މާވަލް ސިނެމެޓިކް ޔުނިވަރސްއިން އުފައްދާ ތައްޔާރު ކުރާ ފިލްމްތަކުގައި ކެޕްޓަން އެމެރިކާގެ ރޯލް ކުޅެމުން އަންނަ ކްރިސް އެވަންސް އެރޯލުން ދެން ފެނިގެން ނުދާނެ ކަމުގެ އިޝާރާތެއް ކޮށްފިއެވެ.

ކްރިސް، ކެޕްޓަން އެމެރިކާގެ ރޯލް ކުޅުން ދޫކޮށްލާނެކަން ހާމަަކޮށްފައިވަނީ މާވަލްގެ 22 ވަނަ ފިލްމް އެވެންޖަރސް 4 ޝޫޓް ކުރުމަށްފަހު ކޮށްފައިވާ ޓްވީޓްއެއްގައެވެ. މިޓްވީޓްގައި އޭނާ ބުނެފައިވަނީ 8 އަހަރު ދުވަހު ކެޕްޓަން އެމެރިކާގެ ރޯލް ކުޅުމަކީ ލިބޭ ވަރަށް ބޮޑު ފަޚުރެއް ކަމަށެވެ. ކްރިސް މިރޯލް ކުޅުން ހުއްޓާލުމާއިއެކު، ހޮލީވުޑްގެ ގިނަ ތަރިންވަނީ މިކަމާ ހިތާމަކޮށް ޓްވީޓް ކޮށްފައެވެ.

2008 ވަނަ އަހަރު ނިކުތް އަޔަން މޭން ފިލްމާއިއެކު، ފަށައިގަތް މާވަލްގެ އެވެންޖަރސް ސީރީސްގައި ފުރަތަމަ ފަހަރަށް ކްރިސްގެ ރޯލެއް ފެނިގެން ގޮސްފައިވަނީ ކެޕްޓަން އެމެރިކާ ނަމަކަށް ކިޔާ ފިލްމަކުންނެވެ. އެފިލްމްގައި ކްރިސް އަދާކޮށްފައިވަނީ ސްޓީވް ރޮޖާރސްގެ ދައުރެވެ. މިފިލްގައި އޭނާގެ ގަޔަށް ޚާއްސަ އިންޖެކްޝަންއެއް ޖަހައެވެ. އަދި މިއާއިއެކު އެހެން އިންސާނުންނަށްވުރެ އޭނާ ބާރު ގަދަވެއެވެ. އަދި ދެވަނަ ބޮޑު ހަނގުރާމައިގައި އެމެރިކާގެ ދިފާޢުގައި ކެޕްޓަނެއްގެ މަޤާމް އަދާކުރަމުން ނާޒީންނާއި ހަނގުރާމަ ކުރެއެވެ. ކްރިސްގެ ފުރަތަމަ މާވަލް ފިލް، "ކެޕްޓަން އެމެރިކާ" އަކީ ސައިންސް ފިކްޝަން ފިލްމެކެވެ.

މާވަލްގައި ފިލްމް ކުޅެން ފެށުމުގެ ކުރިން ކްރިސްވަނީ ފެންޓަރސިޓިކް ފޯރ ގައި ހިއުމަން ޓޯޗް ގެ ރޯލުން 2005 ވަނަ އަހަރު އަދި 2007 ވަނަ އަހަރު ފެނިގެން ގޮސްފައެވެ.