ވަރުން ދަވަންގެ ލޯބީގެ ފިލްމް "އޮކްޓޯބަރ" މި އަންނަ އޭޕްރީލް މަހުގައި ރިލީޒް ކުރާނެކަމަށް އޭބާ ބުނެފިއެވެ.

ވަރުން އެހެން ބުނެފައިވަނީ ފިލްމްގެ ޓީޒާ އަކާއެކު ކުރި ޓްވީޓެއްގައެވެ. އެ ޓްވީޓްގައި އޭނާ ބުނެފައި ވަނީ "މިއަހަރުގެ "އޮކްޓޯބަރ" އަންނަނީ އޭޕްރީލް މަހުގެ ތެރޭގައި. އައުމަށް ފަހު ދޫކޮށް ނުދާނެ" މި ހެންނެވެ. އެ ޓްވީޓްގައި ވާގޮތުން ފިލްމް ރިލީޒް ކުރާނީ އޭޕްރީލް 13 ވަނަ ދުވަހުގައެވެ.

މި ފިލްމްގައި ވަރުންނާއެކު ހަރަކާތްތެރި ވާނީ މުޅިން އަލަށް ބޮލީވުޑަށް ނިކުންނަ ސޫޖިތް ސިރްކާރު އާއި މޮޑެލިންގެ ދާއިރާގައި ހަރަކާތްތެރިވަމުން ދިޔަ ބަމިތާ ސަންދު އެވެ. މި ފިލްމަކީ ލޯބީގެ ރޮމާންޓިކް މަންޒަރުތަކެއް އެކުލެވޭ ލޯބީގެ ފިލްމެކެއެވެ. ފިލްމްގެ ސޫޓިންތައް ފަށާފައިވަނީ މިދިޔަ އަހަރު އޮކްޓޯބަރު މަހުގެ ތެރޭގައެވެ.

"ސްޓޫޑެންޓް އޮފް ދަ ޔާ" ގެ ކާމިޔާބީއަށް ފަހު ވަރުން ވަނީ ބޮލީވުޑަގައި ކާމިޔާބު ގިނަ ފިލްމެއް ކުޅެފައެވެ. އޭގެ ތެރޭގައި "އޭބީސީޑީ 2"، "މޭ ތެރާ ހީރޯ" އަދި "ޖުޑްވާ 2" ހިމެނެއެވެ. "އޮކްޓޯބަރ" ގެ އިތުރުން މިއަހަރުގައި ވަރުންގެ 2 ފިލްމެއް ނިކުރުމަށްވަނީ ހަމަޖެހިފައެވެ. އެއީ "ނަވާބްޒާދެ" އާއި "ސުއި ދާގެ" އެވެ.

ވަރުން އާންމު ގޮތެއްގައި ގިނައިން ކުޅެދީފައި ވަނީ ހެއްވާ މަޖާ ރޯލްތަކެއެވެ. އަދި އޭނަ ވަނީ ހެއްވާ މަޖާ ރޯލްތަކުން އެކި އަހަރުގައި އެތަށް އެވޯޑެއް ހާސިލްކޮށްފައެވެ. މިއީ ވަރުން ލޯބީގެ ރޮމަންޓިކް ފިލްމެއް ކުޅޭ ފުރަތަމަ ފަހަރެވެ. ނަމަވެސް ވަރުން ބުނަނީ މި ފިލްމް އެންމެނަށްވެސް ކަމުދާނެކަމަށާއި އޭނާގެ ހުނަރު އެންމެ ރަނގަޅަށް މި ފިލްމްގައި ދައްކުވާދީފައި ވާނެކަމަށެވެ.