ބޮލީވުޑްގެ ކުރީގެ މަޝްހޫރު ފިލްމް އެކްޓަރ ޑިލިޕް ކުމާރު އަނެއްކާވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށްފިއެވެ.

މީގެ ކުރިންވެސް ނިއުމޯނިއާ ބައްޔަށް ފަރުވާ ކުރުމަށް އޭނާ ހޮސްޕިޓަލްގައި އެޑްމިޓް ކުރިއެވެ. އުމުރުން 95 އަހަރުގެ އެކްޓަރ މިފަހަރުވެސް އެޑްމިޓްކޮށްފައި ވަނީ އެ ބަލީގެ ސަބަބުން އިތުރު ފަރުވާ ދިނުމަށް ކަމަށް ވެއެވެ.

ޑިލިޕް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދޭކަން އޭނާގެ އާއިލާއިން ކަށަވަރުކޮށްދޭއިރު، އޭނާގެ އާއިލާއިން އިން ބުނީ، ޑިލިޕް ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި ވަނީ ރޭގެ ވަގުތެއްގައި ކަމަށާއި، އޭނާގެ ހާލު ރަނގަޅު ވޭތޯ ދުއާކޮށްދިނުމަށް އެދޭ ކަމަށެވެ. އަދި އޭނާގެ ބައްޔާއި އަދި ހާލަތާއި ގުޅޭގޮތުން އިތުރު މައުލޫމާތުތައް އިނގޭ ވަރަކުން ހިއްސާ ކުރަމުންދާނެކަމަށްވެސް ވަނީ ބުނެފައެވެ.

ޑިލިޕް އަކީ ކުރީގައި ބޮލީވުޑްގެ ގިނަ މަސައްކަތްތަކެއް ކުރި ފަންނާނެކެވެ. އެގޮތުން ބޮލީވުޑްގެ ކަޅާއި ހުދުގެ ޒަމާނުގައި ގިނަ ޢަދަދެއްގެ ފިލްމުތަކުން އޭނާ ވަނީ ފެނި، އެތައް ބައެއްގެ ތަރުހީބު ހޯދާފައެވެ. އެއިރު، ބޮލީވުޑްގެ ރަސްގެފާނުގެ ގޮތުގައިވެސް ގިނަބަޔަކު އޭނާ ސިފަކުރިއިރު، އެ ދުވަސްވަރު އޭނާ ކުޅުނު ބައެއް ފިލްމްތަކުގެ ތެރޭގައި. ފިލްމް އަންދާޒް، އާން، މަދޫމަތީ، ދޭވްދާސް، ހިމެނެއެވެ.