އެމެރިކާ އިން އދ.އަށް ކަނޑައަޅާފައި ހުންނަ ސަފީރު ނިކީ ހާލޭ މިއަދު ކުއްލި ގޮތަކަށް މަގާމުން އިސްތިއުފާ ދިނުމަކީ ވަރަށް ބޮޑު ހައިރާން ކަމެއް ގިނަ ބަޔަކަށް ލިބުނު ކަމެކެވެ. ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ޓްރަމްޕަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވާ ނިކީ އަށް ޓްރަމްޕް މުހިންމު މަގާމެއް ދިނުމަކީ ވެސް ހަޤީޤަތުގައި ލިބުނު ބޮޑު ހައިރާން ކަމެކެވެ.

ކޮންމެއަކަސް މިހާރު އުފެދިފައިވާ އެންމެ ބޮޑު ސުވާލަކީ ނިކީގެ މަގާމަށް ދެން އަންނާނީ ކޮން ބޭފުޅެއް ހެއްޔެވެ؟ އެސުވާލާއި އެކު މިއަދު މީސް މީޑިއާގައި އެންމެ ގިނަ މީހުން ބުނަމުން ދަނީ ނިކީގެ މަގާމު ފުރަން ދެން އަންނާނީ ކިމް ކާޑޭޝިއަންގެ ފިރިމީހާ ކާންޔޭ ވެސްޓް ކަމަށެވެ.

އެމެރިކާ އިން އދ.އަށް ކަނޑައަޅާ ސަފީރުގެ މަގާމަށް ކާންޔޭ އަންނަން އުޅޭ ކަމަށް ވާހަކަ ދެކެވެމުން ދަނީ މިއަދު ޓްރަމްޕް ވައިޓް ހައުސްގައި ކާންޔޭ އާއި ބައްދަލު ކުރަން ހަމަޖެހިފައި ވާތީއެވެ. މީގެ ގަޑިއެއްހާ އިރު ފަހުން ޓްރަމްޕް ކާންޔޭ އާއި ވައިޓް ހައުސްގައި ބައްދަލު ކުރާނެއެވެ.

އެމެރިކާ އިން އދ.އަށް ކަނޑައަޅާ ސަފީރުގެ މަގާމަށް ކާންޔޭ އައްޔަން ކުރަން އުޅޭ ވާހަކަ ބައެއް މީހުން ދައްކަނީ ޖޯކަކަށް ކަމަށް ވެދާނެއެވެ. ނަމަވެސް އެއީ ނުވާނެ ކަމަށް ބަލައިގެން ތިބެވޭކަށް ނެތް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ކާންޔޭ މީގެ ކުރިން ވެސް ވަނީ ސިޔާސީ ދާއިރާ އަށް ވަނުމުގެ ޝައުގުވެރިކަން ފާޅުކޮށްފައެވެ. އޭނާ ވަނީ ދެން އޮންނަ އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވާދަ ކުރާނެ ކަމަށް ވެސް ބުނެފައެވެ.