ގަނާ ކުރުމަކީ މި ކުޑަކުޑަ މުޖުތަމަޢުގެ ތެރޭގައިވެސް މިހާރު ވަރަށް ބޮޑަށް ޢާންމުވެފައި އޮތް ނުރައްކަލެކެވެ. ވަގުތުން ވަގުތަށް ހުއްޓާލަން ޖެހިފައިވާ ޖަރީމާއެކެވެ. ދުނިޔޭގެ އެކި ހިސާބުތަކަށް ބަލާއިރުވެސް ކުށެއްނެތް ކިތަންމެ ބައެއްގެ ފުރާނަ ގެއްލިދާ ދިއުމުގެ މައިގަނޑު އެއް ސަބަބުވެސް މެއެވެ. ގަނާގެ ޝިކާރައަކަށްވުމުން، މީހާ ހަލާކުގެ ތެރެއަށް ވަރަށް ފަސޭހައިން ވެއްޓިދެއެވެ. ތިމާއާއެކު އެއްވެސް މީހަކު ނެތްހެން ހީކުރެވި ދުނިޔެއިން ބާކީވެފައިވާ ކަމުގެ އިހުސާސް ކުރެވެއެވެ. ޢާއިލާ އާ ރަހުމަތްތެރިންނަކީ ތިބި ބައެއްކަން އެފަދަ ހާލެއްގައި ގިނަ ފަހަރަށް ތަޞައްވުރެއް ނުކުރެވެއެވެ. މި މައްސަލަ ނުރައްކަލާއި ދިމާލަށް މިސްރާބު ޖަހާ ހިސާބަކީ މިއީއެވެ.

މިއީ އަބަދުމެ ކަން ހިނގާ، ކަން ހިނގަމުންދާ އުސޫލު ކަމުގައިވާއިރު، ބައެއް ފަހަރަށް އެފަދަ މަންޒަރެއް ފެނުނު ނަމަވެސް ހޭލުންތެރިކަން ދަށް ވުމުން، ނުވަތަ ކުލުނެއް އިންސާނިއްޔަތު ކަމެއް ނެތް ބަޔަކަށް އެއީ މާބޮޑު ކަމެއް ކަމަށް ޤަބޫލެއް ނުކުރެވި އެފަދަ ކަންކަމާއި މާބޮޑަށް އަޅާނުލެވެއެވެ. އޭގެ ސަބަބުން ނިކުންނަ ނަތީޖާގެ ޒިންމާ ހަޤީޤަތުގައި އެވެރިންގެ ބޮލުގައި ވެސް އެޅޭނެކަން އެވެރިން ނުވެސް ދަންނަނީއެވެ.

މިއީ ދާދި ފަހުން ރާއްޖޭގެ ރަށެއްގައި، ކުޑަކުޑަ މައުސޫމް އަންހެން ކުއްޖަކަށް ދިމާވި އެފަދަ ހާދިސާއެއްގެ ވާހަކައެވެ. އެކުގައި އުޅުނު ކުދިންތަކެއްގެ ފަރާތުން އަނިޔާއާއި ފުރައްސާރަ އާއި ކުރިމަތިލާން ޖެހި، ގަނާގެ ޝިކާރައަކަށްވެ ކުޑަކުޑަ ފުރާނައެށް ދުނިޔެއާއި އަލްވަދާޢު ކިޔަން ތައްޔާރުވި ގޮތުގެ ވާހަކައެވެ. ނިކަމެތި އާއިލާއަކަށް ނިސްބަތްވީތީ މުއްސަނދިކަމުން ބޮޑާވެގަތް ކުދިބައެއްގެ ވަކިތަކުގެ ދަށުގައި އެކުއްޖާ ވީގޮތުގެ ވާހަކައެވެ.

އެދުވަހަކީ ޚާއްސަ ދުވަހަކަށް ވުމުން ސްކޫލުގައި އޮތް ޙަރަކާތެއްގައި ބައިވެރިވުމަށްދާން އެކުއްޖާ ހުރީ ކެތްމަދު ވެފައެވެ. ދިވެހި ފޭރާމުގައި، ދިވެހިވަންތަ ރޫހުގައި ސްކޫލަށް ދިޔައީ ވަރަށް ރީތިވެގެން އުފަލުން ފޮޅިފައި ހުރެގެންނެވެ. ދައްތަ ކޮށްދިން ރީތި މޭކަޕާއި އެކު އެހެން ކުދިންނެކޭ އެއްފަދައިން ދުވަހާއި ގުޅުވައިގެން އާ ހެނދުން އަޅައިގެންނެވެ. އެހެން ނަމަވެސް ގެއަށް އައިއިރު، މަންޒަރު ބަދަލުވެއްޖެއެވެ. ގެޔަށް އައިއިރު އުފާވެރިކަން ހިތާމަވެރިކަމަށް ބަދަލުވެ ގޮތްހުސްވެ ނިމިއްޖެއެވެ. މުޅި މީހާ ހުރީ ތެމި ފޯވެފައެވެ. ގައިން ބްލީޗް ވަސްވެސް ދުވައެވެ. މޫނު މައްޗަށް ބަލާލުމުން ހީވަނީ ދުވަހަކު އުފަލެއް ނުލިބޭ ކުއްޖެއްެހެންނެވެ. މިކަން އެންމެ ފުރަތަމަ ދުށް މީހަކީ އޭނާގެ ދައްތައެވެ.

ކަމެއް ގޯސްވެއްޖެކަން ޔަޤީން ކުރެވޭ ޙާލުގައި ދައްތަ ސުވާލު ކުރުމުންވެސް އޭނާ އެ ދުވަހު ސްކޫލްގައި ހިނގާދިޔަ އެއްވެސް ކަމެއްގެ ވާހަކަ ޙިއްސާ ކުރާކަށް ބޭނުމެއް ނުވިއެވެ. އެވާހަކަތައް ކިޔާދޭނެހައި ހިއްވަރެއްވެސް ނެތީއެވެ. "މާބޮޑު ކަމެއް ނުވޭ" ކަމަށް ބުނެ އެވާހަކަ އޮޅުވާލަން މަސައްކަތް ކުރިއިރުވެސް ހުރީ ބިރުން ފިއްކަނޑައިގެންދާވަރު ވެފައިކަން އޭނާގެ ދައްތައަށް އެނގެއެވެ.

ލިބިފައި ހުރި މައުލޫމާތުތަކަށް ބަލާއިރު، އެކުއްޖާ ކިޔަވާ ކުލާސް ކުދިންތަކެއް މާ ކުރީއްސުރެވެން ދިޔައީ އެކި ގޮތްގޮތުން އުނދަގުލާއި ފުރައްސާރަކޮށް ގަނާކުރަމުންނެވެ. ތަންކޮޅެއް ދެރަ ނިކަމެތި އާއިލާއަކަށް ނިސްބަތްވީތީ އެއްވެސް ބައެއްގެ މެދުގައި ގަދަރެއް، ކުލުނެއް ނެތީއެވެ. އެގޮތުން އެދުވަހުުވެސް އޭނާ އާއި ދިމާލަށް އެއްޗެހި ކިޔައި އޭނާގެ ގަޔަށް ފެނާއި، ބްލީޗް ޖެހީއެވެ. މި ހުރިހާ ކަންކަން ހިނގާދިޔައީވެސް ޓީޗަރުގެ ކުރިމަތީންކަމަށް އެކުއްޖާގެ ދައްތަ ބުނެއެވެ. ނަމަވެސް ޓީޗަރުވެސް އެކަން ހުއްޓުވަން މަސައްކަތްކޮށްފައި ނުވާކަމަށް އޭނާ ތުހުމަތު ކުރެއެވެ.

އެ ހާދިސާ ހިނގިފަހުން އެ ކުއްޖާ ސްކޫލަށްދާން ދެކޮޅު ހެދިއެވެ. އެއީ އަނެއްކާވެސް އެ ކުދިންގެ ފަރާތުން އޭނާއަށް އަނިޔާއެއް ލިބިދާނެ ކަމަށްޓަކައެވެ. އެކިއެކި ބަހަނާ ދައްކައިގެން ސްކޫލަށް ނުދާން އޭނާ އެތައް މަސައްކަތެއް ކުރިއެވެ. ނަފްސާނީ ގޮތުން ކުޑަކުޑަ ފުރާނައަކަށް ކެތްނުވާ ވަރަށް އަސަރުކޮށް ބިރު ގަނެފައި ހުރުމުން، ދެން އިތުރަށް އެމީހުންނާއި ކުރިމަތިލާން ބޭނުން ނުވެސްވީއެވެ. ނަމަވެސް މޮޅު ކުއްޖަކަށް ވާން ސްކޫލަށް ދާން ޖެހޭނެކަން އާއިލާއިން ދިޔައީ އޭނާއަށް ވިސްނައިދެމުންނެވެ.

