އެމެރިކާގެ ނިއުޔޯކްގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އޮތް ކައިވެނި ޕާޓީއެއް ނިންމާފައި އެމީހުން ދިރިއުޅޭ ސަރަހައްދަށް އެނބުރި ދިޔަ 20 މީހުން ނުރައްކާތެރި އެކްސިޑެންޓެއްގައި މަރުވެއްޖެއެވެ.

އެމެރިކާގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އެކްސިޑެންޓްގައި މަރުވެފައި ވަނީ ކައިވެނި ޕާޓީގެ މެހެމާނުން ތިބި ލިމޯ އެއް އެކްސިޑެންޓް ވެގެންނެވެ. ލިމޯ އެހެން ވެހިކަލެއްގައި ޖެހި އަލިފާން ރޯވީ ކަމަށް ބައެއް މީޑިއާ ރިޕޯޓްތައް ބުނެއެވެ. ނަމަވެސް އަނެއްބައި ރިޕޯޓްތައް ބުނާ ގޮތުގައި ލިމޯގައި އަލިފާން ރޯވީ ބާރު ސްޕީޑްގައި ދުއްވާފައި ދަނިކޮށް ކޮންޓްރޯލް ނުކުރެވިގެން ގޮސް ގަހެއްގައި ޖެހިގެންނެވެ.

އެކްސިޑެންޓްގައި މަރުވި މީހުންގެ ތަފްސީލެއް އަދި އެއްވެސް ފަރާތަކުން ހާމައެއް ނުކުރެއެވެ. އެހެންކަމުން އެއީ އެއް އާއިލާއެއްގެ ބައެއް ކަމެއް ނުވަތަ ނޫން ކަމެއް ވެސް ސާފެއް ނުވެއެވެ.

ފުލުހުން ބުނީ މިހާދިސާގެ ތަޙްްޤީޤު އަދި އޮތީ ވަރަށް ކުރީކޮޅުގައި ކަމަށް ވާތީ އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު ހާމަކުރެވެން ނެތް ކަމަށެވެ.

ނޭޝަނަލް ޓްރާންސްޕޯޓް ސޭފްޓީ ބޯޑުން ބުނީ މިއެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު ހޯދަން އެއިދާރާގެ ތަޙްޤީޤު ޓީމެއް ހާދިސާ ހިނގި ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

އެމެރިކާގެ މީޑިއާތަކުން ބުނާ ގޮތުގައި އެކްސިޑެންޓް ހިނގި ސަރަހައްދުގެ މަގު އޮންނަ ގޮތުން އެސަރަހައްދުގައި ނުރައްކާތެރި އެކްސިޑެންޓްތައް އާންމުކޮށް ހިނގައެވެ. އެސަރަހައްދުގެ މަގުތަކުގެ ޑިޒައިން ބަދަލު ކުރަން ބައެއް ޖަމިއްޔާތަކުން ކަމާބެހޭ ފަރާތްތަކަށް ގޮވާލަމުން ގެންދާތާ މިހާރު ހަތް އަހަރު ވެއްޖެއެވެ. ނަމަވެސް އަދި އެކަމާއި ގުޅިގެން އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އިމް

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ‎