ޓައިގާ ސްރޮފް އަކީ މިހާރުވެސް ފުރިހަމަ ހީރޯއެއް ކަމަށް ޓައިގާގެ ކުރިޔަށް އޮތް ފިލްމް "ބާގީ 2" ގެ ޑައިރެކްޓަރ އަދި ކުރީގެ ކޮރެއަގުރަފަރ އަހުމަދު ޚާން ބުނެފިއެވެ.

އަހުމަދު ޚާން ބުނީ ޓައިގާ ސްރޮފް ގައިގައި ހީރޯއެއްގައި ހުންނަންޖެހޭ ހުރިހާ ސިފައެއް އެބަ ހުރި ކަމަށާއި އޭނާކައިރީގައި ކޮންމެ ކަމެއް ކުރަން ބުންޏަސް ހުންނާނީ ތައްޔާރުގައި ކަމަށެވެ. "އޭނާ ކައިރީގައި ނަށަން ބުނާއިރަށް ނަށާނެ. އެކްޝަން މަންޒަރެއް ކުޅެން ބުންޏަސް ވަގުތުން ކުޅޭނެ. ގަމީސް ނުލާ ޝޮޓެއް ނަގަން ތައްޔާރުވާން 5 މިނިޓްވެސް ނުނަގާނެ. އޭނާ ހުންނާނީ ފިޓް ކޮށް" ބާގީ 2 ގެ ޑައިރެކްޓަރ އަހްމަދު ޚާން ބުންޔެވެ.

އަހުމަދު ޚާން އިތުރަށް ބުނީ ޓައިގާ ސްރޮފް އަކީ މިހާރު ވަރުން ދަވަން އަދި ރަންވީރް ސިންގ ފަދަ އެކްޓަރެއް ކަމަށާއި އޭނާއަކީ ހުރިހާ ރޯލަކަށް ވެސް ފުރިހަމަ ބުނާބަސް ގަބޫލްކުރާ ކުރިއެރުމަށް މަސައްކަތްކުރާ ފަންނާނެއް ކަމަށެވެ.

"ބާގީ 2" ގައި ޓައިގާ ސްރޮފް އާއި އެކުގައި އަންހެން ބަތަލާއަކަށް ފެންނާނީ ދިޝާ ޕަތަނީ އެވެ. މި ފިލްމްގެ ޓްރެއިލާ މިހާރު އާއްމު ކުރުމަށް ތައްޔާރު ވެފައިވާއިރު ޑައިރެކްޓަރ ބުނެފައިވަނީ ޓްރެއިލާއިން ފިލްމްގެ %25 އެކްޝަން މަންޒަރުވެސް ނުފެންނާނެ ކަމަށާއި މި ފިލްމަކީ މޮޅު އެކްޝަން ފިލްމެއް ކަމަށެވެ.

"ބާގީ 2" ގެ ޓްރެއިލާ އަދި ނުނެރެވިގެން އުޅެނިކޮށް ޕްރޮޑިއުސަރ ނަދިޔަޑްވާލާ މިހާރު ވަނީ "ބާގީ 3" ނެރޭނެކަމަށް އިއުލާންކޮށްފައެވެ. އޭނާ ބުނީ "ބާގީ3" މިހާ އަވަހަށް އިއުލާން ކުރީ "ބާގީ2" ގެ މަސައްކަތް ފުރިހަމަ ކަމުންނާއި ފިލްމްގެ އެކްޓިން މޮޅުކަމުން ކަމަށެވެ. "ބާގީ 2" ނެރުމަށް ހަމަޖެހިފައިވަނީ މާޗް 30 ވަނަ ދުވަހުގައެވެ.