކަން ނުލިބުމަކީ ހިތާމަ ކުރާ ކަމެއް ކަމަށެވެ.

ކެރެލާއަށް ކުރި ވިއްސާރާގައި ޖިނޭޝް އާއި އޭނާގެ ރަހުމަތްތެރިން ވަނީ 100 އެއްހާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. އެހެން ނަމަވެސް އޭނާއަށް މިއަދު އެހީތެެރިވާނެ މީހަކު ނުވުމުން ގިނަބަޔަކު ތިބީ ބޮޑު ހިތާމައެއްގެ ތެރޭގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މީހާ.

    ދުނިޔެ އަކީ.އެކަހަލަ ތަނެކެވެ.