މާވެލްގެ "ބްލެކް ޕެންތާ" ގެ އާމްދަނީ ބޮކްސް އޮފީހުގައި އެއް ބިލިއަން ޑޮލަރު ފަހަނައަޅައި ހިނގައްޖެ އެވެ.

މިދިޔަ މަހު 16 ގައި ރިލީޒު ކުރި މި ފިލްމަަށް އެތައް ބައެއްގެ ތައުރީފު އޮހެމުން އަންނަ އިރު މިއީ މި އަހަރު ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ފުރަތަމަ ފިލްމެވެ.

ދުނިޔޭގެ އެކި ހިސާބުތަކުގެ ސިނަމާ ތަކުގައި އަޅުވައިގެން "ބްލެކް ޕެންތާ" ގެ އާމްދަނީ އެއް ބިލިއަން ޑޮލަރަށް ވުރެ މައްޗަށް ދިޔަ އިރު މާވެލް އިން ޕްރޮޑިއުސްކޮށް، ވޯލްޓް ޑިޒްނީން ޑިސްޓްރިބިއުޝަނާ ހަވާލުވި "ބްލެކް ޕެންތާ" އަކީ 200 މިލިއަން ޑޮލަރުގެ ބަޖެޓަކުން ރަޔަން ކޫގްލާ ޑައިރެކްޓް ކުރި ފިލްމެކެވެ.

މި ފިލްމު ބިނާކޮށްފައިވަނީ އެފްރިކާ ބައްރުގެ ހިޔާލީ ގައުމެއްގެ ބައެއްގެ މެދުގައި ހިނގާ ހާދިސާތަކެއްގެ މައްޗަށެވެ. ފިލްމްގެ ލީޑު ރޯލުން ފެނިގެންދާ ތަރިންގެ ތެރޭގައި ޑެނިއަލް ކަލޫޔާ، ލުޕިޓާ ނިޔޮންގޯ، މައިކަލް ބީ. ޖޯޑަން އަދި އެންޖެލާ ބެސޭ ހިމެނެ އެވެ.

"ބްލެކް ޕެންތާ" ވެގެން ގޮސްފައިވަނީ ބިލިއަން ޑޮލަރު ކުލަބަން ޖާގަ ހޯދި 33 ވަނަ ފިލްމަށެވެ. ހަމަ އެއާއެކު އެ ކުލަބުން ޖާގަ ހޯދި ޑިޒްނީޒްގެ 16 ވަނަ ފިލްމެވެ.

މާވެލްގެ ފިލްމްތަކުގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމްގެ ރެކޯޑް އޮތީ 2012 ގެ ފިލްމް "ދި އެވެންޖާޒް" ގަ އެވެ. އެ ފިލްމަށް ނޯތު އެމެރިކާ އެކަނި ވެސް 620 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެ އެވެ.

 

ކިޔުންތެރިންގެ ހިޔާލު