އެހެންކަމުން، ސްކޫލަށް ނުގޮސް ވާން ނެތުމުން، ދެން އިތުރު ގޮތެއް ނެތްކަމަށް ނިންމައި އެރޭ އެ ކުއްޖާ މަސައްކަތް ކުރީ ބްލީޗް ބޮއެގެން މި ދުނިޔެއިން ވަކިވާށެވެ. ސްކޫލަށް ގޮސްގެން ކުރިމަތިވާ ކަންކަމުން ސަލާމަތްވެވެން އޮތް ހަމަ އެކަނި ގޮތަކީ އެއީ ކަމަށް ޤަބޫލުކުރެވުމުންނެވެ. ނަމަވެސް ކަން ދިމާކުރިގޮތުން އޭނާއަށް ބޮޑުވަރު ނުވަނީސް އާއިލާގެ ބަޔަކަށް އެމަންޒަރު ފެނިގެން ގޮސް ހުއްޓުވީއެވެ. އަދި ވަގުތުން އޭނާ ހޮސްޕިޓަލަށް ގެންދިޔައެވެ. ހޮސްޕިޓަލުން ހެދި ޓެސްޓް ތަކަށްފަހު އޭނާއަށް މާބޮޑު ގެއްލުމެއް ލިބިފައި ނެތްކަން އެނގުނެވެ. ނަމަވެސް ހަށިގަނޑުގެ ތެރެއަށް ގިނައިން ބްލީޗް ދިޔަނަމަ ފުރާނައަށްވެސް ނުރައްކާވީސްކަމަށް ބުނެފައިވެއެވެ.

މި ހާދިސާ އާއި ގުޅިގެން އެ ކުއްޖާގެ އާއިލާގެ ފަރާތުން ސްކޫލަށް މައްސަލަވެސް ހުށަހެޅިއެވެ. ސްކޫލުން ބުނެފައި ވަނީ އެކަން ހިނގާދިޔަގޮތް ބެލުމަށް ފަހު، ފަހުން އަންގާނެ ކަމަށެވެ. މިފަދަ "ސީރިއަސް" ހާދިސާއެއް ހިނގައި ދިޔަތާ ދުވަސްތަކެއް ވެގެން ދިޔައިރުވެސް، ސްކޫލުން ޚަބަރެއް ނުވާ ކަމަށް އެކުއްޖާގެ ޢާއިލާއިން ބުނެފައިވެއެވެ. އެފަރާތްތަކުން ޤަބޫލުކުރާގޮތުގައި ޓީޗަރު ނުވަތަ ސްކޫލުގެ އިހުމާލުވެސް މިކަމުގައި އޮތުމުން، ސްކޫލުން އެމައްސަލަ ނުވެސް ބަލަނީއެވެ.

މިއަދު އެ ނިކަމެތި އާއިލާއިން އިންސާފު ހޯދުމަށް ކުރާ މަސައްކަތަށް އެއްވެސް އަލިމަގެއް ފެންނަމުން ނުދާއިރު، ނިކަމެތި އާދައިގެ ދިރިއުޅުމެއްގައި އުޅޭ ބަޔަކަށް އޮތް ގޮތަކީ މިއީތޯއެވެ. މުއްސަނދިވުމުން ނިކަމެތިންނަކީ ދެރަ ބައެއް ކަމުގައި ދެކެ އެބަޔަކު ދުނިޔެމަތީން ފޮހެލުމަކީ އިންސާފެއްތޯއެވެ. ކުޑަކުޑަ ކުދިންނަށް ބެލެނިވެރިންގެ ފަރާތުން ލިބޭ ފިލާވަޅަކީ މިއީ ކަމުގައި ވާނަމަ މިފަދަ ހިތާމަވެރި ހާދިސާތައް ހުއްޓުވޭނީ ކިހިނެއްތޯއެވެ. އެދުވަހުގައި ކުށެއްނެތް އެ ތުއްތު ފުރާނަ، މިދުނިޔެއަށް އަލްވަދާޢު ކީނަމަ، އެ މައުސޫމު ކުއްޖާއަށް އަނިޔާކުރި ބަޔަކަށް، އާއިލާގެ ނޫރެއްފަދަ އެކުއްޖާ އަނބުރާ ގެނެވޭނެތޯއެވެ.

އަޅާނުލެވި މިއަދު މިފަދަ މައްސަލަތައް ހީވެސް ނުކުރާ މިންވަރަށް އިތުރު ވަމުން އަންނައިރު، ސުކޫލުތަކުގެ އާބާދީގެ ހަތަރުބައިކުޅަ އެއްބައި، ނުވަތަ ތިންބައިކުޅަ އެއްބައި ދަރިވަރުންނަކީ ގަނާ ކުރުމުގެ ޝިކާރައަކަށްވާ ކުދިންކަން ދިރާސާތައް ހެކިދެއެވެ. މިއީ ހުއްޓުވަން ޖެހިފައި އޮތް ބޮޑު މައްސަލައަކަށް ވަނީ ކަންކަން މިއަދަށްވުރެ ގޯސްވެ ނުހިފެހެއްޓޭ މިންވަރަށް އިތުރުވުމުންނެއް ނޫނެވެ. ގޭތެރެއިން ބެލެނިވެރިން، އަދި ސްކޫލުގައި ޓީޗަރުން މިފަދަ ކަންކަމަށް ކޮންމެހެންވެސް ސަމާލުކަން ދޭން ޖެހެއެވެ. ގޭތެރޭގައި އާއި ކްލާސް ތެރޭގައި ހިނގާ ކަންތައްތައް ގާތުން ބަލައި، ހައްލު ކުރަން ޖެހެއެވެ. ހުރިހާ ކުދިންނާއި މެދު އެއް ހަމައެއްގައި ކަންތައްތައްކޮށްދޭން ޖެހޭނެއެވެ.

ނޯޓް: މިއީ މީސް މީޑިޔާގައި ދައުރުވި ޕޯސްޓެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ހާދިސާއެކެވެ. ސަބަބުތަކަށްޓަކައި މި ލިއުމުގައި ހާދިސާ ދިމާވި ފަރާތުގެ ނަން ހިމަނާފައެއް ނުވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ބޮޑުބެ

    ގަނާ ކުރުމަކީ ކޮބާ؟

    • އއ

      ބުލީ ކުރުން

      • ލޮ

        ޣާޏޯ

  2. އިސްމާލު

    ތިޔަގޮތަށް ފޮރުވި ތިބެގެން ފާޑުފާޑުގެ ވާހަކަދައްކާ ލިޔުންތައް ލިޔާތީއޭ މިކަންކަން ނުހުއްޓިގެން މިއުޅެނީ. ނޫސްވެރިޔާއަށް ތިޔަމައުލޫމާތުތައް ލިބުނުއިރު ކީއްވެތޯ މިމައްސަލައާގެން ނޫޅެނީ ތިވެސްހަމަ އިންސާނެކޭ. ނޫސްވެރިޔާއަށްވެސް މިކަމާއުޅުމުގެ ހައްގު އެބައޮތޭ. އަހަރެންނަކީވެސް ހަމައާދައިގެ މީހެއް. މަގޭ ދަރިޔަކަށް ތިކަހަލަކަމެއް ކިތަންމެމޮޅު މީހަކު ކުރިއަސް ކަންވީގޮތް ބަލާނަށް ކަމާބެހޭ ހުރިހާ ފަރާތަކަށްދާނަށް.

  3. ހަނގާ

    ކޮން ގަނާ އެއްތަ؟ ގަނާ އެއް ނޫން ކިޔަނީ.. ހަނގާ.. ދެންވެސް ރަގަޅުކޮށްބަލަ.!

    • Anonymous

      ޕިސް ޕިސް ހަނގާ

  4. އައިރާ

    މިދުނިޔޭގަ ތިކުއްޖާއަށާއި ތިކުއްޖާގެ އާއިލާއަށް އިންސާފް ނުލިބުނަސް ޔަޤީނުންވެސް އިންސާފް ލިބޭނެ ދުވަހެއް އަންނާނެ.އެއީ ﷲގެ ހަޟްރަތުގަ މަޚްލޫޤުތަކުންނާއި މެދު ފުރިހަމައަށް އިންސާފް ކުރައްވާ ދުވަސް.

  5. އަބްދުއްލާ

    މި މައްސަލަ ފުލުހަށް ހުށަހަޅައިގެން ބެލެންވާނެ ސްކޯލް ޓީޗަރަށާ ކުދިންނަށް އަދަބު ހައްގު ވާނެ.

  6. އިކޫ

    މިއީ ވަރަށް ދެރަކަމެއް އަޅުގަނޑުމެންގެ މުޖުތަމަޢުގައި ހިނގާ ސްކޫލު ތަކުން ވެސް މިކަހަލަ ކަންކަން ހުއްޓުވުމަށް މަސައްކަތް ކުރަން ޖެހޭ އަދި މައިނބަފައިން ވެސް ކުދިން ދައްކާ ވާހަކަ އަޑުއަހާ މިފަދަ ކަންކަމަށް ސަމާލުކަން ދޭންއެބަޖެހޭ

