އަންހެނެއްގެ ހަޔާތުގައި އަންނާނެ އެންމެ މުހިންމު އެއް ދުވަސްވަރަކީ މާބަނޑު ދުވަސްވަރެވެ. އެހެނީ އެ ދުވަސްވަރަކީ އެހެން ފުރާނައެއް  ތިމާގެ ރަހިމުގެ ތެރޭގައި ހެދިބޮޑުވަމުން އަންނަ ދުވަސްވަަރަކަށް ވުމުންނެވެ. ދުޅަހެޔޮކަންމަތީ ރަހިމުގައި ހެދިބޮޑުވަމުން އަންނަ ތުއްތު ދަރިފުޅު ދުނިޔެއަށް އުފަން ކުރުމަކީ ކޮންމެ މައެއް އަދި ކޮންމެ ބަފައެއްގެވެސް އުންމީދެކެވެ. އަދި މައިމީހާގެ ރަހިމުގައި ކުއްޖާ ހޭދަކުރާ ދުވަސްވަރަކީ އެ ކުއްޖާގެ ދުޅަހެޔޮކަމަށް ވަރަށް ބޮޑަށްވެސް ވިސްނަން ޖެހޭ ދުވަސްވަރެކެވެ. އެހެނީ އެދުވަސްވަރަކީ ވަރަށް ގިނަ ކަންކަން ކުއްޖާ ދަސްކުރަމުން އަންނަ ދުވަސްވަރަކަށް ވުމުންނެވެ.

ސައިންސްވެރިންގެ ނަޒަރުގައި ރަހިމުގެ ތެރޭގައި ކުއްޖާ އޮންނަ  ދުވަސްވަރު ދަސްކުރާ އެންމެ މުހިންމު އެއް ކަމަކީ ތަފާތު ރަހަތަށް ވަކި ކުރަން އެގުމެވެ. އަދި ކުއްޖާ ދުނިޔެއަށް އުފަންވުމަށް ފަހު، ގާތުންދޭ ދުވަސްވަރުގައި  މައިމީހާގެ ކެއުމަށް ބަދަލު އައިސްފިނަމަ  ބައެއް ފަހަރު ގާތުންދޭ ކިރުގެ ރަހައަށް ބަދަލު އައިސް ކުއްޖާ ގާތުން ނުބޯން އުޅޭ ފަހަރުވެސް އާދެއެވެ.

ރަހިމުގެ ތެރޭގައި އޮންނައިރު ކުއްޖާއަށް އަޑުތައް ވަކި ކުރަން އެނގޭނެއެވެ. އަދި ވަކިން ހާއްސަކޮށް މަންމަގެ އަޑު ވަކި ކުރަން އެނގޭނެއެވެ، މީގެ އިތުރުން  ތަފާތު އެކި އެކި ބަސްތައް ވަކި ކުރަން އެނގޭނެއެވެ. މިކަމުގެ އެންމެ ބޮޑު ހެއްކަކީ އެކުއްޖާގެ މައިމީހާ ވާހަކަ ދައްކާ ބަހުރުވައިން ވާހަކަ ދައްކާ މީހުންނަށް ކުއްޖާ ދުނިޔެއަށް އައުމުންވެސް ދޭ ސަމާލުކަން އިތުރުވުމެވެ.

އަދި އަލި ދެނެގަނެ އެސްފިޔަ ޖަހަން ދަސްކުރުމާއި އެކި ވަށްތަރުގެ ވަސް ދެނެގަތުމަކީވެސް ކުއްޖާ މައިމީހާގެ ރަހިމުގެ ތެރޭގައި އޮންނައިރު ދަސްކުރާ ކަންކަމެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް