30 މީހުން އަރުވައިގެން ދަތުރު ކުރަމުން ދިޔަ އިންޑިޔާގެ ބަހެއް ދުއްވަން ރާމާ މަކުނަކާއި އެޤައުމުގެ ޑްރައިވަރެއް ހަވާލުކޮށް، އެތަން ވީޑިއޯ ކުރުމުން އެ ވީޑިއޯއަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓިއްޖެއެވެ.

އިންޑިޔާގެ ކަރަނާޓަކާ ސްޓޭޓްގެ ބަހެއް ދުއްވަން މި ރާމާ މަކުނަށް ދީފައިވާ ޑްރައިވަރު މިހާރު ސަސްޕެންޑް ކުރެވިފައިވާ ކަމަށް އެޤައުމުގެ ރޯޑް ޓްރާސްޕޯޓޭޝަން ކޯޕަރޭޝަންއިން ބޭރުގެ މީޑިޔާތަކަށް މަޢުލޫމާތު ދީފައިވެއެވެ.

ދައުރުވަމުންދާ މިވީޑިއޯއިން ފެންނަ ގޮތުގައި މި ރާމާމަކުނު އަތަށް ބަހުގެ ހުންގާނު ދީފައި ބަހުގެ ޑްރައިވަރު އިނީ ބަލާށެވެ. އަދި ބަސް ކޮންޓްރޯލް ކުރަމުން ދިޔައީ މި ރާމާ މަކުނެވެ.

ބޭރުގެ ބައެއް މީޑިޔާތަކުން މިމަންޒަރު ދުށް ފަރާތްތަކާއި ހަވާލާދީ ބުނެފައިވަނީ އެއީ އެ ޑްރައިވަރު ގެންގުޅޭ ރާމާ މަކުނެއް ނޫން ކަމަށެވެ. އަދި އެ ރާމާ މަކުނުއަކީ އެ ބަހަށް އެރި ޕަސެންޖަރަކު ގެނައި އެއްޗެއް ކަމަށްވެސް ނޫސްތަކުގައި ރިޕޯޓްކޮށްފައިވެއެވެ. އަދި އެ ރާމާމަކުނު ބޭނުންވީ ޑްރައިވަރުގެ އުގުމަތީގައި އިންނަން ކަމަށާޢި އަދި ބަސް ދުއްވަން އިންމީހާ އެފުރުސަތު އެ ރާމާމަކުނަށް ދިން ކަމަށްވެސް މަންޒަރު ދުށް މީހުން ބުނެއެވެ.

ޕްރަކާޝް ނަމަކަށް ކިޔާ މިބަސް ޑްރައިވަރު މިހާރު ސަސްޕެންޑް ކުރެވިފައިވާއިރު، މީނާ ސަސްޕެންޑް ކުރުމާއިއެކު މީސްމީޑިޔާގައި އިންޑިޔާގެ ގިނަ ބަޔަކު ދަނީ އަޑު އުފުލަމުންނެވެ. މިގޮތުން އިންޑިޔާގެ ބައެއް މީހުން ބުނެފައިވަނީ މިއީ އެއްވެސް ހާލެއްގައި ސަސްޕެންޑް ކުރެވޭ ވަރުގެ ކުށެއް ނޫން ކަމަށެވެ.

މިގޮތަށް ރާމާމަކުނެއް ގިނަ ބަޔަކު އަރުވައިގެން ބަހެއް ދުއްވުމަކީ ގިނަ ބައެއްގެ ފުރާނައަށް ނުރައްކާތެރި ކަމެއް ކަމުގައިވީނަމަވެސް އިންޑިޔާގެ ގިނަ ބަޔަކު މިއީ މާބޮޑު ކަމެއް ކަމަށް ހަދާފައިނުވަނީ ރާމާމަކުނަކީ އިންޑިޔާގެ ބައެއް ދީން ތަކުގައި މުޤައްދަސް ޖަނަވާރެއް ކަމުގައި ވާތީ ކަމަށް ލަފާ ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު