ބޮލީވުޑްގެ މަޝްހޫރު ތަރި ޝްރައްދާ ކަޕޫރަށް ޑެންގޫ ޖެހިގެން ފަރުވާ ދެމުންދާ ޚަބަރު، އޭނާ ދެކެ ލޯބިވާ އޭނާގެ ފޭނުން އެހީ ކަންބޮޑުވުމާއި މާޔޫސްކަމާއި އެކުއެވެ. ޝްރައްދާގެ ހާލު ގޯސްވެގެން ހޮސްޕިޓަލުގައި ފަރުވާ ދެމުންދާތާ ދުވަސްކޮޅެއް ވެފައި ވާއިރު، އޭނާގެ ހާލާއި ބެހޭ އެއްވެސް މަޢުލޫމާތެއް މީޑިއާ އާއި ހިއްސާކޮށްފައެއް ނުވެއެވެ.

އުމުރުން 31 އަހަރުގެ ޝްރައްދާ ޑެންގޫ ހުމަށް ޕޮޒިޓިވް ވެގެން ފަރުވާ ދެމުންދާކަން ނޫސްތަކުން ހާމަކުރުމުން އޭނާގެ ފޭނުން އޭނާގެ ޚަބަރަކަށް އިންތިޒާރު ކުރަމުންދަނިކޮށް އޭނާ މިވަނީ އެފަރާތްތަކުގެ ހިތްތަކަށް ފިނިކަމެއް ގެނެސްދީފައެވެ. އެގޮތުން އޭނާގެ ހާލު މިހާރު ރަނގަޅު ވަމުން އަންނަ ކަމަށް ބުނެ ލިޔެފައިވާ ލިޔުންކޮޅެއް މިހާރު މީސްމީޑިއާ މެދުވެރިކޮށް އޭނާ ވަނީ ޢާންމުކޮށްފައެވެ.

އިންސްޓަގްރާމުން ޢަންމުކުރި އެ ލިޔުމުގައި ޝްރައްދާ ބުނީ، އޭނާގެ ބަލި ހާލަތު ރަނގަޅު ވަމުން އަންނަ ކަމަށާއި އެކަމާއި މެދު އެއްވެސް މީހަކު ކަންބޮޑު ނުވުމަށެވެ. އަދި ހުރިހާ ފޭނުން ދެކެ އިންތިހާއަށް ލޯބިވާ ކަމަށް އޭނާ ބުނެފައި ވެއެވެ.

ޝްރައްދާއަށް ޑެންގޫ ހުން ޖެހިގެން ފަރުވާދެމުން މިދަނީ، މިދިޔަ މަހު އާ ފިލްމެއްގެ މަސައްކަތް އޭނާ ފަށާފައި ވަނިކޮށެވެ. އެ ފިލްމަކީ އޭޝިއަން ގޭމްސްގެ ބެޑްމިންޓަން އަންހެން ކުޅުންތެރިންގެ ބައިން ބްރޮންޒް މެޑަލްއެއް ހޯދައިގެން މުޅި އިންޑިއާ ފަޚުރުވެރިކޮށްދީ، ތާރީޚުގެ ސަފްހާތަކުން ޖާގަ ހޯދި ބެޑްމިންޓަން ކުޅުންތެރިޔާ ސައިނާ ނެހްވަލްގެ ހަޔާތުގެ މައްޗަށް ކުޅޭ ފިލްމެކެވެ.

ޝްރައްދާ ގިނަ ބައެއްގެ މަޤުބޫލުކަން ހޯދާފައި ވަނީ ފިލްމް "އާޝިގީ 2" އިންނެވެ. އެ ފިލްމަށްފަހު އޭނާ ވަނީ ބޮލީވުޑްގެ މަޝްހޫރު ފިލްމުތަކުގެ ލީޑު ރޯލުން ފެނިގެންގޮސްފައެވެ.