އިންޑިއާގެ ކަންޕޫރްގެ މަގެއްގެ މަތީގައި މިދިޔަ އާދީއްތަ ދުވަހު ހިނގި އެކްސިޑެންޓަކަށްފަހު، މަަރުވިކަމަށް ޑޮކްޓަރުން ނިންމި މީހަކު ދިރިއޮއްވާ ފެނިއްޖެއެވެ. އިންޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި، އެ މީހާ މަރުވެއްޖެކަމަށް އާއިލާއަށްވެސް ޑޮކްޓަރުން އަންގާފައިވަނިކޮށް އެ މީހާ ދިރި އޮއްވާ ފެނުނީ، ޕޯސްޓް މޯޓަމް ހެދުމަށް ގެންގޮސްފައިވަނިކޮށެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އޭނާ އެކްސިޑެންޓްވި ދުވަހު، އޭނާ މަރުވެއްޖެކަމަށް ހޮސްޕިޓަލުން އެންގިއެވެ. އަދި ހަމަ އެ ދުވަހު އޭނާގެ ޕޯސްޓްމޯޓަމް ހެދުމަށް ނިންމާ ފޮނުވާލިއިރު، ޕޯސްޓް މޯޓަމް ހެދުމަށް އޭނާ މޯޗަރީއަށް ލާން އުޅުމުގެ ތެރޭގައި، އޭނާ ކުޑަކޮށް ހެލިގަތް ކަމަށް ވެއެވެ.

އަދި އެ މީހާގެ ހަށިގަނޑުގައި ފުރާނަ ހުރިކަން އެނގި ވަގުތުން އަނބުރާ ހޮސްޕިޓަލަށް ގެންދިޔައެވެ. އަދި އޭނާގެ އޮޕަރޭޝަނެއް ކުރުމަށް ނިންމިއެވެ.

ޕޫޖާ ސިންގ ނަމަކަށް ކިޔާ އެމީހާ މަރުވެއްޖެކަމަށް ނިންމީ ރާމް ޝިވް ހޮސްޕިޓަލުންނެވެ. އެ ހޮސްޕިޓަލްގައި މިދިޔަ އާދީއްތަ ދުވަހުގެ ހެނދުނު އެކްސިޑެންޓަށްފަހު ލިބުނު އަނިޔާތަކަށް ޕޫޖާއަށް ފަރުވާދެމުން ދިޔައިރު، އޭނާ މަރުވެއްޖެކަމަށް ބުނެ، ޕޯސްޓް މޯޓަމް ހެދުމަށް ފޮނުވާލީ ލާލާ ލާޖްޕަތް ރާމް ހޮސްޕިޓަލަށެވެ. އޭނާ މަރުވިކަމަށް ނިންމާފައި ވަނީ އެ ދުވަހު ހަވީރުއެވެ. އަދި މަރުވިކަމުގެ ސެޓްފިކެޓްވެސް އާއިލާއާ ހަވާލުކުރިއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އޭނާ ހަށިގަނޑުގައި ފުރާނަ ހުރިކަން އެނގުނީ އާއިލާގެ ބަޔަކަށެވެ. އަދި އެ ހޮސްޕިޓަލުން އޭނާގެ ޕޯސްޓްމޯޓަމް ކަންތަކާއި އުޅުނު ޑޮކްޓަރުންވެސް ވަނީ އެކަން ކަށަވަރުކޮށްފައެވެ.

ނަމަވެސް ޕޫޖާ މަރުނުވާކަން އެނގި އަލުން އޭނާއަށް ފަރުވާދޭން ފެށި ފަހުން އޭނާ ވަނީ މަރުވެފައެވެ. އޭނާ މަރުވެފައި ވަނީ މިދިޔަ ހޯމަ ދުވަހުއެވެ.

ޕޫޖާގެ އާއިލާއިން މިހާރު ވަނީ އެ މައްސަލަ އެ ހޮސްޕިޓަލާއި އަދި ޑޮކްޓަރުންނާއި ދެކޮލަށް ފުލުހަށް ހުށަހަޅާފައެެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސޭކުސްތާން

    އިންޑިޔާގެ ޚަބަރު ނުޖަހާށޭ.