ނޭނގި ހުއްޓާ އެކައުންޓަށް އެތައް މިލިއަން ފައިސާއެއް ޖަމާވެ، މިލިއަނަރަކަށް ވުން އެއީ ނަސީބެއް ކަމަށް ގިނަ ބަޔަކު ގަބޫލު ކޮށްފާނެއެވެ. ނަމަވެސް ޕާކިސްތާންގައި އައިސްކްރީމް ވިއްކަން އުޅޭ މުހައްމަދު އަބްދުލް ގާދިރު އަށް އެތައް މިލިއަން ރުފިޔާއެއް ލިބުން އެއީ އޭނާ ގަބޫލު ކުރާ ގޮތުގައި އޭނާގެ ބަދުނަސީބެވެ.

ދާދިފަހުން ޕާކިސްތާންގެ ފެޑްރަލް އިންވެސްޓިގޭޝަން އެޖެންސީ އިން ގާދިރުގެ ގެއަށް ގޮސް ގާދިރު އެއިދާރާގެ ބެލުމުގެ ދަށަށް ގެންދިޔައެވެ. އަދި އޭނާގެ އެކައުންޓަށް 2.3 ބިލިއަން ރުޕީސް (ދިވެހި ރުފިޔާ އިން ބަލާނަމަށް 281 މިލިއަން ރުފިޔާ) ޖަމާ ކޮށްފައި ވަނީ ކިހިނެއްތޯ ސުވާލު ކުރިއެވެ.

ދުވާލެއްގެ އާމްދަނީއަށް 60 ރުފިޔާ ލިބޭ ގާދިރަށް ވެސް ލިބުނީ ބޮޑު ހައިރާން ކަމެކެވެ. އޭނާގެ އެކައުންޓަށް އެހާ ގިނަ ފައިސާ ޖަމާވެފައި ނުހުންނާނެ ކަމަށް ގާދިރު ބުންޏެވެ. އޭނާ އަކީ ބޭންކް އެކައުންޓެއް ދުވަހަކު ހުޅުވި މީހެއް ވެސް ނޫން ކަމަށް ގާދިރު ބުންޏެވެ.

އުމުރުން 52 އަހަރުގެ ގާދިރު ބުނާ ގޮތުގައި އޭނާގެ އެކައުންޓެއް ހުޅުވާ، ފައިސާ ޖަމާކޮށްފައި ވަނީ މަނީލޯންޑްރީ ކުރާ ބަޔަކު އޭނާގެ އައިޑީކާޑްގެ ކޮޕީއެއް ސިއްރުން ހޯދައިގެންނެވެ.

ޕާކިސްތާންގެ ފެޑްރަލް އިންވެސްޓިގޭޝަން އެޖެންސީ އިން މިހާރު ވެސް ގެންދަނީ ފަގީރުންގެ ނަމުގައި ސިއްރުން ހުޅުވާފައިވާ 77 ބޭންކް އެކައުންޓެއްގެ މައްސަލަ ބަލަމުންނެވެ. އެއެކައުންޓްތަކަށް ޖަމާވެފައިވާ ފައިސާގެ އަދަދު 35 ބިލިއަން ރުޕީސް އަށް އަރައެވެ.

ގާދިރުގެ އެކައުންޓަށް ޖަމާވި ފައިސާ އަކީ އޭނާ އާއި އެއްވެސް ގުޅުމެއް ހުރި ފައިސާއެއް ނޫންކަމަށާއި އެކައުންޓް ހުޅުވާފައި ވަނީ އޭނާ އަށް އެއްވެސް ވަރެއްގެ މައުލޫމާތެއް ނުލިބި ކަމަށް ގާދިރު ބުނި ނަމަވެސް ޕާކިސްތާންގެ ފެޑްރަލް އިންވެސްޓިގޭޝަން އެޖެންސީ އިން ގާދިރުގެ ވާހަކަތައް ގަބޫލެއް ނުކުރެއެވެ.

ގާދިރު މިހާރު ބަންދުން ދޫކޮށްލާފައި ހުރި ނަމަވެސް އޭނާ އާއި އަދިވެސް ޕާކިސްތާންގެ ފެޑްރަލް އިންވެސްޓިގޭޝަން އެޖެންސީ އިން ގެންދަނީ ސުވާލު ކުރަމުންނެވެ. ޕާކިސްތާންގެ ފެޑްރަލް އިންވެސްޓިގޭޝަން އެޖެންސީ އިން ތުހުމަތު ކުރާ ގޮތުގައި ގާދިރު ވަނީ އޭނާގެ އައިޑީކާޑްގެ ކޮޕީއެއް މަނީލޯންޑްރިން ކުރާ ބަޔަކަށް ވިއްކާލާފައި ކަމަށް ވުން އެކަށީގެންވެއެވެ.

ޕާކިސްތާންގެ ފެޑްރަލް އިންވެސްޓިގޭޝަން އެޖެންސީ އިން މިހާރު ގާދިރު އާއި ސުވާލު ކުރަމުން ގެންދަނީ ގާދިރުގެ އައިޑީކާޑްގެ ކޮޕީ ހޯދީ ކޮން ބައެއްތޯ ސާފު ކުރުމަށެވެ.

ގާދިރުގެ އެކައުންޓް ފްރީޒް ކޮށްފައި ވާއިރު އެކައުންޓުން އެއްވެސް ފައިސާއެއް އޭނާ އަކަށް ނުލިބޭނެއެވެ. ޕާކިސްތާންގެ ފެޑްރަލް އިންވެސްޓިގޭޝަން އެޖެންސީގެ ސުވާލުތަކުގެ ސަބަބުން ގާދިރު މިހާރު ހުރީ ބޮޑު ބިރުވެރިކަމެއްގެ ތެރޭގައެވެ. އެއީ މައިންބަފައިންނާއި އަނބިދަރިން ދޫކޮށް ޖަލަށް ދާން ޖެހިދާނެތީއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބޭބީ

    ތިމީހުން އެއުޅެނީ ރިޝްވަތު ދޭތޯ. ހަމަދިނީ އޭނަ ސަލާމަތްވާނެ. އެންމެ ނުބައި ފުލުހުން އުޅޭނީ އެތާގައި