ދުނިޔެއަކީ ތަފާތު ތަނެކެވެ. އެކި މީހުން ކުރާނީ އެކި ކަހަލަ މަސައްކަތެވެ. އާމްދަނީ ހޯދުމަށް ކޮންމެ ފަދަ ކަމެއް ކުރަންވެސް އޭގެތެރެއިން ބައެއް މީހުން ތިބެނީ ތައްޔާރަށެވެ. މިއީ އެފަދަ އަންހެނެއްގެ ވާހަކައެވެ.

ސައިޕްރަސް އަށް ނިސްބަތްވާ އުމުރުން 24 އަހަރުގެ ރަފައެލަރ ލަމްޕްރޯ ނަމަކަށްކިޔާ މި އަންހެންއަށް ދަރިއަކު ލިބުނީ މިދިޔަ އަހަރުގެ ތެރޭގައެވެ. އެއަށްފަހު އުރަމަތިން ނަގާ ކިރު ވިއްކަން ފެށީ މާލީ ހާލަތު ހުރިގޮތުން އާމްދަނީ ހޯދުމަށް ކަމަށް އޭނާ ބުނެފައިވެއެވެ.

މީގެ ކުރިން ހޮޓަލެއްގައި ވަޒީފާ އަދާކުރަމުން ދިޔަ ރަފައެލަރ ބުނގޮތުގައި، ދަރިއަކު ލިބުމުން އޭނާ އަދާކުރަމުން ދިޔަ ވަޒީފާ ދޫކޮށްލަން ޖެހުނު ކަމަށާއި، ގޭގައިހުރެގެން ގާތުން ނަގާ ކިރު ޕެކެޓުތަކަށް އަޅައި ބަންދުކޮށް ވިއްކަމުންދާ ކަމަށެވެ. އޭނާ ބުނީ އެ ވިޔަފާރި އޭނާ ކުރަމުންދަނީ އޮންލައިންކޮށް ކަމަށެވެ.

ރަފައެލަރ އާއި އޭނާގެ ދަރިފުޅު

ރަފައެލަރ ބުނިގޮތުގައި، މި މަސައްކަތް ފެށުމާއި އެކު އޭނާއަށް އެކި ފަރާތްތަކުން ގުޅައި ކިރު ގަންނަން ބޭނުންވާ ވާހަކަ ބުނާ ކަމަށާއި، ނަމަވެސް ބައެއް މީހުން އެކަންތައް "ސީރިއަސް" ކަމެއްގެ ގޮތުގައި ބަލައިނުގަންނަ ކަމަށެވެ.

ނަމަވެސް އެފަދަ ބައެއްގެ ސަބަބުން އެކަން ހުއްޓާނުލާނެ ކަމަށާއި، ގިނަ ބަޔަކަށް އޭގެ ސަބަބުން ފައިދާތަކެއް ލިބެމުންދާތީ އުފާކުރާ ކަމަށް ރަފައެލަރ ބުނެފައިވެއެވެ. އޭނާ ބުނިގޮތުގައި ގާތުން ނަގާ ކިރު ވިއްކަން ފެށިފަހުން ކޮންމެ މަހެއްގައިވެސް މަދުވެގެން އޭނާއަށް 6000 އެމެރިކާ ޑޮލަރު ލިބެއެވެ. އެ ފައިސާއިން އާއިލާގެ އެންމެހައި ކަންކަން ފުރިހަމަކޮށް ފައިސާ ރައްކާވެސް ކުރެވޭ ކަމަށް އޭނާ ބުނެއެވެ.

ރަފައެލަރ ބުނެފައިވާގޮތުގައި އޭނާ ވާނީ މިދިޔަ އަހަރުން ފެށިގެން މިހާތަނަށް 500 ހައި ލީޓަރުގެ ކިރު އެކި މީހުނަށް ވިއްކާފައެވެ. އޭނާ ބުނާގޮތުގައި، އޭނާ ކިރު ވިއްކަމުން ދަނީ އިތުބާރުހުރި ވަކި ކަސްޓަމަރުންތަކަކަށް ކަމަށާއި، އެއީ އެކި ސަބަބުތަކަށްޓަކައި އޭނާ އެކަން ކުރަން ބޭނުންވާ ގޮތްކަމަށެވެ.

ފިރިމީހާގެ އެހީތެރިކަމާއި އެކު ރަފައެލަރ ކުރާ މި މަސައްކަތުން އޭނާ ހިތްހަމަޖެހޭ ވަރެއްގެ އާމްދަނީއެއް ލިބުނެއް ކަމަކު، އޭނާ ބުނެފައިވަނީ މި ވިޔަފާރި ކުރިއަށްގެންދެވޭނީ ކިހައި ދުވަހަކަށް ކަމެއް ނޭނގޭކަމަށެވެ. އަދި އެންމެ ކަންބޮޑުވަނީ މިކަން ހުއްޓުމަކަށް އަތުވެދާނެތީ ކަމަށް އޭނާ ބުނެއެވެ.