  7. މުހައްމަދުސުލައިމާނު

    ގަނާ މިބަސް އެއީ ކޮންއިރަކު ވުޖޫދަށް އައި ބަހެއްތޯ؟

  8. ސުސްމާ

    ގަނާ އެއީ ބުލީ އަށް ބޭނުންކުރާ ދިވެހި ލަފުޒު

  9. މިކީ

    ކޮން ރަށެއްގެ ސްކޫލެއްކަންވެސް ހާމަ ކޮއްލަދިން ނަމަ.. ތިވަރުގެ ގަމާރު ނުކިޔަވާތިބި ޒިންމާދާރުކަންކުޑަ ބަޔަކު ތި ސްކޫލްގަ ތިބީތީ ދެރަވޭ.. ނުހައްގު މަގާމް ތަކުގަ ތިބެގެން ނުހައްގު ލާރި ހޯދައިގެން ކާ ބައެއްނު ތީ

  10. ޚޚ

    1970 ގެ. ޢަހަރުތަކުގައި، މަޖީދިއްޔާވެސް، އެފަދަ

  11. ތަކުރުފާނު

    މިއީ މިކުޑަކުޑަ ދުނިޔޭގައި ކަން ހިނގަމުދާގޮތް... ވަަރަށް ދެރަ އެކަމަކުވެސް ހަގީގަތަކީ މިއީ، މުއްސަނދި ކަމަކީވެސް ﷲ ދެއްވި ނިޢުމަތެއް.. އެހެންވެ މިނިޢުމަތަށް ވިސްނާލުމަކީ ވަރަށް މުހިންމު ކަމެއް. މިމުއްސަނދިކަމުގައިވޭ ނިކަމެތި ފަޤީރުންނާއި،މިސްކީނުންނާއި ޙަލުގައި ޖެހިފައިވާ މުސްލިމުންގެ ޙައްޤެއް. އެޙައްޤު އަދަކުރުމުގެ ގޮތުން ޒަކާތް(މުދަލާއި ފިޠުރު ޒަކާތް) ދެއްކުމަކީ ކޮންމެ މުސްލިމެއްގެ މައްޗައް ފަރުޟުކުރައްވައިފައިވާ ކަމެއް. އަދި މިފަރުޟު އާދާކުރަމުން އެހެނިހެން ދީނީ އަޅުކަންތަކަށް ސަމާލުވާންޖެހޭނެ. ގަނާކުރުމަށް ބަލަާލާއިރު މިއި ކޮންފަދަ ނުބައި ޢަމަލެއްކަންވެސް ތިމާގެ ދަރިންނަށް ވިސްނައިދޭން މަސައްކަތް ކުރުމަކީ ވަރަށް މުހިއްމުކަމެއް.. އެންމެ ފުރަަތަމަ އެކުދިންދަށް ވިސްނައިދޭންވީ އަހުރެމެން މިދުނިޔެއަށް ﷲ ފޮނުއްވީ އިމްތިޙާން ތަކަކާއި އެކުކަމެވެ. އެގޮތުން މުއްސަނދިކަމަކީވެސް ﷲ ދެއްވައިފައިވާ އިމްތިޙާނެއްކަން އެކުދިންނަށް ވިސްނައިދިނުމަކީ ވަރަމުހިއްމުކަމެއް.. އެގޮތުން މިކުޑަކުޑަ ދުނިޔޭގައި ފަޤީރުންނާއި ޙާލުގައި ޖެހިފައިވާ އެތަކެއް ބަޔަކު އުޅޭނެކަން ވިސްނައިދޭން އެބަޖެހޭ.. އައި ކޮންމެ ނިކަމެއްޗެއްގައިގަވެސް މުއްސަނދިންނެކޭ އެއްފަދައިން އިހުސާސުތަކެއްވާކަން ވިސްނައިދޭން އެބަޖެހޭ.. ކުރުކޮށް ފޮނިކޮށް ބުނަންޏާ ބުނެވޭނީ ގަނާކުރުން ހުއްޓުވޭނީ ގޭގެ މަހައުލުންނޭ.. އެނޫންގޮތަކަށް ގަނާކުރުމެއް ނުހުއްޓެނެޔޭ މަބުނާނީ..
    ﷲ ކަލޭމެންގެ ފާފަ ފުއްސަވާތޯ ދުޢާކުރާ ޙަލު ވަކިވެލާނަން
    ވައްސަލާމުޢަލައިިކުމް

  12. ޭއެކަނިވެރިޔާ

    Thee hama ekani school thakuge haalatheh noon mihaaru risoat thakugaves tbivoiy hakuraa hakurey bunaa gothah e nubonyaa emeehaa baakee vee

  13. ޫނުބައި

    ގަނާއެކޭ ނުކިޔާނެ. ޙަނގާކުރުން ކިޔާނީ..