ވަން ޕަލްސް 6ޓީ ގެ އިންޓަނެޓްގައި ލީކުވެފައިވާ ފޮޓޯ

ޑިސްޕްލޭ ދަށުގައި ފިންގާޕްރިންޓް ސްކޭނާ ވަޅުލާފައިވުމުން ގިނަ ބަޔެއްގެ ކަޅި އަމާޒުވެފައިވާ "ވަން ޕްލަސް 6ޓީ" ސްމާޓް ފޯން މިހިނގާ އޮކްޓޯބަރ މަހުގެ 30 ގައި ބާޒާރަށް ނިކުންނާނެކަމަށް ބެލެވިއްޖެއެވެ.

ގިނަ ބައެއްގެ ދިގު އިންތިޒާރަކަށް ނިމުން އަންނާނެ ދުވަހަކީ މިމަހުގެ 30 ވަނަ ދުވަސް ކަމަށް ބެލެވިފައިވަނީ މަޝްހޫރު އޮންލައިން ފިހާރައެއް ކަމަށްވާ "އެމަޒޯން އިންޑިއާ" ގައި ވަން ޕްލަސް 6ޓީ ޕްރީ-އޯޑަރަށް ހުޅުވާލުމާއި ގުޅިގެންނެވެ. އިންޓަނެޓްގައި ދައުރުވަމުންދާ މަޢުމޫލާތުތަކަށް ބަލާއިރު، މި ފޯނު އާއްމު ފިހާރަތަކުން ގަންނަ ލިބޭނެ ދުވަހަކަށް ވާނީ އެމަޒޯންގައި ޕްރީ-އޯޑަރު ނިންމާލަން ކަނޑައަޅާފައިވާ 2018 އޮކްޓޯބަރ 30 ވާ އަންގާރަ ދުވަސް ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ.

ޓެކް ސާމާނަކީ ބާޒާރަށް ނެރުމުގެ ކުރިން އެތަކެއްޗާ ގުޅޭ ގިނަ މަޢުލޫމާތުތަކެއް މީޑިއާއަށް ލީކުވާ ތަކެއްޗަށް ވަނީ ވެފައެވެ. އެ ބީދައިން ވަން ޕްލަސް 6ޓީ ތައާރަފްކޮށް ބާޒާރަށް ނެރޭނެ ދުވަސްވެސް ޔަޤީންވެފައިވާކަމަށް އިންޓެނެޓްގައި ދައުރުވަމުން ދިޔަ ނަމަވެސް، އެއިން އެއްވެސް ކަމެއް ވަން ޕްލަސްގެ ފޯނުތައް އުފައްދާ ކުންފުނިން ކަށަވަރު ކޮށްދީފައެއް ނުވެއެވެ.

ވަން ޕްލަސް 6ޓީ އަށް ގިނަ ބަޔަކު ކުރާ އިންތިޒާރު ނިމެނީކަމަށް ވާހަކަ ދެކެވެން ފެށިނަމަވެސް، މި ފޯނާ ގުޅޭގޮތުން މާބޮޑު ތަފްސީލު މަޢުލޫމާތުތަކެއް ހާމަވެފައެއް ނެތެވެ. އެނގެނީ ދެތިން ކަމެއް އެކަންޏެވެ. އޭގެ ތެރޭގައި ހިމެނެނީ އެންމެ ގިނަ ބަޔަކު ފޯނަށް ކަޅިއަޅަން ޖެހުނު ޑިސްޕްލޭ ދަށުގައި ފިންގަރ ޕްރިންޓް ސްކޭނަރ ފޮރުވާލުމާއި، 3.5 އެމްއެމް އޯޑިއޯ ޖެކް ނެތުމުގެ އިތުރުން އެންމެ ފަހުގެ ފޯނަށްވުރެ ބެޓެރީ ކެޕޭސިޓީ މަތިވާނެ ކަމެވެ. ބެލެވޭ ގޮތުގައި ވަން ޕްލަސް 6 އަށްވުރެ 10 އިންސައްތަ ބެޓެރީ ކެޕޭސިޓީ މި ފޯނަށް އިތުރު ކުރެވޭނެއެވެ.

