ދިޕިކާ ޕަދުކޯން އަކީ ބޮލީވުޑްގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދައިފައިވާ ތަރިއެކެވެ، ނަމަވެސް މިއަހަރުގެ މިހާތަނަށް އައިރުވެސް ދިޕިކާއަށް ވަނީ ކުޅޭނެ ފިލްމެއް ނުލިބިފައެވެ. ދިޕިކާއަށް އިރްފާން ހާން އާއި އެކު ފިލްމެއް ކުޅެން ލިބިނު ނަމަވެސް އެ ފިލްމު ވަނީ އިރްފާންގެ ބަލިހާލަތުގެ ސަބަބުން ކުރިއަށް ގެންދެވޭގޮތް ނުވެފައެވެ. އެހެންކަމުން މިއަހަރު ހުސް އަތާ ނިންމާލުމުގެ ލަދުން ދިޕިކާ ސަލާމަތްވާން ޖެހުނީ އަމިއްލައަށް ފިލްމެއް އުފައްދައިގެންނެވެ.

އުމުރުން 32 އަހަރުގެ ދިޕިކާ ދެން ކުޅޭނީ އޭނާ އަމިއްލަ އަށް ޕްެރޮޑިޔުސްކޮށް ކުޅަދާނަ ޑައިރެކްޓަރ މޭގަން ގުލްޒާރު ޑައިރެކްޓް ކުރާ ފިލްމަކުންނެެވެ. އެ ފިލްމާއި ބެހޭ މައުލޫމާތު މިހާރު ހިއްސާ ކޮށްފައިވާއިރު އެ ފިލްމަކީ 2005 ވަނަ އަހަރު އިންޑިއާގައި ދެވުނު އެސިޑު ހަމަލާއިން ސަލާމަތްވި ހިތްވަރު ގަދަ އަންހެނެއްގެ ހަޔާތުގެ މަށްޗަށް ބިނާކޮށް ކުޅޭ ފިލްމެކެވެ.

އެގޮތުން 2005 ވަނަ އަހަރު އެސިޑް އެޓޭކުން ސަލާމަތްވި ލަކްޝްމީ އަގަލްވާރްގެ ރޯލުން ދިޕިކާ ފެނިގެންދާއިރު އެ ފިލްމުގެ މަސައްކަތް ފަށާނެ ތާރީހާއި ފިލްމުގެ ނަން އަދި ހާމަކޮށްފައެއް ނުވެއެވެ.

އެސިޑް ބޭނުންކޮށްގެން 2005 ވަނަ އަހަރު ލަކްޝްމީއަށް މީހަކު ހަމަލާ ދިން އިރު ލަކްޝްމީ ހުރީ އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ ބަސް ސްޓޮޕެއް ކައިރީގައެވެ. ލަކްޝްމީއަށް ހަމަލާ ދިނީ އޭނާ ކައިވެނި ކުރަން ދެކޮޅު ހެދި މީހެކެވެ. އަދި އެ ހާދިސާއަށް ފަހު އިންޑިއާގައި އެސިޑް ބޭނުން ކުރުމުގެ ގަވައިދަށް ބޮޑު ބަދަލު ތަކެއް ވަނީ ގެނެސްފައެެވެ.