ކުޅަނާދަ އެކްޓަރު ވަރުން ދަވަން އާއި ބަތަލާ އަނުޝްކާ ޝަރުމާ އެކުގައި ފެނިގެން ދިޔަ ފުރަތަމަ ފިލްމު "ސުއީ ދާގާ" އަށް ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.

މިދިޔަ ހުކުރު ދުވަހު އެ ފިލްމު ރިލީޒް ކުރެވިފައިވާއިރު އެ ފިލްމަށް އިންޑިއާ އާއި އިންޑިއާ އިން ބޭރުގެ މާކެޓްތަކުން ލިބުނު އާމްދަނީ ވަނީ 90.36 ކްރޯޑް ރުޕީސް އަށް އަރައިފައެވެ.

އަދި އިންޑިއާއިން އެކަނިވެސް އެ ފިލްމަށް 62.50 ކްރޯޑް ރުފީސް ލިބިފައިވާއިރު ތަޖުރިބާކާރުން ބުނާ ގޮތުގައި ކުރިއަށް އޮތް ހަފްތާއެއްގެ ތެރޭގައި އެ ފިލްމަކީ 100 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ލިބުނު ފިލްމުތަކުން ޖާގައެއް ކަށަވަރު ކުރާނެ ފިލްމެކެވެ.

ކުޑަދާނަ އެކްޓަރ ސަތަރު ކަތަރިއާ ޑައިރެކްޓް ކޮށްފައިވާ "ސުއީ ދާގާ" އިން ފެނިގެންދަނީ ފަހައިގެންނާއި ޖަރީގެ މަސައްކަތްކޮށްގެން ދިރިއުޅުން އުޖާލާކުރި ރަށްފުށުގެ އާދައިގެ ދެމެފިރިއެއްގެ ވާހަކައެވެ.

ޔާސް ރާޖް ފިލްމު ޕްރޮޑަކްޝަންގެ ދަށުން އުފެއްދި "ސުއިީ ދާގާ" ވެގެން ގޮސްފައިވަނީ ފޫހިކަމެއް ނެތި ބަލާލެވުނު ހިތްގައިމު ފިލްމުތަކުގެ ތެރެއިން ފިލްމަކަށް ކަމަށް އެ ފިލްމު ބެލި އިންޑިއާގެ ފިލްމު އިންޑަސްޓްރީގައި ހަރަކާތްތެރިވަމުން އަންނަ ބައެއް އިސް ފަރާތްތައް ބުނެއެވެ. އަދި އެ ފިލްމުގައި އަނުޝްކާ އާއި ވަރުން ކުޅެދީފައިވާ ރޯލުގެ މޮޅުކަމަށްވެސް އެމީހުން ވަނީ ތައުރީފްކޮށްފައެވެ.

ހަފްތާއެއްގެ ތެރޭގައި "ސުއީ ދާގާ" ހޯދި ބޮޑު ކާމިޔާބީގެ ސަބަބުން ގިނަ ބައެއްގެ ލޯބި ވަރުން ދަވަން އަށް ލިބި އޭނާ އަކީވެސް ބޮކްސް އޮފީހުގައި ރަސްކަން ކުރެވޭނެ ފަދަ ގާބިލް އެކްޓަރެއްކަން މިވަނީ ސާބިތުވެފައެވެ.