އެމެރިކާގެ އެކްޓަރު މޭގަން މާކެލް އާއި އިނގިރޭސިވިލާތުގެ ޕްރިންސް ހެރީ ކައިވެނި ކުރި ފަހުން މޭގަންގެ އާއިލާ މެންބަރުންގެ ތަފާތު ވާހަކަތައް މީޑިއާތަކަަށް އަރާފައި ވެއެވެ. މޭގަން އަށް ފާޑުކިޔާ އޭނާގެ އާއިލާ މެންބަރުން ދައްކާފައިވާ ވާހަކަތަކަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފައެވެ.

މިފަހަރު މިއޮތީ އަނެއްކާވެސް މޭގަންގެ އެއްބަފާ ދައްތަ އެއް ޚަބަރެކެވެ. ސަމަންތާ މާކެލް ދާދި ފަހުން ވަނީ ލަންޑަކަށް ގޮސްފައެވެ. ލަންޑަނަށް ގޮސް މޭގަން އާއި ބައްދަލު ކުރްނ ސަމަންތާ، މޭގަން ދިރިއުޅޭ ކެނިސްޓަން ޕެލަސް އަށް ވެސް ދިޔައެވެ.

ނަމަވެސް ކެނިސްޓަން ޕެލަސްގެ ސަލާމަތީ ކަންތައްތައް ބަލަހަައްޓާ އޮފިސަރުން ވަނީ ސަމަންތާ ހުއްޓުވާފައެވެ. އޭނާ އަށް ގަނޑުވަރަށް ވަންނަން ފުރުސަތު ނުދީ ވަނީ އެތަނުން ފޮނުވާލާފައެވެ. އެއީ އެޕޮއިންޓްމަންޓެއް ނެތި ކެނިސްޓަން ޕެލަސް އަށް ވަންނަން ސަމަންތާ މަސައްކަތް ކުރުމުންނެވެ.

ސެކިއުރިޓީން ހުރަސް އެޅުމުން ސަމަންތާ ކެނިސްޓަން ޕެލަސް ދޫކޮށް ދަމުން ސެކިއުރިޓީންނާއި ސިޓީ އުރައެއް ހަވާލު ކުރި ކަމަށް އިނގިރޭސިވިލާތުގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މޭގަން އާއި ބައްދަލު ކުރަން ސަމަންތާ ކެނިސްޓަން ޕެލަސް އަށް މިދިޔައީ މީގެ ކުރިން މޭގަން އާއި ބެހޭ ގޮތުން ދެކެވިފައި ހުރި ވާހަކަތަކަށް މަޢާފަށް އެދޭ ކަމަށް އޭނާ މީޑިއާގައި ބުނިތާ ހަފްތާއެއްހާ ދުވަސް ފަހުންނެވެ.

ނަމަވެސް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ސަމަންތާ ކެނިސްޓަން ޕެލަސް އަށް ދިޔައީ މީޑިއާގެ ސަމާލުކަން އިތުރަށް ހޯދުމުގެ ބޭނުމުގައެވެ. އޭނާ އެގަނޑުވަރަށް ގޮސް، ގަނޑުވަރަށް ނުވަދެވުމުން އަނެއްކާވެސް މީޑިއާގެ ސަމާލުކަން އޭނާ އަށް ހުއްޓުނު ކަމަށާއި އޭނާގެ ބޭނުމަކީ ވެސް އެއީ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ސަމަންތާ އަށް ކެނިސްޓަން ޕެލަސް އަށް ނުވަދެވުނު ސަބަބާއި ގުޅޭ ގޮތުން ކެނިސްޓަން ޕެލަސް އިން އަދި އެއްވެސް އެއްޗެއް ނުބުނެއެވެ.