އައު ފޯނުގައި ހެޑްފޯން ޖެކް ހިމަނާފައި ނުވަނީ އެޕަލް ކޮޕީ ކުރަން ނޫން ކަމަށާއި، އެކަން ކުރަން މަޖުބޫރުވީ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. އެ ކުންފުނިން ހާމަކޮށްފައިވާ ގޮތުގައި ޑިސްޕްލޭގެ ދަށުގައި ފިންގަރ ޕްރިންޓް ސްކޭނަރ ހަރުކުރުމަށްޓަކައި ހެޑްފޯން ޖެކް ނެގުން ނޫން ގޮތެއް ނެތެވެ.

އިތުރަށް ހާމަވެފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، މި ފޯނުގައި ހިމެނުމަށް ނިންމާފައިވަނީ 6.41 އިންޗީގެ "އެމޯލެޑް" ފުރިހަމަ ޑިސްޕްލޭއެކެވެ. ފަހުގެ އެހެން ސްމާޓް ފޯނުތަކެކޭވެސް އެއްގޮތަށް ސްކްރީންގެ މަތީ ދާރަ ކައިރީގައި ހުސް "ނޮޗް"، ތަންކޮޅެއް އިންނާނެއެވެ.  އަދި މަތިން ތިރިއަށްވާ ގޮތަށް ދެ ކެމެރާ އަދި  ލެޑް ފަލެޝްއެއް މި ފޯނުގައި ހިމެނޭނެއެވެ.

ވަން ޕަލަސް 6ޓީ އަދި ވަން ޕަލސް 6 ގެ ތަފާތު ފަހަތުން

ވަން ޕްލަސް 6ޓީ އަކީ ވޯޓަރ ޕްރޫފް ފޯނެއް ނަމަވެސް ފޯނުގެ އަގު ބޮޑުވާނެތީ ރަސްމީކޮށް "އައިޕީ ރޭޓިންގ" ކަނޑައަޅާފައެއް ނުވެއެވެ. އަދި މި ފޯނަށް ވަޔަރލެސް ޗާޖިން ސަޕޯޓް ނުވާއިރު، އެ ކުންފުނިން ވިދާޅުވުފައިވަނީ ވަން ޕަލްސްގެ ފޯނުތަކުގައި އެ ޓެކްނޮލަޖީ ހިމަނާ ވަރަށް އެ ޓެކްނޮލަޖީ ތަރައްޤީ ވެފައެއް ނުވެއެވެ. އަދި ވަޔަރލެސް ޗާގިނ އަށްވުރެ "ވަން ޕަލްސް ޑޭޝް ޗާޖް" މާ ފުރިހަމަ ވާނެކަމަށް އެ ކުންފުނިން ބުނެއެވެ.

"ވަން ޕަލްސް 6ޓީ" ބާޒާރަށް ނެރެން ތައްޔާރުވެފައިވާއިރު، މި ބްރޭންޑަކީ އެންޑްރޮއިޑް ސްމާޓް ފޯން ބޭނުންކުރާ ފަރާތްތަކުގެ މެދުގައި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މަޤްބޫލުކަން ހޯދާފައިވާ ބްރޭންޑެކެވެ. އަގު ހެޔޮ ބާރުގަދަ ފޯނުތަކެއް ބާޒާރަށް ދޫކޮށްލައި އެތައް ބައެއްގެ ހިތްތައް ފަތަހަ ކޮށްލި "ވަން ޕްލަސް" ވެސް މިހާރު އަމާޒު ހިފާފައިވަނީ އަގުބޮޑު ސްމާޓް ފޯންތަކަކަށެވެ. ނަމަވެސް އައު ފޯނަކީ އަތް ފޯރާ އަގެއްގައި ބާޒާރަށް ނިކުންނާނެ ފޯނަކަށް ވާނެ ކަމަށް ގިނަ ބަޔަކު އުއްމީދު ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު